އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖެހި ލަނޑުން، ސެވިއްޔާ 2-1 ން ބަލިކޮށް ޔޫރަޕްގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޔޫއެފާ ސުޕަ ކަޕް ބަޔާން މިޔުނިކް ކާމިޔާބު ކޮށްފި އެވެ.
ހަންގޭރީގެ ބުޑަޕެސްޓްގެ ފުސްކަސް އެރީނާގައި ކުޅުނު މެޗަށް ޔޫއެފާއިން ވަނީ ސަޕޯޓަރުން ވެއްދުމުގެ އިންތިޒާމު ހަމަޖައްސާފަ އެވެ. ގާތްގަނޑަކަށް 67،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއަށް 20،000 މީހުން ވަނުމުގެ ފުރުސަތު ޔޫއެފާއިން ވަނީ ދީފަ އެވެ. މިއީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވި ފަހުން، ޔޫއެފާގެ މެޗަކަށް ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގް އަދި ޔޫރޮޕާ ލީގް ޗެމްޕިއަންކަން ހޯދި ދެ ޓީމަށް ވަނީ، ކޮންމެ ޓީމަކަށް 30،000 ޓީކެޓް ދީ ސަޕޯޓަރުންގެ ވެއްދުމުގެ ފުރުސަތު ދީފަ އެވެ. ބާކީ ޓިކެޓްތައް ވިއްކީ ޔޫއެފާއިންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖެހީ، ޔޫރޮޕާ ލީގްގެ ޗެމްޕިއަން ސެވިއްޔާއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ސެވިއްޔާގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ލޫކަސް އޮކޮމްޕޯސް އެވެ. އެ ޕެނަލްޓީ އަކީ އަލުން ސެވިއްޔާއަށް ބަދަލުވެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތް އީވާން ރަކިޓިޗް އަށް، ބަޔާންގެ ޑިފެންޑަރު ޑޭވިޑް އަލްބާ ޗާޖު ކުރުމުން ދިން ޕެނަލްޓީ އެކެވެ. ޕެނަލްޓީގައި އޮކޮމްޕޯސް ވަނީ ބަޔާންގެ ކީޕަރު މެނައުލް ނޯޔާއަށް ބޯޅައިގެ އަމާޒު އޮލުވާލުމަށް ފުހު ތިރިތިރިން ގޯލްގެ ތެރެއަށް ބޯޅަ ވައްދާލަފަ އެވެ.
މެޗަށް ނުކުތުމުގެ ކުރިން ސެވިއްޔާގެ ކޯޗް ހުލެން ލޮޕެޓެގީ ބުނެފައި ވަނީ، އޭނާގެ ޓީމު ނުކުންނަނީ ދުނިޔޭގެ އެންމެ މޮޅު ޓީމާ ދެކޮޅަށް ކަމަށެވެ. މުޅި މެޗުގައިވެސް ބަޔާން ކުޅެފައި ވަނީ ވަރަށް ބޮޑަށް ވިއްދައިގެންނެވެ. ނަތީޖާއަކަށްވީ ސެވިއްޔާގެ މުޅި ޓީމު އަމިއްލަ ހާފުގެ ތެރެއަށް ފައިބައިގެން ކުޅެން ޖެހުމެވެ. ބަޔާންގެ ލަނޑު 34 ވަނަ މިނެޓްގައި ރޮބަޓް ލެވެންޑޮސްކީ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ލިއޯން ގޮޓެޒްކާ އެވެ.
ފުރަތަމަ ހާފުގައި ސެވިއްޔާއިން ޖެހި ލަނޑެއް އޮފް ސައިޑް ކަމަށް ނިންމައި ގަބޫލު ނުކުރި އެވެ. ދެ ވަނަ ހާފުގައި ބަޔާން އަށް ޖެހި ދެ ލަނޑެއް ގޯލް ކަމަށް ގަބޫލު ނުކުރި އެވެ. ފުރަތަމަ ލަނޑު ގަބޫލު ނުކުރާ ކަމަށް ނިންމީ އޮފް ސައިޑް ވުމުންނެވެ. ދެ ވަނަ ލަނޑު ގަބޫލު ނުކުރީ، ލަނޑު ޖަހަން ބޯޅަ ތަނަވަސް ކޮށްދިނުމުގެ ކުރިން ލެވަންޑޮސްކީ ފައުލް ކޮށްފައި ވުމުންނެވެ. އެހެންނަމަވެސް ވީޑިއޯ ރިޕްލައިން ފެންނަ ގޮތުގައި ލެވަންޑޮސްކީ، ސެވިއްޔާގެ ކުޅުންތެރިޔާއަށް ޗާޖުކޮށްފައެއް ނުވެ އެވެ.
ދެ ވަނަ ހާފުގައި ފަހު ކޮޅުގައި ކައުންޓަ އެޓޭކުން ލިބުނު ފުރުސަތެއްގައި ސެވިއްޔާގެ ޖެސޫސް ނާވަސް އަށް ވަނީ ހުސް ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އޭނާއަށް ލިބުނު ބޯޅައަށް ހުރަސް އަޅަން ހުރީ ކީޕަރު ނޯޔޯ އެކަންޏެވެ. އޭރިއާ ތެރެއަށް ވަދެ ނާވަސް ފޮނުވާލި ބޯޅަ ބޭރަށް ދިޔައީ ނޯޔޯ ފައިގައި ޖެހިފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ފުރަތަމަ ކޮޅު ނުރައްކާތރި ދެ ފުރުސަތެއް ސެވިއްޔާ ތަނަވަސް ކުރި އެވެ. ބަޔާން މެޗުން މޮޅު ކޮށްދިން ލަނޑު އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ކާމިޔާބު ކުރީ ހާޥި މާޓިނޭޒް އެވެ. އޭނާ ލަނޑު ޖެހީ ކޯނަރަކުން ތަނަވަސްވި ބޯޅައިންނެވެ.