ތަޖުރިބާކާރު މިޑްފީލްޑާ މުހައްމަދު އާރިފް (ބަކާ) ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑް ވިކްޓަރީއަށް ބަދަލު ވެއްޖެ އެވެ.
ބަކާ އަކީ، އާ ސީޒަނަށް ތައްޔާރުވާން ޔުނައިތެޑް ވިކްޓަރީއަށް ސޮއި ކުރުވި ތިން ވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ މަހު އެ ކުލަބުން ވަނީ މިދިޔަ އަހަރު ދަ ގްރާންޑޭއަށް ކުޅުނު އަހްމަދު ނިޒާމް (ނިޒާންބ) އާއި ފ. ނިލަންދޫއަށް މިދިޔަ ސީޒަން ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު ފަރުހާދު އިސްމާއީލް (ފަރޭ) ސޮއި ކުރުވާފަ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ ރައީސް އިސްމާއީލް ޝަފީއު ވިދާޅުވީ ބަކާ އާއެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އޭނާގެ އެއްބަސްވުމުން ފައިނަލު ނުކޮށް މަޑު ކުރީ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅެން އޭރު ހަމަޖެހިފައި ވުމުން ކަމަށެވެ. ކޮވިޑް-19 އާ ހެދި އޭއެފްސީ ކަޕް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.
އައްޑޫގެ ވިޔަފާރިވެރިންތަކެއް އުފެއްދި، އައިލެންޑް ފުޓްބޯޅަ ކުލަބު އައިއެފްސީން 2003 ވަނަ އަހަރު ސީނިއާ ކެރިއާ ފެށި ބަކާ، ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.
އާ ސީޒަން ފަށަން އެފްއޭއެމުން ތާވަލު ކޮށްފައި ވަނީ ޑިސެމްބަރު އަށް ވަނަ ދުވަހަށެވެ. ނަމަވެސް އެކަން ބިނާ ވަނީ އެޗްޕީއޭއިން ދޭ ހުއްދައިގެ މައްޗަށެވެ. ކޮވިޑް-19 އާ ގުޅިގެން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކެއް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން އެޗްޕީއޭއިން ވަނީ އަންގާފަ އެވެ. އާ ސީޒަނަށް ތައްޔާރު ވުމަށް ކުލަބުތަކަށް ދޭ ތިން މިލިއަން ޔުފިޔާ ދިނުމުގެ އެއްބަސް ވުމުގައި އެފްއޭއެމުން ވަނީ ދިވެހި ޕްރިމިއާ ލީގްގައި ވާދަ ކުރާ އަށް ކުލަބާއެކު މިދިޔަ މަހު އެއްބަސްވުން ހަދާފަ އެވެ.