ދުނިޔެ

އެމްއެޗް 17 ގެ ތަހުގީގީ ރިޕޯޓް: ބޯޓު ވައްޓާލީ ރަޝިޔާ މިސައިލަކުން

އެމްސްޓަޑަމް (ރޮއިޓާރސް) - ޔޫކްރޭނަށް ވެއްޓުނު މެލޭޝިއަން އެއާލައިން ބޯޓާއި ބެހޭ ތަހުގީގީ ރިޕޯޓު ނެދަލޭންޑުން މިއަދު ނެރޭނެއެވެ. މި ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށް ބެލެވޭ ބައެއް ކަންކަން މިހާރުވެސް ވަނީ ގާތްގަނޑަކަށް ޔަގީން ކުރެވިފަ އެވެ.

އެމް އެޗް 17 ވެއްޓުނީ ރަޝިޔާއިން އުފައްދާފައިވާ މިސައިލެއްގެ ހަމަލާއަކުން ކަމަށް މި ރިޕޯޓުގައި ހިމަނާފައި ވާނެ ކަމަށް ބެލެވެ އެވެ. އެހެން ނަމަވެސް މީގެ މާނައަކީ މި ހަމަލާ ދިނީ ރަޝިޔާއިން ކަމަށް ބުނުމެއް ނޫނެވެ. އަދި މި ހަމަލާ ދިނީ ކޮން ފަރާތަކުންތޯ ކުރެވޭ ސުވާލުގެ ސީދާ ޖަވާބު މި ރިޕޯޓުން ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

މިދިޔަ އަހަރު ޖުލައި 17 ގައި އެމް އެޗް 17 ވައްޓާލާފައި ވަނީ ރަޝިޔާއަށް ތާއީދުކުރާ ހަނގުރާމަވެރިން ކޮންޓްރޯލުކުރާ ޔޫކްރޭނުގެ ސަރަހައްދަކަށެވެ. ހުޅަނގުގެ ގައުމުތަކާއި މިފަދަ ހާދިސާތައް ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި މި ބޯޓަށް ހަމަލާދިނީ ރަޝިޔާއަށް ތާއީދުކުރާ ހަނގުރާމަވެރިންނެވެ. ހަނގުރާމަވެރިންނަށް މިއީ ޔޫކްރޭނުގެ އަސްކަރީ ބޯޓެއްކަމަށް ހީކުރެވި، އޮޅިގެން ހަމަލާ ދެވުން އެކަށީގެންވާ ކަމަށް އެފަދަ ފަރާތްތަކުން ބުނެ އެވެ. އެކަމަކު ރަޝިޔާގެ ތިއަރީ ތަފާތެވެ. އެގައުމުން ބުނަނީ މިއީ ޔޫކްރޭނުގެ ހަމަލާއަކަށް ވުން ގާތް ކަމަށެވެ.

މިއަދު އާންމު ކުރާ މި ރިޕޯޓުގައި ހިމެނޭ ކަންކަން އެންމެ ފުރަތަމަ ހިއްސާކުރާނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާ ތަކާ އެވެ. ނޫސްވެރިންނާ ހިއްސާ ކުރާނީ އޭގެ ފަހުންނެވެ. މި ހަމަލާގައި ބޯޓުގައި ތިބި 298 މީހުން މަރުވިއިރު އޭގައި ގިނައިން ތިބީ ނެދަލޭންޑުގެ ރައްޔިތުންނެވެ. އޭގެ އިތުރުން މެލޭޝިޔާ، އިންޑޮނޭޝިއާ، އޮސްޓްރޭލިއާ، ޖަރުމަނު އަދި އިނގިރޭސިވިލާތުގެ ރައްޔިތުން ވެސް މި ބޯޓުގައި ތިއްބެވެ.