ދުނިޔެ

އުތުރުން ދެކުނުގެ އޮފިޝަލަކު މަރާލައި އަންދާލައިފި

ދެކުނު ކޮރެއާގެ ގެއްލިފައިވާ އޮފިޝަލަކު މަރާލުމަށް ފަހު އުތުރު ކޮރެއާ އިން އަންދާލައިފި އެވެ. މިކަަަަަަަަަން ހާމަކުރީ ދެކުނު ކޮރެޔާގެ އަސްކަރިއްޔާ އިންނެވެ. ދެކުނުގެ އަސްކަރިއްޔާ އިން ވަނީ އެ އަމަލު ކުއްވެރިކޮށް އެ އަމަލުގެ ޒިންމާ ނަގައި އެކަން ހިންގި މީހުންނާއި ދޭތެރޭ ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފަ އެވެ.

"އުތުރު ކޮރެއާއިން އެ ގައުމުގެ ކަނޑުގެ ސަރަހައްދުން ބޯޓެއްގައި އެމީހާ ދަތުރު ކުރަނިކޮށް ފެނުމާއެކު ބަޑިޖަހާ މަރާލުމަށް ފަހު ވަނީ އަންދާލާފައި،" ދެކުނުގެ ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މަރާލި އޮފިޝަލް ވަނީ ހޯމަ ދުވަހު ދެ ގައުމުގެ ނުރަސްމީ ކަނޑުގެ ބޯޑާ ސަރަހައްދުގައި އެ ސަރަހައްދު ބަލަހައްޓާ ބޯޓެއްގައި ހުރަސް ކޮށްފަ އެވެ. އުތުރު ކޮރެއާއިން އެ މީހާ ގަޔަށް ބަޑި ޖެހި ސަބަބެއް ނޭނގެ އެވެ. އެކަމަކު އެއީ ކޮރޯނާ ވައިރަސްއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅު ތަކުގެ ތެރެއިން ކުރި ކަމަކަށް ވެސް ވެދާނެ ކަމަށް ރިޕޯޓްތައް ބުނެފައި ވެއެވެ.

ދެކުނު ކޮރެއާގައި ހުންނަވާ އެމެރިކާގެ މިލިޓަރީ ކޮމާންޑަރު މިމަހުގެ ކުރީކޮޅު ވިދާޅު ވެފައި ވަނީ ކޮރޯނާ ވައިރަހުން ސަލާމަތް ވުމުގެ ގޮތުން އެ ގައުމަށް ގަވާއިދާއި ހިލާފަށް އެތެރެވާން އުޅޭ ކޮންމެ މީހެއްގެ ގަޔަށް ބަޑި ޖެހުމުގެ އޯޑަރެއް އުތުރު ކޮރެއާގެ ސިފައިންނަށް ދީފައިވާ ކަމަށެވެ. މިދިޔަ ޖުލައި މަހު ދެކުނު ކޮރެއާ އިން ބޯޑާ ހުރަސްކޮށް އުތުރު ކޮރެއާ އަށް އެތެރެވި މީހަކު ކޮރޯނާ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި އެވެ. އެކަމަކު އެމީހާ ވަނީ ބައްޔައް ނެގެޓިވެ ވެފައެވެ.