ހަބަރު

ތިން ގައުމަކަށް ސަފީރުން އައްޔަނުކުރައްވައިފި

Sep 23, 2020
1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިންޑިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަދި ޕާކިސްތާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

މިގޮތުން، އިންޑިއާގައި ހުންނަ ސަފީރުކަމަށް ކަނޑައަޅުއްވާފައި ވަނީ ހެންވޭރު ނިޔާސާ ޑރ. ހުސައިން ނިޔާޒެވެ. ޔޫއޭއީ އަށް ހެންވޭރު މިސްޓީލޮޖް އާމިނަތު ޝަބީނާ އައްޔަނުކުރެއްވިއިރު، ޕާކިސްތާނުގައި ހުންނަ ސަފީރަކަށް އައްޔަންކުރައްވާފައި ވަނީ ގަލޮޅު ޗޭނުގެ ފަރުޒާނާ ޒާހިރެވެ.

އިންޑިއާއަށް ކަނޑައެޅުއްވި ޑރ. ނިޔާޒު އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ސަފީރުކަމުގެ މަގާމުގަ އެވެ. އޭނާ ވަނީ އަބޫ ދާބީގެ އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީގެ ދާއިމީ މަންދޫބުގެ މަގާމާއި، ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފަ އެވެ.

ނިޔާޒަކީ ނިއުޒީލެންޑުން ޑިމޮގްރަފި އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސަފީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޔޫއޭއީގެ ސަފީރުކަމަށް އައްޔަނުކުރެއްވި އާމިނަތު ޝަބީނާ އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތްކުރައްވާފައި އާމިނަތު ޝަބީނާ ވަނީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި އެވެ..

ޕާކިސްތާނުގައި ހުންނަ ސަފީރުކަމަށް ކަނޑައެޅުއްވި ފަރުޒާނާ ޒާހިރު އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީ ޖޮއިންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އެނާ ވެސް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި މަސައްކަތްކުރައްވާފަ އެވެ. ފަރުޒާނާ ޒާހިރަކީ ނިއުޒީލެންޑުން މާސްޓާ އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.