ކުޅިވަރު

އުމުރުން 38، އިބްރޮހިމަވިޗަށް ހުއްޓުމެއް ނެތް

އަންނަ މަހު 39 އަހަރު ފުރޭ ޒްލާޓާން އިބްރިހިމޮވިޗް ކާމިޔާބު ކުރި ދެ ލަނޑާއެކު ބޮލަންޏާގެ މައްޗަށް 2-0 ން އޭސީ މިލާން މޮޅުވެއްޖެ އެވެ.

ރޭގެ މެޗަކީ އިބްރޮހިމްވިޗްގެ ކެރިއަރުގައި ތާފަތު ދުވަހެކެވެ. ސެރީ އޭ އޯޕަނިން މެޗުގައި ދެ ލަނޑު އިބްރޮހިމޮވިޗް ޖެހި ދުވަހަކީ މި އެވެ. މީގެ ކުރިން އޭނާ ވަނީ ޔުވެންޓަސް، އިންޓަ މިލާން އަދި މިލާންއަށް އެހެންފަހަރަކުވެސް ކުޅެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޒްލަޓާން ބުނީ، އެނާ އަދވެސް ހުރީ ރަނގަޅު ބައްޓަމެއްގައި ކަމަށާއި އޭނާގެ އުމުރަކީ 20 އަހަރު ނަމަ އިތުރު ދެ ގޯލް އޭނާ ޖަހާނެ ކަމަށެވެ. މެޗުގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ ތިއޯ ހެނާންޑޭޒް ނަގައިދިން ހުރަސް ބޮޅުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ.

އިބްރާ ބުނީ، ޓީމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ އޭނާ އަށް ކަމަށެވެ. މިފަހަރުގެ ސީޒަންގެ ޓާގެޓަކީ މިދިޔަ ސީޒަނަށް ވުރެ ރަނގަޅަށް ނިންމާލުން ކަމަށެވެ. މިދިޔަ ސީޒަން މިލާން ނިންމާލީ ހަ ވަނައިގަ އެވެ. އޭނާ ބުނީ ޓީމުގެ ޒުވާން ކުޅުންތެރިންގެ މަސައްކަތް ފާޙަގަ ކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ މެޗަކާ ކުރިމަތިލަނީ ކަޕް ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށެވެ.

"އެންމެ ބޮޑު ޕްރެޝަރެއް އަހަރެން އަޅުވަނީ އަހަރެންގެ އަމިއްލަ ބޮލުގައި، އަހަރެން ބޭނުމެއް ނެތް މީހުން އަހަރެންގެ އުމުރާ ބެހޭގޮތުން ވާހަކަ ދައްކާކަން،" ސްކައި ސްޕޯޓްސް އިޓަލިއާ އާ ވާހަކަ ދައްކަމުން ޒްލާޓާން ބުންޏެވެ. "އަހަރެން ބޭނުމީ އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އަހަރެންނާމެދުވެސް ކަންތައް ކުރަން، އެ މައްސަލައެއް ނެތް އަހަންނަށް 38 ވިޔަސް، އަހަރެން ބޭނުމީ 20 އަހަރުގެ ކުޅުންތެރިޔެކޭ އެއްގޮތަށް އަހަރެންނާމެދު ކަންތައް ކުރަން އަދި އެ އުމުރުގެ ކުޅުންތެރިޔަކު ކުރާ ލެވަލްއަށް މަސައްކަތް ކުރަން."