ކުޅިވަރު

އިނގިރޭސީންނަށް 10 އިން 10

ޔޫރޯ ކޮލިފައިންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން އިނގިރޭސިވިލާތް ކޮލިފައިން ނިންމާލައިފި އެވެ.

އަންނަ އަހަރު ފްރާންސްގައި ބާއްވާ މުބާރާތަށް ކޮލިފައިންގެ ފަހު މެޗުގައި އިނގިރޭސިން މިރޭ މޮޅުވީ ލިތުއޭނިއާ އަތުން 2-0އިންނެވެ. ލަނޑު ޖެހީ ރޮސް ބާކްލޭ އާއި އޮކްލޭޑް ޗެމްބަލައިން އެވެ. އަނެއް ލަނޑަކީ ބައިކޮޅަށް ޖެހި ގޯލެކެވެ.

މި މޮޅާއެކު އިނގިރޭސިން ކޮލިފައިން ނިންމާކީ 30 ޕޮއިންޓާއެކުގަ އެވެ. އަދި މިއީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓުމަށްފަހު އިނގިރޭސިން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

މި މެޗުގައި އިނގިރޭސި ޓީމުގެ ކެޕްޓަންކަން ކުރި އެވަޓަންގެ ޑިފެންޑަރު ފިލް ޖެގެއިލްކާ ބުނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަޒުމަކީ ކޮލިފައިންގެ ހުރިހާ މެޗެއް ކާމިޔާބު ކުރުން ކަމަށާއި ޓީމުގައި ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި އެމީހުންނަށް ރަހުމަތްތެރިކަމުގެ ގިނަ މެޗުތަކެއް ބޭނުންވާ ކަމަށެވެ.

ފުރަތަމަ 11ގައި ކުޅޭ މުހިންމު ފަސް ކުޅުންތެރިއަކު ނެތި ކުޅުނު އިނގިރޭސި ޓީމުގެ ފޯވަޑް ހެރީކޭން ބުނީ ޓާފް ދަނޑެއްގައި ކުޅެން ޖެހުމުން ވަރަށް ބޮޑަށް އުނދަގޫވި ކަމަށާއި ނަމަވެސް މޮޅުވެވުމުން ޓާގެޓް ހާސިލްވެއްޖެ ކަމަށެވެ. އަދި މިހާރު އޮތް އިނގިރޭސި ޓީމާމެދު ވަރަށް އުއްމީދު ބޮޑު ކަމަށެވެ.

މި ގްރޫޕުގެ ދެ ވަނަ ލިބުނީ 21 ޕޮއިންޓާއެކު ސްވިޒަލޭންޑަށެވެ. އެސްޓޯނިއާ އަތުން ރޭ އެ ގައުމު މޮޅުވީ 1-0އިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ އެސްޓޯނިއާގެ ކްލަވަން އަތުން ބައިކޮޅަށް ވަނަ ގޯލެކެވެ.