ޔުމްނާ މައުމޫން

ފަންނާނުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވޭނެ: ޔުމްނާ

ފަންނާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް މި ސަރުކާރުން ހައްލު ހޯދާ ދެއްވާނެ ކަމަށް މިނިސްޓަަރު ފޯ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ފަންނާނުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ނެތުމަކީ ފަންނާނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ކަންކަަމަށް ހައްލު ނުލިބި ވަނިކޮށް ކޮވިޑްގެ ބަލިމަޑުކަން ކުރިމަތިވުމުން ފަންނާނުންނަށް އާމްދަނީ ލިބޭނެ ހުރިހާ މަގުތަކެއް ވަނީ ބަންދުވެފައެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައި ހުއްޓުމާއެކު ރިސޯޓްތަކުގައި މިއުޒިކު ކުޅޭ ފަންނާނުންގެ މަަސައްކަތް ވަނީ ގެއްލިފައެވެ.

އެކަމާއި ގުޅިގެން މިއުޒީޝަން ޔޫނިއަން އޮފް މޯލްޑިވްސްއިން މިއަދު ވަނީ މިނިސްޓަރު ޔުމްނާ އާއި އެ މިނިސްްޓްރީގެ އިސްވެރިން އަދި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއެކު މަޝްވަރާތަކެއް ކޮށްފައެވެ.

އެ ބައްދަލްވުމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ޔުމްނާ ވިދާޅުވީ ފަންނާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ޒަމާންވީ މައްސަލަތަކެއް ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ މައްސަލަތަކަށް ދާއީމީ ހައްލު ހޯދުމަށް ކަމަށް ވިދާޅުވިއެވެ. ޔުމްނާ ވިދާޅުވީ ދެ ފަރާތް ގުޅިގެން މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށެވެ.

"ފަންނާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަކީ ޒަމާންވީ މައްސަލަތަކެއް. މި ސަރުކާރުގެ އަމާޒަކީ ކަމާއިބެހޭ ހުރިހާ ފަރާތްތައް ގުޅިގެން އެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުން. އިރާދަކުރެއްވިއްޔާ ސަރުކާރާއި ފަންނާނުން ގުޅިގެން ކަންކަން ހައްލު ކުރެވޭނެ،" ޔުމްނާ ވިދާޅުވިއެވެ.