ހައިކޯޓް

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ފަރުހީޒާ އާއި ޝަފީއު އައްޔަން ކުރަނީ

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ސ. މަރަދޫ ޒެފެއާ ފާތިމަތު ފަރުހީޒާ އާއި ކ. ދިށްފުށި، ސްވީޓްމީޑް ހަސަން ޝަފީއު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ހަމަޖެއްސި ފާތިމަތު ފަރުހީޒަކީ ފޭދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓެވެ. ހަސަން ޝަފީއުއަކީ ފެމިލީ އަދި ސިވިލްކޯޓްގެ ފަނޑިޔާރެކެވެ. ޖޭއެސްސީން މިއަދު ބުނީ ހުސްވެފައިވާ ހައި ކޯޓްގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން "ފަނޑިޔާރުން އައްޔަން ކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމެޓީ"ން ސްކްރީންކޮށް އިންޓަވިއު ކުރުމަށްފަހު ހުށައަޅާފައިވާ ރިޕޯޓްގެ ތަރުތީބުން "ހައި ރިކޮމެންޑެޑް" ކޮށްފައިވާ ފަރުހީޒާ އާއި ޝަފީއު، ހައިކޯޓަށް އައްޔަން ކުރަން ނިންމާފައިވާ ކަމަށެވެ.

ފާތިމަތު ފަރުހީޒު ވަނީ ގާނޫނީ ރޮނގުން މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އޮނާސް) އަދި މާސްޓާ އޮފް ކޮންޕަރޭޓިވް ލޯ ހާސިލްކޮށްފައެވެ. އޭނާ ވަނީ ވަކީލެއްގެ ގޮތުގައިވެސް 10 އަަހަރު މަސައްކަތް ކޮށްފައެވެ.

ޝަފީއު ވަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ބެޗްލާ އޮފް ލޯ (އެލްއެލްބީ) މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންމާސްޓާ އޮފް ކޮންޕަރޭޓިވް ލޯ ހާސިލްކޮށްފައެވެ. ފަނޑިޔާރެއްގެ ހައިސިއްޔަތުން 2013 ވަނަ އަހަރުން ފެށިގެން ފެމިލީ އަދި ސިވިލްކޯޓްގައި މަސައްކަތް ކޮށްފައެވެ. ގާނޫނީ ދާއިރާގައި ޝާފިއު މަސައްކަތް ކުރާތާ 14 އަހަރުވެއްޖެ އެވެ.