އޮސްޓްރޭލިއާ ޓެސްމޭނިއާގެ ގޮނޑު ދޮށުން 380 ބޮޑު މަސް މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. މިއީ އޮސްޓްރޭލިއާގެ ތާރީހު ގައި ވެސް އެއްފަހަރާ މިހާ ގިނައިން ބޮޑު މަސް މަރުވި ކަމަށް ރިކޯޑް ކުރެވުނު ފަހަރެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން ޓެސްމޭނިއާގެ ގޮނޑުދޮށުގައި އެތައް ސަތޭކަ ބޮޑު މަހެއް ވަނީ ތާށިވެފަ އެވެ. ބޮޑު މަސް ސަލާމަތްކުރާ ޓީމުތަކުން ވަނީ ބުދަ ދުވަހު ގެ ނިޔަލަށް 50 މަސް ސަލާމަތް ކޮށްފައެވެ.
ޓެސްމޭނިއާ ގެ ސަރުކާރުގެ އޮފިޝަލުން ވަނީ ބޮޑު މަސް ތައް ސަލާމަތް ކުރުމުގެ މަޝްރޫއު ދިރި އޮތް މަސްތައް ފެންނަހާ ހިނދަކު ކުރިއަށް ގެންދާނެ ކަމަށް ބުނެފަ އެވެ. މިހާރު ވެސް ގޮނޑު ދޮށުގައި ތާށިވެފައިވާ ދިރިތިބި 30 މަސް އެބަ އޮތެވެ. މި މަސްތައް ދިރިތިބުމާ އެކެ އެ ސަލާމަތް ކުރުމުގެ އުންމީދު އަދިވެސް އެބައޮތެވެ. އެހެެންނަމަވެސް ވަގުތު ދާ ވަރަކަށް މަސްތައް ވަރުބަލިވާނެ އެވެ. މިކަމުގެ ސަބަބުން މަސްތައް ސަލާމަތް ކުރުމުގެ މަސައްކަތަައް ހުރަސް އެޅޭނެ އެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު އެންެމެ އިސްކަމެއެއް ދެނީ މަރުވެފައިވާ ބޮޑު މަސްތައް ގޮނޑުދޮށުން ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ފަސްދޮޅަސް މީހުން ޓީމަކުން ދަނީ ބޮޑު މަސްތަކު ގައި ވާޖަހައިގެންނާއި އެހެނިހެން ވަސީލަތްތައް ބޭނުން ކޮށްގެން މޫދު ގެ ފުންތަނަށް މަސްތައް ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ. ފުންތަނަށް ގެންދިއުމަށްފަހު ކަނޑަށް މަސްތައް ދިއުމަށް މި ޓީމުން މަގުދައްކައިދޭނެ އެވެ. މިގޮތުން މިހާތަނަށް ވަނީ 50 ބޮޑު މަސް ކަނޑަށް ދޫކޮށްލެވިފައެވެ. އެހެން ނަމަވެސް ކަނޑު ގަދަވެ އޮއިވަރު ބާރުވުމުގެ ސަބަބުން ސަލާމަތްކުރި ބައެއް މަސްތައް ވަނީ އަނބުރާ ގޮނޑުދޮށައް ބީއްސާލާފައެވެ.
ސައިންސްވެރިން ވިދާޅުވާ ގޮތުގައި ދިރި ތިބި ބޮޑު މަސް ގޮޑު ދޮށައް ބީއްސާލާ ސަބަބެއް ނޭގެ އެވެ. އެކަމަކު މިހެން ވެދާނެ ކަމަށް ގަބޫލު ކުރެވޭ ތަފާތު ތިއަރީ ތައް ވެއެވެ. އެގޮތުން ކުދި މަސްތައް ފަހާ އޭގެ ފަހަތުން މޫދުގެ ތިލަ ހިސާބައް ގޮސް އަނބުރާ ކަނޑަށް ދާން މަގު އޮޅެނީ އެވެ. އަދި ދިރާސަާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބޮޑު މަހަކީ ގްރޫޕް ހަދައިގެން އުޅޭ މަހަކަށްވެފައި ހަމަ އެންމެ މީހަކު ކުރިކަމަކުން ވެސް ހުރިހާ ބޮޑު މަހެއް މޫދު ގެ ތިލަ ހިސަބައް އައިސް ތާށިވުމަކީ ވެދާނެ ކަމެކެވެ.