ދުނިޔެ

ޝީއަށް ފާޑުކީ ވިޔަފާރިވެރިޔާ 18 އަހަރަށް ޖަލަށް

ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފާޑުކީ ކުރީގެ ރިއަލް އެސްޓޭޓް ވިޔަފާރިވެރިއަކު 18 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ. ޗައިނާގެ ގްލޯބަލް ޓައިމްސް އިން ބުނާ ގޮތުގައި "ބިގް ކެނޯން" ގެ ނަމުން މަޝްހޫރުވެފައިވާ ރެން ޒިކިއަންގް މައްޗަށް ސާބިތުވެފައި ވަނީ ހިޔާނާތާއި ރިޝްވަތު ދިނުމާއި އޭނާގެ ބެލުމުގެ ދަށުގައި ހުރި އާންމު ރައްޔިތުންގެ ހިއްސާވާ ފައިސާ އަށް ހިޔާނާތްތެރިވުމުގެ ކުށެވެ. އޭނަ ސަރުކާރަށް 4.2 މިލިއަން ޔުއާން (ގާތްގަނޑަކަށް 620000 ޑޮލަރު) ދައްކަން ވެސް ހުކުން ކޮށްފައި ވެއެވެ.

ކުށް ސާބިތުވި އިރު ރެން ޒިގިއަންގް ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި ވިނުވީގޮތެެއް ނޭނގި ގެއްލިފަ އެވެ. އޭނަ ގެއްލުނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ބެހޭ ގޮތުން މަޒުމޫނެއް ލިޔުނު ފަހުންނެވެ. އެ މަޒުމޫނުގައި އޭނާގެ ލިޔުން އަމާޒުކުރީ ރައީސް ޝީ ޖިންޕިން އަށް ކަމަށް ސީދަލަށް ބުނެފައެއް ނުވެއެވެ. އެކަމަކު ގަބޫލު ކުރެވޭ ގޮތުގައި އެ ލިއުން ބިނާ ކޮށްފައި އޮތީ ޝީ ޖިންޕިން އަށެވެ.

ބެއިޖިންގެ އިންޓަމީޑިއޭޓް ޕީޕަލް ކޯޓުން ބުނި ގޮތުގައި ރެން ވަނީ 1.25 މިލއަން ޔުއާންގެ ރިޝްވަތު ހިފާފަ އެވެ. އަދި އޭނަ ރައްޔިތުން ހިއްސާވާ ފަންޑަކުން 50 މިލިއަން ޔުއާން އަށް ހިޔާނާތްތެރި ވެފައި ވެއެވެ. ރެން ވަނީ އެއްވެސް މަޖުބޫރު ކަމެއްނެތި އޭނަ ކުރި ހުރިހާ ކުށްތަކަށް އެއްބަސްވެފައި ކަމަށާއި އަދި އެ މައްސަލަ އިސްތިއުނާފު ނުކުޜާނެ ކަމަށް ބެލެވިފައިވާ ކަމަށް ވެސް ބުނެފައި އެވެ.

ހުއާ ޔުއާން ޕްރޮޕަޓީ ކޮމްޕެނީގެ ކުރީގެ ޗެއާމަންް ރެން ޒިކިއަންގް އަކީ ހަމައެކަނި ވިޔަފާރިވެރި މަހުޖަނެއް ނޫނެވެ. ޢޭނާއަކީ ސަރަުކާރުގެ މިނިސްޓްރީ އެއްގެ އިސް ވެރިއެއްގެ ދަރިއެކެވެ. އޭނަ އާއި ވެރިކަންކުރާ ޕާޓީގެ މަތީ ފެންވަރު ގެ ލީޑަރުންނާއި ގާތް ގުޅުމެއް އޮތުމުގެ އިތުރަށް އޭނަ އަކީ ވެސް ޕާޓީ ގައި ވަރަށް ބާރުގަދަ މަގާމެއްގައި ހުރި މީހެކެވެ. އޭގެ ސަބަބުން އޭނަ ގެ ފާޑުކިޔުުންތައް ވެފައިވަނީ ޕާޓީ ތެރެގައި ޢާރުލާ އެއްޗަކަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕް ތަކުން ބުނާގޮތުގައި ޗައިނާ ގެ ސަރުކާރާއި ހިޔާލު ތަފާތުވެ ސަރުކާރަށް ފާޑު ކިޔާ މީހުންގެ ބޮލުގައި ހިޔާނާތުގެ އިލްޒާމް އަޅުވާ އެމީހުންގެ އަޑު ކަނޑުވާލުމަކީ ޗައިނާ ސަރުކާރުން އާންމުކޮށް ކުރާ ކަމެކެވެ. ރެން ލިޔެފައިވާ މަޒުމޫނު ގައި އަލި އަޅުވާލައިފައި ވަނީ ކޮރޯނާ ވައިރަސްގެ ބަލާއާފާތް ހުއްޓުވުމަށް ޗައިނާ އިން ކުރާ މަސައްކަތްތަކާއި ގުޅޭ ގޮތުންނެވެ.

އެ މަޒުމޫނު ލިޔެފައި ވަނީ ރައީސް ޝީ ޖިންޕިން ވަގުތުން ދެއްވި ތަގުރީރެއް ޓީވީ މެދުވެރިކޮށް ދެއްކި ފަހުންނެވެ. އެ މަޒުމޫނު ލިޔުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރެން ވަނީ ކޮމިއުނިސްޓް ޕާޓީން ވަކިކޮށް ޢޭނަ އާއި މެދު އަހްލާގީ ގޮތުން ދަށް ފެންވަރުގެ ކަންތައްތަކެއް ކުރުމުގެ ތުހުމަތު އަޅުވާ އެކަންތަކުގެ ތަހުގީގު ފަށާފަ އެވެ.