ތިން ގާނޫނަކަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް، މިއަދު ތަސްދީގު ކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާއި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލަކީ އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ގާނޫނު ތަންފީޒުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށާއި އެ ގާނޫނުގައި އިތުރަށް ކަނޑައަޅަންޖެހޭ އިޖުރާއަތްތައް ކަނޑައަޅާފައިވާ ބިލެކެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލަށް ވަނީ މުހިންމު އިސްލާހުތަކެއް ގެނެސް ގާނޫނުގެ ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކޮށްފައެވެ. މި އިސްލާހުތަކުގެ ތެރޭގައި ޖިނާއީ ބޮޑު ކުށެއް ކަމުގައި ބުނެފައިވާ ކުށްތަކުގެ ތެރެއަށް ރޭޕް ކުރުމުގެ ކުށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތަށް އަދި ޓެކްސް ނެގުމާއިބެހޭ އިދާރީ ގާނޫނުގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން 500,000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަަދަދު ހިމެނޭ ކުށްތައް އިތުރުކުރުން ހިމެނެއެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްބި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ހާއްސަ ގާނޫނުގެ ހަތްވަނަ މާއްދާގެ ފަހަތަށް ތިން މާއްދާއެއް ވަނީ އިތުރު ކޮށްފައެެވެ. އެ ގޮތުން، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމުގައި އަމަލު ކުރާނެ ގޮތް ބަޔާން ކުރުމުގެ އިތުރުން އެލްޖީއޭއިން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ އެ އޮތޯރިޓީގެ ރައީސް ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި އެލްޖީއޭގެ ބޯޑުގެ ރިޔާސަތު ބެލެހެއްޓުމާއި ޖަލްސާތައް ބޭއްވުމުގައި ގެންގުޅޭނެ އުސޫލުތައް ވެސް ކަނޑައަޅާފައިވެއެވެ.
"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގައި ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ބޯހިޔާވަހިކަން ގެއްލިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި އެއްވެސް މީހެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ގާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ހިމަނާފައިވެއެވެ.
އަދި މި ބަލިމަޑުކަމާއި ގުޅިގެން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ މީހުންނަށް ހާއްސަ ޗުއްޓީ ހަމަޖައްސައިދިނުމާއި ހާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ ކޮވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތަށް ބަދަލު ގެނައުން ހުއްދަ ނުވާނެ ކަމުގައި ކަނޑައަޅާގައިވެއެވެ.