ދުނިޔެ

ސިއްރު ރަސްމިއްޔާތެއްގައި ލުކަޝެންކޯ ހުވާ ކުރައްވައިފި

ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ރައީސް ކަމުގެ ހަ ވަނަ ދައުރެއްގެ ހުވާ ކުރައްވައިފި އެވެ. އިންތިހާބުގެ ނަތީޖާ އިދިކޮޅު ޕާޓީތަކުން ގަބޫލު ނުކޮށް ސަރުކާރާއި ދެކޮޅަށް އެތައް ހަފުތާ އެއް ވަންދެން މެދުކެނޑުމެއްނެތި މުޒާހަރާ ކުރުމާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި މި ބޮޑު ރަސްމިއްޔާތާ ބެހޭ މައުލޫމާތު އޮތީ ވަރަށް ސިއްރު ކޮށްފަ އެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް މިންސްކްގަ އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިންނާއި އެހެނިހެން ދާއިރާ ތަކުގެ މަތީ ފެންވަރުގެ ވަފުދުތައް ބައިވެރިވި އެވެ. އަދި ބެލަރޫސްގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަން ގެ ވެރިޔާ ވަނީ ރައީސް ލުކަޝެންކޯއަށް ބެލަރުސްގެ ރައީސްގެ ރަސްމީ އައިޑީކާޑް ހަވާލު ކުރައްވާފަ އެވެ.

"އަޅުގަނޑުމެން ހަމައެކަނި ރައީސެއް އިންތިހާބު ކުރީކީއެއް ނޫން. އަޅުގަނޑުމެން އަމިއްލަ ނަފްސުގެ އަގާއި ސުލްހަވެރި ދިރި އުޅުމާއި އިސްތިގުލާލް އަދި މިނިވަންކަން މި ދިފާއު ކުރަނީ،" ރައީސް ލުކަޝެންކޯ ވިދާޅުވި އެވެ.

އޯގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން ލުކަޝެންކޯ ވަނީ ވޯޓުގެ 80 ޕަސެންޓް ކާމިޔާބު ކުރައްވާފަ އެވެ އަދި އެ މަނިކުފާނުގެ އެންމެ ބޮޑު ވާދަވެރިޔާ ސްވެޓްލާނާ ތިކަނޮވްސްކަޔާއަށް ލިބިވަޑައިގަތީ 10 ޕަސެންޓެވެ.

ތިކަނޮވްސްކަޔާ އާއި އެކަމަނާއަށް ތާއީދު ކުރާ މީހުން މި އިންތިހާބުގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ އަދި މެދުކެނޑުމެއް ނެތި ސަރުކާރާއި ދެކޮޅަށް ހަ ހަފުތާއަށް ވުރެ ގިނަ ދުވަހު ކޮށްފައިވާ މުޒާހަރާ ތަކުގައި ރައީސް ލުކަޝެންކޯގެ އިސްތިއުފާ އަށް އެތައް ފަހަރަކު ވަނީ ގޮވާލާފަ އެވެ.

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ވަނީ އިންތިހާބުގެ ދުވަސްވަރު ފުލުހުން މުޒާހަރާތައް ވަރަށް އަނިޔާވެރިކޮށް ހުއްޓުވި ހުއްޓުވުމަށް ފާޑު ކިޔާ ފައެވެ. ޖަރުމަން ސަރުކާރުން ބުނާ ގޮތުގައި ބެލަރޫސްގެ ރައީސް ކަމަށް ލުކަޝެންކޯ އިންތިހާބު ކުރިއަސް އެމަނިކުފާނަކީ ރައީސެއް ކަމަކަށް ގަބޫލު ނުކުރާނެ އެވެ. އަދި ޖަރުމަން ގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ޖަރުމަނުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް އީޔޫ އިން ބެލަރޫސް އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާށެވެ.

ކުރިން ރޫސީވިލާތުގެ ޖުމްހުރިއްޔާ އެއްގެ ގޮތުގައި އޮތް، އާބާދީ ގައި 9.5 މިލިއަން މީހުން ހިމެނޭ ބެލަރޫސް ގައި "ދަގަނޑު އަތް" ބޭނުން ކުރައްވައިގެން ލުކަޝަންކޯ ވެރިކަން ކުރައްވާތާ މިހާރު 26 އަހަރު ވެއްޖެ އެވެ.