ފިނޭންސް މިނިސްޓްރީ

ހަރަދު ކުޑަކުރަން އޮފީސްތަކުގެ ބަޖެޓު ކުޑަކޮށްފި

ކޮވިޑް-19 އިގެ ސަބަބުން ދައުލަތުގެ އާމްދަނީ މަދުވެފައި ވާތީ، ހަރަދު ކުޑަ ކުރަން ސަރުކާރު އޮފީސްތަކުގެ ބަޖެޓު ކުޑަ ކުރަން ފަށައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ދައުލަތުގެ ކޭޝް ފްލޯއަށް ލުއި ކުރުމުގެ ގޮތުން، ސަރުކާރު އޮފީސްތަކުގެ ބަޖެޓު ވަނީ ކުޑަ ކޮށްފަ އެވެ.

މިނިވަން މުއައްސަސާއެއްގެ ވެރިއަކު އަވަސް އަށް ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓްރީން އެ އޮފީހުގެ ބަޖެޓުން 30 ޕަސެންޓް ވަރު ކުޑަކޮށް އެކަން އަންގާފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް މިއަދު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތަކުގެ ބަޖެޓު ކުޑަކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ހަދާފައިވާ ސިނާރިއޯތަކާ އެއްގޮތަށް ހަރަދު ކުޑަ ކުރަން ޖެހޭތީ ކަމަށެވެ.

"ހަރަދު ކުޑަ ކުރަން ފިޔަވަޅު އަޅާއިރު، ކޮންމެހެން ބޭނުން ނުވާ ހަރަދުތައް ކުޑަ ކުރަނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އޮފީހަށް ފަރުނީޗަރު ހޯދުމާއި ކުލަ ލުން ފަދަ ކަންކަން ފަހުން ވެސް ކޮށްލެވިދާނެ. ހަރަދު ކުޑަ ނުކޮށް ކުރިއަށް ދެވޭކަށް ނެތް. އެހެންވެ މި ފިޔަވަޅުތައް އަޅަން ޖެހޭ. މިހާރު ސަރުކާރު މުއައްސަސާ ތަކަށް ވާނީ ބަޖެޓަށް އައި ބަދަލު ފޮނުވާފަ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ދައުލަތަށް ލިބޭ އާމްދަނީ އިން ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާ އުނި ވާނެ ކަން ޔަގީން ވެފައި ވާތީ އެވެ. ކުރިން މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި ނަމަވެސް މިހާރު ބެލެވިފައި ވަނީ މި އަހަރު ލިބޭނީ 15.1 ބިލިއަން ރުފިޔާ އެވެ.

ބަޖެޓް ކޮމެޓީގަައި މިދިޔަ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި އާމްދަނީ މަދުވެފައި ވާތީ ފައިނޭންޝަލް ގެޕް ކުޑަ ކުރަން މި އަހަރު އިތުރަށް 12 ބިލިއަން ރުފިޔާ ހޯދަން ޖެހެ އެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން، ސަރުކާރުގެ މިހާރު ވަނީ ސަރުކާރު މުވައްޒަފުންގެ އާއްމު މުވައްޒަފުން ނޫން އެހެން މީހުންނާއި ދައުލަތުގެ ކުންފުނިތަކުގައި ތިބި ބޮޑެތި މުސާރަތައް ލިބޭ މީހުންގެ މުސާރަތައް ކުޑަ ކޮށްފަ އެވެ. މުސާރަތަކުން 20 ޕަސެންޓާއި 35 ޕަސެންޓާ ދެމެދުގެ އަދަދެއް ކުޑަކޮށްފައިވެ އެވެ. މީގެ އިތުރުން މިނިވަން މުއައްސާތަކުގެ އިސްވެރިންގެ މުސާރަ ވެސް ކުޑަކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ވަނީ ސަރުކާރުން ހަރަދު ކުޑަ ކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓުން 15 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.