ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހީނަރުވެ، އާމްދަނީ ދަށްވުމުގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަ ކުރަން ސަރުކާރު އެޅި ފިޔަވަޅުތަކަށް ފިނޭންސް މިނިސްރީން އިތުރު ބަދަލު ތަކެއް ގެނެސްފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނި ގޮތުގައި 24 އޯގަސްޓްގައި ނެރުނު ސާކިއުލާގައި އަޅާފައިވާ ފިޔަވަޅުތައް މި ސާކިއުލާގެ ޖަދުވަލް "1" ގައި ބަޔާންކޮށްފައިވާ ބަދަލުތައް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ފިޔަވަޅު ތަކަކީ ދައުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި ނެޝަނަލް ޕޭ-ރިވިއު ބޯޑުން ދިރާސާ ކުރުމަށްފަހު މި މިނިސްޓްރީ ގެ ހުއްދަ ލިބިގެންމެނުވީ މުސާރައިގެ އޮނިގަނޑު ތަކަށް އެއްވެސް ބަދަލެއް ނުގެނައުމުގެ އިތުރުން ބަޖެޓްގައި ހިމެނިފައި ވީނަމަވެސް، މިހާރު ދޭން ފަށާފައިނުވާ އައު އެއްވެސް އެލަވަންސްއެއް އަހަރުތެރޭގައި ދޭން ނުފެށުމެވެ.
މި ފިޔަވަޅުގެ އިތުރުން މަސައްކަތް އަވަސް ކުރުމުގެ ގޮތުން ހުއްދައަށް އެދި ހުށަހެޅުން ވެސް އެ ކަމަށް ހާއްސަ ފޯމްތައް މެދުވެރިކޮށް ހުށަހެޅޭ ގޮތަށް ވަނީ ނިންމާފަ އެވެ.
މި އަހަރު ދައުލަތުގެ އާމްދަނީ ބޮޑު ތަނުން ދަށްވާނެތީ ސަރުކާރު އޮފީސްތަކުގެ ބަޖެޓު ކުޑަ ކުރުމާއި ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓު ކުޑަ ކުރަން ވެސް ސަރުކާރުން ކުރިން ނިންމި އެވެ. މަޖިލީހުގެ ހުއްދަ ލިބިގެން މި ބަދަލު ގެނެސްފައިވަނީ ތިން މަސް ދުވަހަށެވެ. ނަމަވެސް އެ ބަދަލުތައް ވެސް މިހާރު ވަނީ އަނބުރާ ގެންގޮސް މުސާރަ ކުރިން ހުރި ގޮތަށް އިޔާދަކޮށްފަ އެވެ. މުސާރަ އިޔާދަ ކުރި ސަބަބެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މަޖިލީހުން މުއްދަތު އިތުރުކޮށް ނުދިނުމެވެ.
މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި އެވެ. ނަމަވެސް މި އަހަރު ލިބޭނެ ކަމަށް ލަފާ ކުރެވެނީ 15 ބިލިއަން ރުފިޔާ އެވެ.