ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ހަރަދަށް 17 ބިލިއަން، ލިބުނީ 9.9 ބިލިއަން

Sep 24, 2020

ދައުލަތަށް މިހާތަނަށް 9.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު، ހަރަދުގެ ގޮތުގައި 17 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް ދައުލަތަށް 9.9 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޓެކުހުގެ ގޮތުގައި 7.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތް ގޮތުން ލިބުނީ 1.6 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ލިބުނީ 571.2 މިލިއަން ރުފިޔާ އެވެ.

އެ މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއް ފަހަރު އާއްމު ކުރާ "ވީކްލީ ފިސްކަލް ޑިވްލޮޕްމަންޓް" ދައްކާ ގޮތުގައި މިހާތަނަށް ބަޖެޓުން 17 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އަށް މިހާތަނަށް 6.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސަސްއަށް 5.5 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި ކެޕިޓަލް އިކްއިޕްމަންޓަށް 201.3 މިލިއަން ރުފިޔާ އަދި ލޭންޑް އަދި ބިލްޑިންގްއަށް ވަނީ 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

މި އަހަރު ހޭދަ ކުރަން ރައްޔިތުން މަޖިލީހުން ފާސްކޮށް ދީފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ލިބޭނެ ކަމަށް ހިމަނާފައިވަނީ 30 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ލިބޭނެ ކަމަށް މިހާރު އަންދާޒާކޮށްފައިވަނީ 15 ބިލިއަން ރުފިޔާ އެވެ.