ވިޔަފާރި

ދިވެހި މަސްވެރިންނަށް ފޯޖީ ރާޑަރު ތައާރަފުކުރަނީ

ދިވެހި މަސްވެރިންނަށް ފޯޖީ ރާޑަރު ތައާރަފުކުރަން މައިޒާން އިލެކްޓްރޯނިކްސް އިން ތައްޔާރުވެއްޖެ އެވެ.

މައިޒާން އިލެކްޓްރޯނިކްގެ ވެރިޔާ އަހުމަދު މަނިކު (މައިޒާން އަހަންމަދޭ) ވިދާޅުވީ އައިންމަތީ ދޫނި ދެނެގަތުމަށް ހާއްސަ މި ރާޑަރު މި އަހަރުގެ މަސްވެރިންގެ ދުވަހު ރާއްޖެއަށް ތައާރަފު ކުރަން ތައްޔާރުވަމުން އަނަނަ ކަމަށެވެ.

މަސްވެރިންގެ ދުވަހަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

"މި ރާޑަރަކީ މިހާރު ވެސް ދުނިޔޭގައި ބޭނުންކުރާ އެއްޗެއް. ނަމަވެސް ދިވެހި މަސްވެރިންނަށް މި ތައާރަފު ކުރަނީ އަލަށް" އަހައްމަދޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ރާޑަރު ތައާރަފު ކުރުމުން މަސް އައިން ދެނެގަތުމަށް މިހާރަށް ވުރެ ފަސޭހަ ވެގެންދާނެ ކަމަށެވެ.

"މިދިޔަ އަހަރު ފޯޖީ ރާޑަރު ތައާރަފު ކުރީ. މީގެ ސަބަބުން މަސްވެރިންނަށް ކުރިއެރުން ލިބޭނެ. ފަސޭހައިން އައިން ފެނޭނެ. މީގެ އިތުރުން މި ރާޑަރުގެ ސަބަބުން މަސް ދޯނި ފަހަރުވެސް ދުރުން ފެންނާނެ،" އަހަންމަދޭ ވިދާޅުވި އެވެ.

މައިޒާން އިލެކްޓްރޯނިކްސްއިން ދަނީ މަސްވެރިންނަށް ހާއްސަ ޓެކްނޮލޮޖީ ތައާރަފު ކުރަމުންނެވެ. އެ ކުންފުނިން ވަނީ ފިޝް ފައިންޑާ އާއި މެޕްސް ވެސް ދިވެހި މަސްވެރިންނާ ހަމައަށް ގެނެސްދީފަ އެވެ.