ކާޑު ލިމިޓަށް ގެނެސްފައިވާ ބަދަލާ ގުޅޭ މައުލޫމާތު ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭން، ބީއެމްއެލް އާއި ހަޔާ އެޑިއުކޭޝަނުން މާދަމާ ވެބިނާއެއް ބާއްވަން ނިންމައިފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ޒޫމް މެދުވެރިކޮށް ބާއްވާ މި ބައްދަލުވުމުގައި ރާއްޖޭން ބޭރުގައި ތައުލީމް ހާސިލް ކުރަމުން ގެންދާ ދަރިވަރުން ބޭންކިން ޓްރާންސްކްޝަންތައް ހެދުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި އޮންލައިން ބޭންކިންގެ މައުލޫމާތު ދޭނެ ކަމަށެވެ. މި ބަދަލުވުން އޮންނާނީ މާދަމާ 14:00 އިން 15:00 އަށެވެ. ޒޫމް މެދުވެރިކޮށް ބާއްވާ މި ބައްދަލުވުމުގައި އާއްމުކޮށް ބައިވެރިވެވޭނެ އެވެ.
ބީއެމްއެލް އިން ވަނީ ކޭޝް ކާޑުން ރާއްޖޭން ބޭރުގައި 750 ޑޮލަރު އަދި ރާއްޖޭގައި 250 ޑޮލަރު ނެގޭ ގޮތަށް ބަދަލު ގެނެސްފަ އެވެ. މި ބަދަލު ގެނައި ނަމަވެސް ބޭންކުން ވަނީ ބޭސްފަރުވާ ހޯދާ ފަރާތްތަކާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި އިސްކަންދީ ކާޑު ލިމިޓު އިތުރުކޮށްދޭނެ ކަމަށް ބުނެފަ އެވެ.
ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތައް ލިމިޓްކޮށްފައިވަނީ ޑޮލަރުގެ ލިކުއިޑިޓީ ހިފެހެއްޓުމުގެ ގޮތުންނެވެ. ބޭރުގައި މުއާމަލާތް ކުރެވޭ އަދަދުތަކަށް ބަދަލު ގެނައި ނަމަވެސް ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލްގެ ޔޫއެސް ޑޮލަރު ބުކިން ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ޑޮލަރު ގަނެވޭނެ އެވެ. އަދި މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮލަރު ނެގޭނެ އެވެ.