ކުޅިވަރު

ސެމޭޑޯ ވޮލްވްސްއަށް ބަދަލުވެއްޖެ

މިދިޔަ ތިން އަހަރު ބާސެލޯނާއަށް ކުޅުނު ޑިފެންޑަރު ނެލްސަން ސެމޭޑޯ ވޯލްވާހެމްޓަން ވޮންޑާސްއަށް ބަދަލުވެ ވޮލްވްސްގެ ޓީމުގައި ޕޯޗްގަލްގެ ކުޅުންތެރިންގެ އަދަދު 10 އަށް އަރުވައިފި އެވެ.

ކަނާތު ބެކަށް ކުޅޭ ސެމޭޑޯގެ ސޮއި ކުރުވުމަށްޓަކައި ވޮލްވްސްއިން ވަނީ 40 މިލިއަން ޔޫރޯ ބާސާއަށް ދޭން އެއްބަސް ވެފަ އެވެ. ވޮލްވްސްގެ ޕޯޗަގަލް ކޯޗް ނޫނޯ އެސްޕިރިޓޯ ސަންޓޯ، ސެމޭޑޯގެ ސޮއި ހޯދީ ކުރިން އެ ޓީމުގެ ކަނާތު ބެކަށް ކުޅުނު މަކް ޑޮކްޓީ ޓޮޓެންހަމްއަށް ބަދަލުވުމުންނެވެ.

ސެމޭޑޯ އަކީ، މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި ވޮލްވްސް އާ ގުޅުނު ފަސް ވަނަ ކުޅުންތެރިޔާ އެވެ. އެ ފަސް ކުޅުންތެރިންގެ ތެރެއިން ތިން ކުޅުންތެރިންނަކީ ޕޯޗްގަލްގެ ކުޅުންތެރިންނެވެ. އެއީ ސެމޭޑޯގެ އިތުރުން ޕޯޓޯގެ ޒުވާން ޓީމުން ވޮލްވްސްއަށް ބަދަލުވި އުމުރުން 18 އަހަރުގެ ފޯވަޑް ފަބިއޯ ސިލްވާ އާއި އުމުރުން 20 އަހަރުގެ މިޑްފީލްޑާ ވައިޓޯ ފެރޭރާ އެވެ.

ވޮލްވްސްގައި މިހާ ބައިވަރު ޕޯޗްގަލް ކުޅުންތެރިން ތިބުމުގެ ފަހަތުގައި އޮތީ ކޮންކަމެއް ހެއްޔެވެ؟ ޕޯޗްގަލް ލީގްގެ ކުލަބުތަކުގައި ފުރަތަމަ 11 ގައި ކުޅޭ ޕޯޗްގަލް ކުޅުންތެރިންނަށް ވުރެ ވޮލްވްސްގެ ފުރަތަމަ 11 ގައި އެކަނިވެސް ޕޯޗްގަލްގެ ކުޅުންތެރިން ގިނަ އެވެ.

ކުރިން ޕޯޓޯއަށް ކޯޗް ކޮށްދިން ނޫނޫ ސަންޓޯ ވޮލްވްސް އާ ހަވާލުވެ އޭނާ ބެލީ، ޓީމެއް ބިނާ ކުރުމުގެ މަގްސަދާއެކު ޕްރިމިއާ ލީގްގެ އެލީޓް ލެވަލްއާ ވާދަ ކުރެވޭ ފެންވަރުގެ ކުލަބަކަށް ވޯލްވްސް ހެދުމަށެވެ. ހަތަރު އަހަރުތެރޭ އޭނާ ކުރި މަސައްކަތުން ރަނގަޅު ނަތީޖާތަކެއް ވޮލްވްސް އިން ވަނީ ނެރެފަ އެވެ. ޓީމު ބިނާ ކުރުމަށް ޒުވާން ކުޅުންތެރިން ހޯދުމުގައި ސަންޓޯ އެންމެ ގިނައިން ކުޅުންތެރިން ހޯދީ ޕޯޗްގަލްއިންނެވެ. ޔޫރަޕްގެ ގުރާސްރޫޓް މަސައްކަތަށް ބާލާއިރު ޕޯޗްގަލްއަކީ ކާމިޔާބު މަސައްކަތެއް ކޮށްފައިވާ ގައުމެކެވެ. ޕޯޗްގަލްގެ އެކެޑެމީތަކުން ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ ނެރެފަ އެވެ.

ވޮލްވްސް އާ ޕޯޗްގަލްގެ ކުޅުންތެރިން ގުޅުވައިދިނުމުގެ ކުރީ ސަފުގައި ހުރީ މަޝްހޫރު އެޖެންޓް މެންޑޭސް އެވެ. ޔޫރަޕްގައި އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު އެޖެންޓެވެ. ކުލަބުތަކުންވެސް ޑީލް ކުރަން ފަސޭހަ އެޖެންޓެއްގެ ގޮތުގައި މެންޑޭސް ފާހަގަ ވެގެން ދެ އެވެ. ޕޯޗްގަލްއަށް ނިސްބަތްވާ މަޝްހޫރު އެޖެންޓް މެންޑޭސްގެ ޖެސްޓިފިއުޓް އެޖެންސީއަކީ ޕޯޗްގަލްގެ ގިނަ ކުޅުންތެރިންގެ ޓްރާންސްފާގެ މަސައްކަތް ކުރާ އެޖެންސީ އެވެ.

އެކެޑެމީތަކުން ޕްރަމޯޓްވާ ޒުވާން ކުޅުންތެރިންގެ މެދުވެރިއެއްގެ ގޮތުގައި ވަނީ މެންޑޭސްގެ ޖެސްޓިފިއުޓް އެޖެންސީ، ޒުވާން ކުޅުންތެރިންނަށް ކުލަބުތަކުން ފުރުސަތު ހޯދައިދިނުމުގައި މެންޑޭސްއަށް މަސައްކަތް ކުރަން ފަސޭހަ ވުމަކީ ގިނަ ކުޅުންތެރިން އޭނާއާ ގުޅޭ ސަބަބެވެ. ޒުވާން ގިނަ ކުޅުންތެރިންތަކެއް މެންޑޭސްގެ ކްލައިންޓުންގެ ގޮތުގައި ތިބިއިރު ޑިވްލަޕްމެންޓަށް ވިސްނާ ޓީމުތަކަށް މެންޑޭސް މެދުވެރިވެގެން ހުނަރުވެރި ކުޅުންތެރިންތަކެއް ހޯދައިދެ އެވެ. ވޮލްވްސްއާ މެންޑޭސް އާ ދެމެދު އޮތީވެސް އެކަހަލަ ގުޅުމެކެވެ. ޕޯޗްގަލްގެ ކުޅުންތެރިން ވޯލްވްސްއަށް އެކްސްޕޯޓްވާ އެންމެ މައިގަނޑު ސަބަބަކީ އެއީ އެވެ.