ޔޫރޯ ކޮލިފައިންގައި މިރޭ ސްޕޭން މޮޅުވިއިރު ސްލޮވާކިޔާ އާއި ރަޝިޔާ އަންނަ އަހަރުގެ މުބާރާތަށް ކޮލިފައިވެއްޖެ އެވެ.
ފްރާންސްގައި އަންނަ ޖޫން މަހު ބާއްވާ މުބާރާތަށް ކޮލިފައިވެފައިވާ އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ސްޕޭން މިރޭ މޮޅުވީ ޔުކްރޭން އަތުން 1-0އިންނެވެ. ލަނޑު ޖެހީ 22 ވަނަ މިނިޓްގައި މާރިއޯ ގަސްޕާ އެވެ. ލީޑު ފުޅާކުރަން ލިބުނު ޕެނަލްޓީ ސެސް ފެބްރިގާސް އަށް ކާމިޔާބު ނުކުރެވުނެވެ.
މި މޮޅާއެކު ސްޕޭނަށް ގްރޫޕް ސީގެ އެއްވަނަ ލިބެނީ 27 ޕޮއިންޓާއެކުގަ އެވެ. 22 ޕޮއިންޓާއެކު ދެ ވަނަ މަގާމު ލިބިގެން ސްލޮވާކިޔާ މުބާރާތަށް ކޮލިފައިވީ ރޭ ބިލާރުސްގެ މައްޗަށް 1-0އިން ބަލިވެފައި އޮއްވަ އެވެ. އެ ގައުމު މޮޅުވި މައިގަނޑު ސަބަބަކީ ވެސް ސްޕޭން އަތުން ޔުކްރޭން ބަލިވުމެވެ. ޔުކްރޭނަށް ލިބިފައިވަނީ 19 ޕޮއިންޓެވެ. މިރޭ އެ ގައުމު މޮޅުވެފައި ސްލޮވާކިޔާ ބަލިވިނަމަ ގޯލުގެ ތަފާތުން ކޮލިފައިވުމުގެ ފުރުސަތު ޔުކްރޭނަށް އޮތެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް 2018 ވަނަ އަހަރު ބާއްވާ ގައުމު މުބާރާތަށް ޔޫރޯ އަށް ކޮލިފައިވީ ގްރޫޕް ޖީގައި ރޭ މޮންޓެނީގްރޯގެ މައްޗަށް ރޭ 2-0އިން ކާމިޔާބު ހޯދައިގެންނެވެ. މި މޮޅާއެކު ރަޝިޔާ އަށް ގްރޫޕުގެ ދެ ވަނަ މަގާމު ލިބުނީ 20 ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައިވަނީ 28 ޕޮއިންޓާއެކު އޮސްޓްރިއާ އެވެ. މި ގްރޫޕުގެ ތިން ވަނަ ހޯދައިގެން ޕްލޭއޯފް ޖާގަ އެއް ހޯދީ ސްވިޑްން އެވެ. އެ ގައުމު ރޭ މޮޅުވީ މޯލްޑޯވާ އަތުން 2-0އިންނެވެ.