ދުނިޔެ

ސައުދީ އިދިކޮޅު ފަރާތްތަކުން ޕާޓީއެއް ހަދަނީ

އިނގިރޭސި ވިލާތާއި އެހެން ގައުމުތަކަށް އަމިއްލައަށް އަރުވާލެވިގެން ދިރިއުޅޭ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އިދިކޮޅު ސައުދީ ރައްޔިތުން އިސްވެ ތިބެ ސިޔާސީ ޕާޓީއެއް އުފައްދައިފި އެވެ. މިއީ ސަލްމާން ރަސްގެފާނުގެ ވެރިކަމުގައި ސަރުކާރާއި އިދިކޮޅު ހަރަކާތެއް ރޭވިގެން ހިންގާ ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހު ނެރު ބަޔާނެއްގައި ސައުދީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނީ އެމީހުން ސައުދީން ބޭރުގައި ނެޝަނަލް އެސެމްބްލީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓި އެއް އުފައްދައިފި ކަމަށެވެ. އަދި އެ ޕާޓީގެ މަގްސަދަކީ ސައުދީ ސަރުކާރަކީ ޑިމޮކްްރެޓިކް ހަމަތަކުގެ މަތިން ހިންގާ ސަރުކާރަކަށް ހެދުން ކަމަށެވެ.

އިތުރައް ބުނެފައި ވަނީ ސައުދީ ސަރުކާރުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ގޮސްފައިވާ ކަމަށާއި ސިޔާސީ ކުށްވެރިން ބަންދު ކުރުމާއި، ވީނުވީ ގޮތެއް ނޭނގި ގެއްލުމާއި ސަރުކާރާއި އިދިކޮޅު މީހުން ގައުމުން ފިލައިގެން ދާން މަޖުބޫރު ކުރުވުމާއި މީހުން މެރުމާއި އަދި އަވަށްޓެރި ގައުމުތަކާއި އަދާވާތްތެރި ހަރުކަށި ސިޔާސަތެއް ގެންގުޅޭ ކަމަށެވެ.

ޕާޓީ ގެ ޖެނެރަލް ސެކްރެޓަރީ އަކީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ ސައުދީ ރައްޔިތެއް ކަމުގައިވާ ޔަހްޔާ އައްސިރީ އެވެ. އައްސިރީ އަކީ މިހާރު ވެސް އިނގިރޭސި ވިލާތުގައި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތެއްގެ މަސްއޫލުވެރި އެކެވެ. އޭނާއަކީ ސައުދީ ރޯޔަލް އެއާ ފޯސްގެ ކުރީގެ އޮފިސަރެކެވެ. އޭނަގެ އިތުރުން އެމެރިކާ އާއި ކެނެޑާގައި ދިރިއުޅޭ ސައުދީ ރައްޔިތުން ވެސް މި ޕާޓީ ގައި އިސްކޮށް ހަރަކާތްތެރިވެ އެވެ.

ޕާޓީގެ ތަރުޖަމާން ރަޝީދު ވިދާޅުވި ގޮތުގައި ޕާޓީގެ މަސްއޫލުވެރިންގެ ހިތުގައި ސައުދީ ގައި ވެރިކަން ކުރާ އާއިލާ އާއި ދޭތެރޭގައި އެއްވެސް ޒާތީ މައްސަލައެއް ނެތެވެ. އަދި ޕާޓީ އުފައްދަން މަޖުބޫރުވި ސަބަބު ތަކުގެ ތެރޭގައި ގައުމުގައި މިނިވަން ޝަރުއީ ނިޒާމެއް ނެތުމާއި ވަރުގަދައަށް މީޑިއާ ކޮންޓްރޯލް ކުރުމާއި އާންމުން ފާޅުކުރާ ހިޔާލުތައް ބަލައި ނުގަތުން ހިމެނެ އެވެ.

ސައުދީ އަރަބިއްޔާ އަކީ "އެބްސޮލިއުޓް މޮނާކީ" ނުވަތަ ރަސްގެފާނަށް ގާނޫނަށްވުރެ މަތިން ހުރިހާ ބާރެއް ލިބޭ ގޮތަށް ވެރިކަން ކުރާ ގައުމެކެެވެ. އަދި 2007 ގަ އާއި 2011 ގައި ސިޔާސީ ހަރަކާތް ތަކެއް ހިންގައިގެން އެ ހަރަކާތްތައް ހުއްޓުވާ އެކަމުގައި އިސްކޮށް އުޅުނު މީހުން ވަނީ ބަންދު ކޮށްފަ އެވެ. މީގެ އިތުރައް އޮކްޓޯބަރު 2018 ގައި ސައުދީ ނޫސްވެރިޔާ ޖަމާލް ހަޝޯގީ ތުރުކީގައި ހުންނަ ސައުދީ އެމްބަސީ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލި މައްސަލަ އަކީ މުޅި ދުނިޠޭގެ ސަމާލު ކަން އެ މައްސަލަ އަށް ލިބުނު ހާދިސާއެކެވެ.