ދުނިޔެ

އިންޑިއާގެ ކުޑަކުއްޖާ ރޭޕްކުރި މައްސަލައިގެ ތަހުގީގު ކުރިއަށް

ނިއުދިއްލީ (ބީބީސީ) - ހަތަރު އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ދެ މީހަކާއި ސުވާލު ކުރަމުން އަނަ ކަމަށް ދިއްލީ ފުލުހުން ބުނެފިއެވެ. އެކަމަކު އަދި މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި ކުއްޖާ ބޮޑެތި އަނިޔާ ތަކަކާއެކު ރޭލު ޓްރެކެއް ކައިރީ ހޭނެތިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުއެވެ. މިހާރު މި ކުއްޖާއަށް އިންޓެންސިވް ކެއާ ގައި ދަނީ ފަރުވާ ދެމުންނެވެ.

މި ފަހަރު ރޭޕް ކޮށްފައިވާ ހަތަރު އަހަރުގެ ކުއްޖާ ގެއާއި ދުރު ހިސާބަކަށް ގެންގޮސްފައި ވަނީ ގުރޫޕަކުން އެކުއްޖާއަށް ކާނާ އާއި މެޓާ ފަދަ ތަކެތި ދީ ހައްލާލައިގެން ކަމަށް އެ ކުއްޖާގެ އާއިލާއިން ބުނެއެވެ.

ހޮސްޕިޓަލުގައި އޮތް މި ކުއްޖާއަށް ޒިޔާރަތް ކުރި ދިއްލާ އަންހެނުންގެ ކޮމިޝަނަރު ބުނީ އެ ކުއްޖާއަށް ދީފައިވާ ގެއްލުންތަށް ވަރަށް އަނިޔާވެރި ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ 2012 ވަނަ އަހަރު ދުނިޔެ ސިއްސުވާލި ގޭންގް ރޭޕް ހާދިސާ އަށް ފަހު އިންޑިޔާގައި އަންހެނުންނަށް އޮތް ސަލާމަތްތެރި ކަމާމެދު ސުވާލު އުފެދިފައި ވަނިކޮށެވެ. އެފަހަރުގެ ރޭޕް ހާދިސާއާއި ގުޅިގެން ކުރި މުޒާހަރާތަކާއެކު ރޭޕާއި ގުޅުންހުރި ގާނޫނުތައް ވަރުގަދަ ކޮށްފައި ވެއެވެ. އެކަމަކު އޭގެ ފަހުން ވެސް މި ފަދަ ހާދިސާތައް އިންޑިޔާގައި ވަރަށް ގިނައިން ހިނގައެވެ.

މިގޮތުން މިދިޔަ އަހަރު ދިއްލީގެ ޓެކްސީ ޑްރައިވަރަކު، ކާރަށް އެރި އަންހެނަކު ރޭޕްކުރި ހާދިސާ ހިމެނެއެވެ. އަދި 30 ކުއްޖަކު ރޭޕްކޮށް މަރާލި ކަމަށް މިއަހަރުގެ ޖުލައި މަހު އިންޑިޔާ މީހަކު އެއްބަސްވެފައި ވެއެވެ.