ހަބަރު

"ކޮރަޕްޝަން ކުޑަކުރަން މާލިއްޔަތު ގަވައިދަށް ދަނީ ބަދަލު ގެންނަމުން"

Sep 24, 2020

ކޮރަޕްޝަން އާއި ހުރި ހިރާސްތައް ކުޑަކުރަން މާލިއްޔަތު ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ދަނީ ގެންްނަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ބިޑު ނުކޮށް މަޝްރޫތައް ހިންގަން ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވާއިދަށް ކުރީ ސަރުކާރުގައި ގެނައި އިސްލާހާ އެކު، ކޮރަޕްޝަނަށް ހުޅުވިފައި އޮތް މާއްދާ އުވައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަނެއްކާވެސް ސަރުކާރުގައި ވަނީ އެދިފަ އެވެ. މި ކަމަށް ރައްދު ދެއްވާ، ފިނޭންސް މިނިސްޓަރު ޓްވީޓު ކުރަައްވާ މިއަދު ވިދާޅުވީ އެ ބަދަލުތައް މިހާރު ދަނީ ގެންނަމުން ކަމަށެވެ. އަދި ކޯޕަރޭޓިވް ސޮސައިޓީ އަދި ގައުމީ ޖަމިއްޔާ އާއި ސިންގަލް ސޯސްކޮށް ދެވޭ ގޮތަށް ކުރިން އޮތް މާއްދާ މިހާރު ވަނީ ބަދަލު ކުރެވިފަައި ކަމަށެވެ.

މިނިސްޓަރު ވަނީ ކުރިން އޮތް ގޮތާއި އިސްލާހު ގެނައުމުން އައި ބަދަލު ލިޔުމުގައި އޮތް ގޮތުގެ ފޮޓޯ އެއްވެސް ޓްވީޓުގައި ހިމަނުއްވާފަަ އެވެ. އަދި ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އިން އިސްނަގައިގެން އެޓާނީ ޖެނެރަލް އާއި އޮޑިޓާ ޖެނެރަލް އަދި އޭސީސީވެސް ހިމެނޭ ގޮތަށް ކޮމިޓީ އެއް ހެދި އެ ކޮމިޓީގެ އެންޑޯޒްމަންޓާ އެއްކޮށް މިހާރު މި ގޮތަށް ބަދަލު ކޮށް ގެޒެޓު ކުރަން ވަނީ ފޮނުވިފައި ކަމަށެވެ.

މާލިޔަތު ގަވައިދަށް 2017 ވަނަ އަހަރު ގެނައި އިސްލާހުގައި އޮންނަ ގޮތުން، އާންމުކޮށް ބީލަމަށް ހުޅުވާނުލައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަސްލަހަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތަކާ މަސައްކަތް ހަވާލުކުރުމުގެ ފުރުސަތު ސަރުކާރަށް އޮވެ އެވެ. ބިޑަކާ ނުލައި ކުރީ ސަރުކާރުގައި ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ދެ ބިލިއަން ރުފިޔާ އަށް ސިންގަޕޫރުގެ ޗެންހުއާ ހަވާލު ކުރުން ހިމެނެ އެވެ.

ކޮރަޕްޝަނަށް ހުޅުވިފައި އޮތް މާއްދާ އުވައިލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަނެއްކާވެސް ސަރުކާރުގައި އެދިފައި ވަނީ މިހާރު ތަހުގީގު ކުރާ މައްސަލަތަކުން ފާހަގަވާ ކަންބޮޑުވުންތަކާ ހެދި ކަމަށް އޭސީސީން ބުނެ އެވެ. އަދި، މާލިއްޔަތު ގަވާއިދުގެ އެ މާއްދާ އޮތް ގޮތުން ކޮރަޕްޝަނަށް އޮތް ރިސްކު ބޮޑުވެ ބީލަމުގެ ވާދަވެރިކަން ގެއްލޭ ކަމަށް އެ ކޮމިޝަނުން ދެކޭ ކަމަށް ފިނޭންސް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ބުނެ އެވެ.