މިދިޔަ ދެ އަހަރު ބާސެލޯނާ އަށް ކުޅުނު އާޓޫރޯ ވިޑާލް، އިންޓަ މިލާން އަށް ސޮއި ކޮށްފި އެވެ.
ވިޑާލް އިންޓައަށް ސޮއި ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އަދި އެ ކުލަބުން ބޭނުންނަމަ އިތުރު އަހަރަކަށް ވިޑާލް ޓީމުގައި ބެހެއްޓުމުގެ އިހްތިޔާރު ލިބޭ ގޮތަށެވެ. ބާސާ ދޫކޮށް އިންޓައަށް ވިޑާލް ބަދަލުވީ ހިލޭ ޓްރާންސްފާގެ ދަށުންނެވެ. ބާސާއިން ފުރަތަމަ ޑިމާންޑް ކުރީ ޓްރާންސްފާ ފީގެ ގޮތުގައި އެއް މިލިއަން ޔޫރޯ ދިނުމަށެވެ. ނަމަވެސް ފަހުން އެކަން ހަމަޖެހިގެން ދިޔައީ ޕާފޯމަންސް ބޯނަސްގެ ގޮތުގައި ދޭ އަގެއްގެ ގޮތުގަ އެވެ.
އިންޓަގެ މީހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ކޯޗް ކަމުގެ ދަށުން ކުރިން ޔުވެންޓަސްއަށް ކުޅުނު ވިޑާލް ވަނީ، ކޮންޓޭއާއެކު ޖެހިޖެހިގެން ތިން ފަހަރު ސެރީ އޭ ގެ ޗެމްޕިއަންކަން ޔުވެންޓަސްގައި ހޯދާފަ އެވެ. ޗިލީގެ މިޑްފީލްޑާ ވަނީ 2011 އިން 2015 އަށް ޔުވެންޓަސްގައި 124 މެޗު ކުޅެ 35 ލަނޑު ޖަހައި އިތުރު 22 ލަނޑުޖަހަން އެސިސްޓް ކޮށްދީފަ އެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ހޫނު މޫސުމުގައި އޭނާ ބަދަލުވީ ބަޔާން މިޔުނިކަށެވެ. ބާސާއަށް އޭނާ ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެ ކުލަބާއެކު 96 މެޗު ކުޅެ 11 ގޯލް ޖެހި އެވެ. ބާސާއާ އެކު ދެ ސީޒަންގައި އޭނާއަށް ފުރަތަމަ 11 އިން ދާއިމީކޮށް ޖާގަ ލިބިފައެއް ނުވެ އެވެ. ބާސާގައި އެރުނަސްޓޭ ވަލްވެރުޑޭ އަދި ކީކޭ ސެޓިއެންގެ ކޯޗް ކަމުގައިވެސް އޭނާ އަށް ގިނައިން ފުރުސަތު ލިބިފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
ބާސާލޯނާގެ އާ ކޯޗް ރޮނަލްޑް ކޫމަންގެ ޕްލޭންގައި ވިޑާލް، 33 ނުހިމެނޭ ކަމަށް ކޫމަން ވަނީ އޭނާއަށް އަންގާފަ އެވެ. ކޫމަންގެ ޕްލޭންގައި ނުހިމެނޭކަމަށް އެންގި ކުޅުންތެރިންގެ ތެރެއިން ވިޑާލްއަކީ ކުލަބު ދޫކޮށްލި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މިޑްފީލްޑާ އީވާން ރަކިޓިޗް ވަނީ ކުލަބު ބަދަލު ކޮށްފަ އެވެ. އޭނާ ބަދަލުވީ ކުރިން އޭނާ ކުޅުނު ސެވިއްޔާ އަށެވެ. އިއްޔަ ބާސާއިން ވަނީ ޓީމުގެ ސްޓައިކަރު ލުއިސް ސުއަރޭޒްގެ އެދުމުގެ މަތިން ދެފަރާތް އެއްބަސްވެ ކޮންޓްރެކްޓް ބާތިލު ކޮށްފަ އެވެ. ސުއަރޭޒް ބަދަލުވާނެ ކުލަބެއް އަދި ފައިނަލު ކޮށްފަ އެއް ނުވެ އެވެ.
ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން، ސުއަރޭޒް ގެންދިއުމަށް ޔުވެންޓަސް އާއި އެތުލެޓިކޯ މެޑްރިޑުން ދަނީ މަސައްކަތް ކުރަމުންނެވެ. އިޓަލިއަން ޕާސްޕޯޓް ހޯދުމުގެ މަރުހަލާގައި ހެދި އިޓަލީ ބަހުގެ ޓެސްޓްގައި ސުއަރޭޒް މަކަރު ހަދާފައި ވާކަމަށް ބުނެ އޭނާގެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.