(ތިންވަނަ ބައި)
"ކޭކު މީރުތަ؟" ސާދާ ކަންފަތުގައި ފޯނު ޖައްސާލަމުން އަހައިލިއެވެ.
"ދެން ހަމަ އާދައިގެ ކޭކެއްނު. ވަކި ހާއްސަކަމެއް ނެތް. މަންމަމެން ވެސް އެކަހަލަ ކޭކު އަޅާނެ،" އަސްލަމް ރުންކުރު ރާގެއްގައި ބުނެލިއެވެ. "ކަމެއް ކޮށްދީފަ އިރު އިރުކޮޅާ ގުޅަން ޖެހޭތަ؟"
"އަހަރެން އަލަށް ހެދި ކޭކެއް ވީމަ، މި ބުނީ ކަނަމަދު ކޭކަކީ މި ދުވަސްކޮޅު ވަރަށް ގިނަ މީހުންނަށް މީރު ވެގެން އުޅޭ އެއްޗެއްވީމަ ރަނގަޅުތޯ ބަލައިލީ." ސާދާ ލަސްލަހުން ބުނެލިއެވެ.
"ސާދާއަށް ހީވަނީތަ އަހަންނަކީ ސާދާ ގޭގައި ހުރެގެން ހަދާ އެކްސްޕެރިމެންޓް ތަހުލީލު ކުރާ ބޮޓެކޭ؟ ވަރަށް ބޮޑު ކުށްހީއެއް." އަސްލަމް އަތުގައި އޮތް ކޭކުކޮޅަށް ބަލައިލަމުން އެ ކޭކު ކޮޅު އަނގަޔަށް ލަމުން ބުނެލިއެވެ. "އަހަރެން ދަތުރު އަންނާތީއޭ ކިޔައިފަ އެއަށްވުރެ މީރުކޮށް އެއްޗެއް ހަދައިދިންނަމަ ބުނެވުނީސް އަހަރެންގެ އަންހެނުން ހާދަ ރަނގަޅޭ. ހާދަހެވޭ. އެހެނެއްނު ވާނީ ގޭތެރޭގައި އިނދެއިނދެ މީހާ ތި އިންނަނީ އެއްގޯސްވެފަ ވިއްޔާ. ސާދާއެކޭ މިހާރު ދޮންކޮބޭ ވިއްކަން ގެންގުޅޭ އަސްދޫންޏެކޭ ތަފާތެއް ނެތެއްނު."
ސާދާ ލަސްލަހުން ހިންދިރުވާލިއެވެ. ފިރިމީހާގެ ބަސްތައް ހޫނު އަލިފާން ފަދައިން އޭނާގެ ހިތަށް އެޅެމުން ދިޔަ ކަހަލައެވެ. ހިނދުކޮޅަކަށް އޭނާ ގަނޑުވި ކަހަލައެވެ. އޭނާގެ ލޮލުގެ ދެފަރާތުން ކަރުނަތައް އޮހިގަތެވެ. ހިފެހެއްޓުމެއް ނެތި އެ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ދަތްދޮޅިން ތިކި ޖަހަމުން ދިޔައެވެ.
"ކޭކު ނުގެނެވުނު ނަމައޭ ހިތަށް އެރި. މި ގެނެވުނީތީ އޮފީސް އެންމެން އަހަންނަށް ޖެއްސުންކޮށް މަލާމަތްކުރި. އެހެންނުވާނީ ހިސާބަށްވުރެ މޮޅަށް ކައްކަން އެނގޭ މީހަކަށް ވާން ވެއްޖެވިއްޔާ. ގައިމު ކާވެނި ނުކުރާ އިރު، މިހާ މޮޅަށް ކައްކަން އެނގޭ މީހެއް، މިހާ މޮޅަށް ފަހަން އެނގޭ މީހެއް ނުހުރޭ. ތަންގަނޑު އެންމެން ގާތަށް ގޮސް އޯޑަރު ނަގައިގެން، ބޮޑު ކައްކާ ހެދިގެން އުޅުނު އިރު ހީވީ ސަހަރޯއޭ." އަސްލަމު މަލާމާތުގެ ރާގުގައި ވާހަކަދެއްކިއެވެ. "މަ ވެސް ހިތަށް އެރި މަ މަސައްކަތެއް ނުކުރިޔަސް މަށަށް އިނދެވޭ އަންހެނުން މަ ގެންގުޅޭނޭ. ފައިސާ ހޯދާނޭ. ގޭގެ ކުލި ދައްކާނޭ. ފެންބިލު ދައްކާނޭ."
"އެކަން މަނާ." ސާދާއަށް ބުނެވުނީ އެހާ ހިސާބަށެވެ.
"ބޭކާރު ވާހަކަދައްކައިގެން ފޯނުގައި ހުރި ފައިސާކޮޅު ހުސްކުރާން ނޫޅޭ. އަމިއްލަ ފޯނަށް އަޅާނެ ފައިސާ އަމިއްލައަށް ނުހޯދޭ މީހަކު އަދި ވާނެ މާ މާތްވާން ވެގެން، މާ ގެވެހި ވާންވެގެން ގުޅަން،" އަސްލަމް އަނެއްކާ ވެސް ފެށިއެވެ. "އާނ، އަހަރެން ލަދުގަންނުވާން ވާނެ. އޭރުންތާ މަށަށް މިކަހަލަ އޮފީސް ދަތުރެއްގައި ވެސް އަންނަން ނުކެރޭނީ. ތިޔަ ނަލަ އަސްދޫނީގެ ފިޔަގަނޑަށް ބަލަން އޮވެވޭނީ އެހެން ހެދީމައެއްނު ދޯ!"
ސާދާއަށް ކެތް ނުވެގެން އެންމެ ފަހުން ފޯނު ބޭއްވީއެވެ. އޭނާ އަނގަޔަށް ލާން ނެގި ސޭންޑުވިޗު ވެސް އަތުން ދޫވެގެން ވެއްޓުނީ މޭޒު މައްޗަށެވެ. މީހާ ތުރުތުރު އަޅައިގަނެ ނޭވާ ކުރުވަމުން ދިޔައެވެ. ނިތްކުރިއަށް ރޫތައް ގިނަވެ މުޅި މީހާ ދާ ހިތްލާ ފޯވާން ފެށިއެވެ.
ހަމައެވަގުތެވެ. އަސްލަމް ފޯނު ބޭއްވުމަށްފަހު ބަލައިލިއެވެ. އަތުގައި އޮތް ކޭކު ކޮޅަށެވެ. އޭނާ ދެ ލޯ މަރައިލަމުން އަނގަ ހަލުވާލިއެވެ. އުފާވުމުން ނުކުންނަ ކަހަލަ އަޑެއް އޭނާގެ އަނގައިން ނުކުތެވެ. އަސްލަމް ދެ ލޯ ހުޅުވާލަމުން ބަލައިލިއެވެ. ގާތުގައި ހުރީ ނަދީމެވެ. ނަދީމުގެ މޫނަށް ބަލައިލަމުން އަސްލަމް ހިނިތުންވެލިއެވެ.
"ކާކު؟" ނަދީމު ބުމަ ތިރިކޮށްލަމުން އަހައިލިއެވެ.
"އަނބި ގޮއްޔެ،" އަސްލަމް ހިނިތުންވެލިއެވެ. "މި ކަނަމަދު ކޭކު މީރުތޯ ބަލަން އެ ގުޅީ."
"އެކަމަކު ހާދަ ރުންކުރުކޮށް ތި ވާހަކަ ދެއްކީ؟" ނަދީމު ސުވާލުގެ ނަޒަރުން ބަލައިލިއެވެ.
"ނަދީމު ޅަ ވީމަ އަދި ނުވިސްނެނީ. އަނބިން ގެންގުޅުމަކީ ވެސް ހުނަރެކޭ. އެއީ ވަރަށް ހީލަތްތެރި ކަމެއް." އަސްލަމުން ހިނިތުންވެލިއެވެ.
"ތިބުނީ؟" ނަދީމު ބަލައިލީ މޫދުގައި ސަކަރާތް ޖަހަން ތިބި މީހުންނަށެވެ.
"މި ބުނީ، އަނބިންނަށް މާބޮޑަށް ތައުރީފުކޮށް، އެމީހުންނަށް މާބޮޑަށް ފިރިމީހާގެ ހިތް އެނގިއްޖެ ނަމަ ވަރަށް ފަސޭހައިން ބޮލަށް ސަވާރުވާނޭ. އޭރުން އޮންނާނީ އޭނާ ބުނާހާ ކަމަކަށް އާނހޫނ ކިޔަން ޖެހިފަ،" އަސްލަމު ވެސް ބަލައިލީ މޫދުގައި ކުޅެން އުޅުނު އެކުވެރިންނަށެވެ. "އޭރުން ބަލަން ހުންނަ މީހާއަށް ހީވާނީ އަނބި ދަށުވެގެން އުޅޭހެން. ބަލައިބަލަ، އެ އުޅޭ އުމެއިރުމެން ދެމަފިރިން. އިރުއިރުކޮޅާ އެ ތިބެނީ މޫނު ކެނޑިފަ. ދެން ކޮންމެ ވެސް މީހަކު މި ޖެހެނީ އެކަން ހައްލުކުރަން. މަ މި ބުނާނީ އެއީ އުމެއިރަށް އަނބިމީހާ ގެންގުޅެން ނޭނގެނީއޭ. މާ ލޯބިވާކަމަށް ދެއްކޭތީ ވާގޮތް. ފޭސްބުކާއި އިންސްޓަރގުރާމުގައި ދެމީހުންގެ އިޝްތިހާރު ގިނަވީމަ ވާގޮތް. އާނ ލޯބިވާވަރާއި ދާ ތަންތަނުގެ ފޮޓޯ އަޅަންވާނެ، އެއްޗެއް ކެޔަސް ބުޔަސް، މިސް ޔޫ ޑަރލިން ޖަހަންވާނެ."
"އެކަމަކު، އެ ކޭކެ ކިހާ މީރު؟ އެންމެންނަށް ވެސް އެމީރު ވެގެން އެވާހަކަ ދެއްކިއެއްނު." ނަދީމު ބަލައިލީ އަސްލަމުގެ މޫނަށެވެ.
"އާނ! އެ ވަރަށް މީރު. އެކަމަކު އެކަން ސާދާއަށް އެނގިއްޖެ ނަމަ އޭނާ ދެން ދުވަހަކުން ސަމާލުކަންދޭ މިންވަރު ކުޑަވާނެ،" އަސްލަމު ހިނިތުންވެލިއެވެ. "މިހާރު ވިސްނާނެ ކޮންކަމެއް ކޮށްގެންތޯ އިތުރަށް މީރުވާނީ ވެސް. މަ ބުނާ ޓެކްނިކަކީ އެއީއޭ."
"ދެން ތިބުނީ އަސްދޫންޏެކޭ. ސާދާ ކިހާ ރީތި. އަބަދުވެސް އެ ހުންނަނީ ސާފުކޮށް. ރީތިވެގެން. ނަލަހެދިގެން. ހިނިތުންވެލައިގެން. އަހަންނަށް ދުވަހަކު ވެސް އޭނާ އެހެން ގޮތަކަށް ހުއްޓައެއް ނުދެކެން. އަނެއްކާ އޭނާ ޖޮބަކަށް ނުދިޔަޔަސް އޭނާއަކީ ވެސް ކިޔަވައިގެން ހުރި މޮޅު މީހެއް." ނަދީމު ދެ ލޮލަށް ގޮތެއް ހަދައިލިއެވެ.
"ނަދީމޫ! އަހަރެން ބުނެފީމެއްނު އަނބިން ގެންގުޅުމަކީ ހުނަރެކޭ. މިހާރު އޭނާ ވިސްނާނޭ. އަހަރެން އަސްދޫންޏެކޭ ބުނީމަ. ކެއުން މަދުކުރާނެ. ހަށިގަނޑަށް ބަލާނެ. އެޔޭ މި ދައްކާ ވާހަކައަކީ. ނަދީމު ޅަ ވީމަ އަދި ނުވިސްނެނީ. ނޭނގެނީ." އަސްލަމު ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އަހަންނަށް ވިސްނިފައި އޮންނަނީ ތިހެންނެއް ނޫން. އަހަންނަށް އެނގިފައި އޮންނަނީ ދިރިއުޅުމެއް ކާމިޔާބު ކުރުމުގައި ދެމަފިރިން ހިއްސާ އެއްވަރުވާނެ ކަން. އެކަކު އަބަދު ދެރަކޮށްފައި، ހިތުގައި ޖައްސާފައި ބެހެއްޓުމަކީ ހިއްސާ އެއްވަރު ވުމެއް ނޫން ދޯ!" ނަދީމު އަވަސް އަވަހަށް ބުނެލިއެވެ. "އަހަންނަށް ނުވިސްނިގެން މި އުޅެނީ ކިޔަވައިގެން ހުރި މީހަކު، އެކާވީސްވަނަ ގަރުނުގެ ޒުވާން ފިރިހެނެއްގެ ވިސްނުން ނަވާރަވަނަ ގަރުނުގެ ވިސްނުން ގެންގުޅޭ ސަބަބެއް."
"ދިރިއުޅުމުގެ ބުރަމިނާއި އަނބިމީހާ ބޮލުގައި ކޮށާ ގޮތާއި، އެމީހުން ޖައްސާ ވައްތަރު އެނގޭނީ ނަދީމު ވެސް ފެނު ޖެހުނީމަ." އަސްލަމު ހިނިތުންވެލަމުން ހިނގައިގަތެވެ. "ހިނގާ މޫދަށް. މާއަނގަ ގަދަ ނުކޮށް. ފެނު ޖެހެން އޮތް ގޮތަކުން ފެން ޖެއްސޭތޯ ބަލަންވާނެއްނު."
ނަދީމު ފާޑަށް ހޭންފެށިއެވެ. އަސްލަމު ބުނި ވާހަކައެއްގެ މާނަ އޭނާއަށް ވިސްނުމުންނެވެ. އެހެންވެ ދެމީހުން އެކުގައި ހިނގައިގަތީ މޫދާ ދިމާއަށެވެ. މޫދުގައި ތިބި އޮފީސް މީހުންނާ ދިމާއަށެވެ. އެމީހުން އުޅުނީ މޫދުގައި ބޯޅަ ކުޅޭށެވެ. އަސްލަމުމެން މޫދާ ދިމާއަށް ދިޔަ މަންޒަރު ބަލަން ހުރެ އުމެއިރު ބޯޅައެއްލީ އަސްލަމާ ދިމާއަށެވެ.
ވަރަށް ބާރަށް އާ ބޯޅައެއް ހިފަން ފުންމާލީ ޒުވާނެކެވެ. އޭނާއަށް ބޯޅަ ހިފުނެވެ. ނަމަވެސް، އޭނާގެ ފައި ބިމުން ކެނޑުނު ގޮތުން އަރި އަޅައިލިއެވެ. އެހެންވެ ވެއްޓި ޖެހުނީ ބިމުގައެވެ. ފާޑަކަށް އޭނާގެ މުޅި ހަށިގަނޑުން ރޫރޫ އަޅައިގެން ދިޔައެވެ. ނޭފަތާއި އަނގައިން ފެންތަކެއް ބުރައިގެން ދިޔައެވެ.
ސާދާއަށް މޭގައި އަތް އަޅައިލެވުނެވެ. އޭނާގެ ނޭވާ ހިފަހައްޓައިލެވުނެވެ. ލަސްލަހުން ނޭވާ ދޫކޮށްލެވުނެވެ. ޓީވީން ފެންނަމުން ދިޔަ މަންޒަރުންނެވެ. ބޯޅަ ހިފަން ފުންމާލި ޒުވާނާއަށް ވީގޮތުންވެ. އެ ހާލުގައި އިންދާ ގޭގެ ދޮރު ހުޅުވުނު އަޑު އިވިގެން އިތުރަށް ސިހުނެވެ.
ސާދާއަށް ބަލައިލެވުނެވެ. އެތެރެއަށް ވަނީ އަސްލަމެވެ. އޭނާ އެއައީ ދަތުރު ނިންމާލުމަށް ފަހު ކަން ލައިގެން ހުރި ކޮނޑުކެނޑިއާއި ސޯޓުން އެނގެއެވެ. ސާދާ ބަލައިލީ އަސްލަމްގެ މޫނަށެވެ. އަސްލަމުގެ މޫނުމަތިން އޭނާއަށް ފެނުނީ ވަރުބަލި ކަމެވެ. އަސްލަމް އަތުގައި ހުރި ކޮތަޅު ބެހެއްޓީ ސޯފާ ކައިރީގައި ހުރި މޭޒުމަތީގައެވެ. ކޮނޑުގައި އޮތް ދަބަސް ވެސް މޭޒުމަތީގައި ބަހައްޓައިލަމުން ސޯފާއަށް އޭނާ ވެއްޓިގަތެވެ. ސާދާ ހިނިތުންވެލިއެވެ. އޭނާ މަޑުމަޑުން ސޯފާއިން ތެދުވިއެވެ. އަސްލަމް ބެހެއްޓި ކޮތަޅު ހިފައިގެން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އިރުކޮޅެއް ނުވަނީސް ސާދާ އައެވެ.
އޭނާގެ އަތުގައި ހުރި ފެންތަށި އަސްލަމަށް ދިއްކޮށްލިއެވެ. އަސްލަމު އޮތީ ލޯ މަރައިލައިގެންނެވެ. އަސްލަމު މަޑުމަޑުން ދެ ލޯ ހުޅުވާލިއެވެ. އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"ސާދާ ހީކުރީ މަ މީ ސާދާގެ އަޅެއް ކަމަށްތަ؟" އަސްލަމް ނިތަށް ދެތިން ރޫ އަރުވާލިއެވެ.
"ވަރުބަލިވެ ފެންބޮވައިގެންފަ ހުރިހެން ހީވެގެން؟" ސާދާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.
"މަށަށް ފެން ފުޅިން ވެސް ފެން އަޅައިގެން ބޮވޭނޭ. މަށެއް އަދި ބައްޔެއް ނުވެޔޭ. ބަލަ މަ މީ ކުޑަކުއްޖެއްތަ؟ ސާދާ ހީކުރަނީ މަ މީ ކުޅޭކުޅޭ ބުދެއް ކަމަށްތަ؟ ސާދާ ބޭނުންހާ ކަމެއް ކޮށްދޭން. ސާދާ ޖަހައިހާ ބެރަކަށް ނަށަން."
"އަހަރެން އެހެން ބުނެފިތަ؟" ސާދާ ގަދަކަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.
"އެހެންނެއްނު ތިބުނެވުނީ،" އަސްލަމުގެ ރާގު ބަދަލުވަމުން ދިޔައެވެ. "އަހަރެން ބުނިތަ ފެން ގެންނާން؟ ނުބަނަމެއްނު. ނޫނޭ. އަހަރެން މީ ސާދާ ކުޅެން ގެންގުޅޭ ގޮނޑިކޮއްކޮއެއްވިއްޔާ. ސާދާ ބޭނުންވީމަ ފެން ބޯން، ސާދާ ބޭނުންވީމަ ފެންވަރަން. ސާދާ ބޭނުންވީމަ ކުޅެން. ސާދާ ބޭނުންވީމަ ނިދަން. މަށަށް މިނިވަންކަމާއެކު ނޭވާއެއް ލެވޭނީ ކޮން ދުވަހަކުންބާ؟ މަށަށް މި އަނގަ ތަޅުވާން ނުޖެހޭނީ ކޮން ދުވަހަކުންބާ؟ ގެއަށް ވަދެއްޖެނަމަ ބޯ ހީވާނީ ފަޅައިގެންދާން އުޅޭހެން. އަދި އުޅޭނެ ކުއްޖަކު ނުލިބިގެން. ކުއްޖަކު ނުހޯދިގެން. އެ ދުވަހަކުން މަ ޖެހޭނީ ގެއަށް ނުވަދެ ތެޅި ފޮޅެން ކަންނޭނގެ."
ސާދާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުގެ ހިނިތުންވުން އޮއްސުނެވެ. އޭނާގެ ދެ ލޮލަށް ކަރުނަތައް ގިނަވިއެވެ. ކަނާއަތު ޝަހާދަތް އިނގިލި ނުފުށް ލޯ ކައިރީގައި ޖައްސާލިއެވެ. އޭނާގެ ތުންފަތުގައި އަމިއްލައަށް ދަތް އަޅައިލެވުނެވެ. ސާދާ އަސްލަމުގެ މޫނަށް ބަލައިލިއެވެ. އަސްލަމު ވެސް ރުޅިވެރި ގޮތަކަށް ސާދާއަށް ބަލައިލިއެވެ.
ސާދާ ހިނގައިގަތެވެ. ބަދިގެއާ ދިމާއަށެވެ. އަސްލަމު އިނީ ބަލާށެވެ. ސާދާގެ ހަރަކާތްތަކަށެވެ. ސާދާ ފަސްދީ ދިޔުމުން އޭނާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ދުވެލިއެވެ. އޭނާ ގޮނޑިން ތެދުވިއެވެ. ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ.
ސާދާ އެދިޔަ ބާރުމިނުގައި ގޮސް ފެންތަށި ޖެހީ ޒިންކު ތެރެއަށެވެ. އޭނާ ހުރިހާ ރުޅިއެއް ބޭލީ އަތުގައި އޮތް ބިއްލޫރި ތަށްޓަށެވެ. ޒިންކު ތެރެއަށް ތާށި ދޫކޮށްލިއެވެ. ޒިންކުގައި ތަށި ޖެހުނު އަޑުން މުޅި ތަނުގެ ހިމޭންކަން ގެއްލުނެވެ. ސާދާއަށް ބަލައިލެވުނީ ޒިންކުގެ ތެރޭގައި އޮތް ތަށްޓަށެވެ. ތަށްޓައް ގޮތެއްވީތޯއެވެ. އޭނާ ދެއަތް ނަގައި މޭގައި ޖައްސާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.
"މިހާރު ކޮން ރުޅިއެއް ތަށްޓަށް ބާލާކަށް. ކުރިކަމެއް، ކީއް އެއްޗެއް ކީ އަހަންނޭ. އެ ތަށި ސާދާއަށް އެއްވެސް އެއްޗެއް ކީތަ؟ އަހަރެން ނުދެނެހުރި ތިމާ ހިތްހަމަ ނުޖެހޭހާ ފަހަރު އަތުގައި އޮންނަ އެއްޗެއްސަށް އެ ރުޅި ބާލާން ޖެހޭ ކަމެއް. އަހަންނަށްކަށް ނުވިސްނޭ ސާދާއަށް ނުވިސްނެނީ ކީއްވެ ކަމެއް؟" އަސްލަމު ހިތްހަމަ ނުޖެހުނެވެ. "އާނ! އެހެންނު ވާނީ މީނާއަކަށް އެއްޗެއް ގަންނާން ޖެހޭނީކީ ނޫންވިއްޔާ! ރުޅި އަންނަ ކޮންމެ ފަހަރަކު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު ގޭގައި ހުންނަ ހިފައިގެންގުޅޭ ސާމާނު ހަލާކު ކުރީމާ ވެސް ބަރުވާނީ މަގޭ ޖީބަށްވިއްޔަ. ހުސްވާނީ މަގޭ އެކައުންޓުވިއްޔަ."
އަސްލަމުގެ ހަރުކަށި އަޑު އިވުމުން ސާދާ ފަސްއެނބުރި ބަލައިލިއެވެ. އޭނާއަށް ބަލައިލެވުނީ ސީދާ އަސްލަމުގެ މޫނަށެވެ. އޭރު އޭނާގެ ދެ ލޯ ވަނީ ކަރުނުން ބަރުވެފައެވެ. ދެ ކޯތާފަތަށް ކަރުނަތައް އޮހެން ފެށިއެވެ.
"މާލޭގެ ގެދޮރުހުރި މީހެއްގެ ދަރިއަކާ އިނދެވުނީމަ އަހަރެންވާ ހީކުރީ ސަހަރޯވާނޭ. މަށަށް ކަމެއް ނުކުރިޔަސް ފައިސާ އޮހޭނޭ. ގޯތިން ތަންކޮޅެއް ލިބޭނޭ. ކުލި ދައްކާން ނުޖެހޭނޭ." އަސްލަމު ފެށިއެވެ.
"އަހަރެން..." ސާދާ އަޑު ބެދުނެވެ. (ނުނިމޭ)