ސިދާރްތު މަލްހޯތުރާ އާއި ޝްރައްދާ ކަޕޫރު އަދި ރިތޭޝް ދޭޝްމުކު ކުޅެފައިވާ "އޭކް ވިލަން" އަކީ ބޮކްސް އޮފީހަށް ބޮޑު ތޫފާނެއް ގެނެސްދިން ފިލްމެކެވެ. ފިލްމު ރިލީޒްކުރި އަހަރު ނުކުތް އެންމެ ވިޔަފާރި ރަނގަޅު އެއް ފިލްމަށް އެ ފިލްމު ވެފައި ވެއެވެ. މިހާރު މުޅިން އާ ތަރިން ތަކަކާއެކު މީގެ ދެވަނަ ބައެއް އުފައްދަން ޑައިރެކްޓަރު މޯހިތު ސޫރީ ދަނީ ތައްޔާރު ވަމުންނެވެ.
މޯހިތު އަކީ ވަރަށް އަސަރު ގަދަ ލޯބީގެ ފިލްމުތައް ހަދާ ޑައިރެކްޓަރެކެވެ. އަދި އޭނާގެ ފިލްމުތަކުގެ އެންމެ ޚާއްސަ އެއް ސިފައަކީ މިއުޒިކް ރީތި ވުމެވެ. އެގޮތުން "އޭކް ވިލަން" ގެ މިއުޒިކް ވެސް ވަރަށް މަގްބޫލުކަން ހޯދާފައި ވެއެވެ.
"އޭކް ވިލަން" ގެ ދެ ވަނަ ބަޔާ ބެހޭ ގޮތުން އިންޑިޔާގެ ނޫހަކަށް މޯހިތު ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ފިލްމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާނީ ޖޯން އެބްރަހަމް އެވެ. އަދި ޖޯން އާއެކު ފިލްމު ފެށުމުގެ ތައްޔާރީތައް މިހާރު ކުރިޔަށްދާ ކަމަށް މޯހިތު ބުންޏެވެ. ދުވަހަކުވެސް ހިންދީ ފިލްމަކުން މިހާތަނަށް ފެނިފައި ނުވާ ވަރުގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް މި ފިލްމުގައި ޖޯން ކުޅެން ހަމަޖެހިފައިވާ ކަމަށް ޑައިރެކްޓަރު ބުންޏެވެ. ޖޯންގެ ކެރެކްޓާ އާ ގުޅޭ ގޮތުން މޯހިތު ބުނީ މި ފިލްމުގައި ޖޯން ކުޅެނީ އެހެން އެއްވެސް ފިލްމެއްގައި ކުޅެފައިވާ ނުވާ ކަހަލަ ރޯލެއް ކަމަށެވެ.
"ފިލްމެއްގައި ހީރޯ އަކާއި ނުބައިބައި މީހެއްގެ ތަފާތަކީ ނުބައިބައި މީހާގެ ހަގީގީ ހަޔާތުގެ ވާހަކަ ބެލުންތެރިންނަށް ނޭނގޭ ކަން. އޭނާގެ ލޯބީގެ ވާހަކަ ވެސް ފިލްމު ބަލާ ނިމޭ އިރުވެސް ނޭގޭނެ. ނަމަވެސް މިފަހަރު އަހަރެން މި ތައްޔާރުކުރާ ފިލްމުން ބެލުންތެރިންނަށް ނުބައިބައި މީހާގެ ލޯބީގެ ވާހަކަ ވެސް އެނގޭނެ. އެހެންވީމަ ނުބައިބައި މީހަކަށް ވުރެ އޭނާ ވާނީ އެންޓި-ހީރޯ އަކަށް،" މޯހިތު ބުންޏެވެ.
ފިލްމަށް "ދޯ ވިލަން" ކިޔަން ނިންމާފައިވާ ކަމަށް ވެސް މޯހިތު ހާމަ ކުރި އެވެ. އެ ނަން ފިލްމަށް ދިނީ ފިލްމުގައި ދެ ބަތަލުން އުޅޭތީ އާއި ދެ މީހުންގެ ކެރެކްޓާގައި ވެސް ނުލަފާ މީހެއްގެ ސިފަތައް ހުންނާތީ އެވެ.
ފިލްމުގައި ޖޯން އާއެކު ކާސްޓް ކޮށްފައިވަނީ ދިޝާ ޕަޓްނީ އެވެ. އަރްޖުން ކަޕޫރާއި ތާރާ ސުތާރިއާ ވެސް މުހިއްމު ބައިތަކަކުން ފެންނާނެ އެވެ.
ފިލްމުގެ ޝޫޓިން އަންނަ އަހަރު ޖެނުއަރީގައި ފެށޭނެކަމަށް ވަނީ ލަފާ ކޮށްފަ އެވެ. ސަބަބަކީ ޖޯން ބިޒީ ކަމުން އެއަށް ވުރެ ކުރިން މި ފިލްމުގެ މަސައްކަތް ފެށެން ނެތީމަ އެވެ. ތަފާތު އެތައް ޕްރޮޖެކްޓެއްގައި މިހާރު ވެސް ޖޯން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި 'ސަތުޔަމޭވް ޖައިތޭ 2" އާއި "އެޓޭކް" އަދި "މުމްބައި ސާގާ ހިމެނެ އެވެ. އަދި ޔާޝް ރާޖް ފިލްމްސް އިން އުފައްދާ ޝާހްރުކް ޚާން ލީޑް ރޯލު ކުޅޭ ފިލްމެއް ވެސް ޖޯން ކުޅެން ހަމަޖެހިފައި ވެއެވެ.