ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިބްރާހިމް އަމީރު

ކުޑަކުރި މުސާރަތައް އިޔާދަ ކުރަން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުޑަ ކުރަން ނިންމި، މުސާރަތައް އަލުން ކުރީގެ މިންވަރަށް އިޔާދަ ކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވެ އާމްދަނީ ދަށްވުމުގެ ސަބަބުން ކުޑަކުރި މުސާރަތައް އިޔާދަ ކުރަން ހާމަވީ، ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިލާއެއްގަ އެވެ.

ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ އަދި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 20،000ރ. އިން މަތިން މުސާރަ ލިބޭ މީހުންގެ މުސާރަ ކުޑަކޮށްފަ އެވެ. އަދި ރައްޔިތުން މަޖިލީހުން ހުއްދަ ލިބިގެން މިނިވަން މުއްސަސާތަކާއި މަޖިލީހުގެ މެންބަރުން އަދި ރައީސުލް ޖުމްހޫރިއްޔާގެ މުސާރަ ވެސް ކުޑަ ކުރި އެވެ. ނަމަވެސް ރައްޔިތުން މަޖިލީހުން ހުއްދަ ދީފައިވަނީ މުސާރަ ތަކަށް އަންނަ ބަދަލު ޖުލައި މަހާ ހަމަ އަށް ބޭއްވުމަށެވެ.

އެނގިފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން މުސާރަތައް އިޔާދަ ކުރަން ނިންމީ ރައްޔިތުން މަޖިލީހުން ގެނައި ބަދަލުގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ. މި ބަދަލާއެކު އަންނަ އަންނަ މަހުގެ މުސާރަ ލިބޭއިރު ދޭނީ ކުރިން ވެސް ދިން މުސާރަ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން އަޅަން ނިންމައި، މާޗް 18 އަދި މެއި 16 ވަނަ ދުވަހު ނެރެފައިވާ ސާކިއުލާގެ ޖަދުވަލް އެކެއްގައި އަޅާފައިވާ ފިޔަވަޅު ތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. އަދި ދައުލަތުގެ އެންމެހާ އިދާރާ ތަކުން މި މަހުން ފެށިގެން މި ސާކިއުލާގައި ބަޔާންކޮށްފައިވާ ފިޔަވަޅު ތަކަށް އަމަލު ކުރުން މެދުކަނޑާލަން އަންގާފައިވެ އެވެ.

ސަރުކާރުން ހަރަދު ކުޑަކުރުމުގެ ގޮތުން މުސާރަތައް ކުޑަ ކުރަން ނިންމީ، ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް ކުރިން ބެލެވުނު 30 ބިލިއަން ރުފިޔާގެ އާމްދަނީގެ ބޮޑުބައެއް ނުލިބޭނެ ކަމަށް ބެލެވިގެންނެވެ. މިހާރު ބެލެވިފައިވަނީ 15 ބިލިއަން ރުފިޔާވަރު ލިބޭނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓްރީން ބުނީ ހަރަދު ކުޑަ ކުރަން އެޅި ފިޔަވަޅުތަކާއެކު 15 މިލިއަން ރުފިޔާވަރު ސަލާމަތް ކުރެވޭނެ ކަމަށެވެ.