ލައިފްސްޓައިލް

ލައިގެން ހުންނަ ހެދުން ދޮންނަނީ ކިތައް ދުވަސް ފަހުން؟

އިންސާނުންނަކީ މުޑުދާރު ބައެކެވެ؛ އަގުބޮޑު ހެދުމާއި މޯބައިލް ފޯނާއި އަތުކުރި އަޑި އާއި ފައިވާނާއި ކިތަންމެ ރީތި އަދި މޮޅު ބޫޓަށް އެރިޔަސް ވަރަށް މުޑުދާރެވެ. ހެނދުނު އޮފީހަށް ދާއިރު ފެންވަރައި ރީތިވެލައިގެން އޮފީހަށް ދަނީ ކިތައް މީހުން ހެއްޔެވެ؟

ނުވަތަ އޮފީހުގައި މިއަދު ވެސް ގިނައީ މަތިހަދައިގެން އައިސް ތިބި މީހުން ހެއްޔެވެ؟ އަޅާނުލާށެވެ. އެމީހަކު އެމީހެއްގެ ބެކްޓީރިއާތަކާ އެކު ހަލާކުވާން ދޫކޮށްލައި އާދައިގެ އިންސާނެއްގެ ހަށިގަނޑުގައި ބެކްޓީރިއާގެ ފަނި އަޅައި ބަބުރު ވަސް ކައްކަން ފަށާ ގޮތާއި އޮހޮރުވާ ދަލަށް ބަލާލަމާ ހިނގާށެވެ.

ދުވާލެއްގެ މައްޗަށް އިންސާނެއްގެ ހަށިގަނޑުން ކިތައް ސްކިން ސެލްސް ފޮޅި ހަލާކުވެގެން ފައިބާކަން އެނގޭ ހެއްޔެވެ؟ އެ އަދަދަކީ 500 މިލިއަން އެވެ. ޖުމްލަ 500 މިލިއަން ނުވަތަ އެއަށް ވުރެ ވެސް ގިނަ ސްކިން ސެލްސް ހަލާކުވެ ނުވަތަ ފޮޅިގެން އަހަރެމެންގެ ހަށިގަނޑުން ފައިބައިގެން ދެ އެވެ.

ދުވާލުގެ ހަތަރު ދަމު އެންމެން ވެސް ގިނައިރު އުޅޭނީ ހެދުން ލައިގެން ނުވަތަ ކޮންމެވެސް އެހެން އެއްޗެހިތަކެއް ވެސް ލައިގެންނެވެ. އެހެންވީމަ މިގޮތަށް ފައިބައިގެން ދާ ކުނި ސެލްސްގެ ތޮށްޓާއި އޭގެ އަސަރު ގޮސް މި ތައްލަވަނީ ލައިގެން ހުންނަ ހެދުމެއްގަ އެވެ.

އިންސާނާގެ ގައިން ދުވާލެއްގެ މައްޗަށް ކިހާ ވަރަކަށް ދާ ހިއްލާ ހެއްޔެވެ؟ އާދައިގެ އިންސާނެއްގެ ހަށިގަނޑުން ދުވާލެއްގެ މައްޗަށް އެއް ލީޓަރުގެ ދާ އޮހޮރުވައި ބޭރުކުރެ އެވެ.

ނަމަވެސް ކަންބޮޑުވާނެ ކަމެއް ނެތެވެ. އެކަމަކު ހަށިގަނޑުގައި އުޅޭ ބެކްޓީރިއާތަކަށް މި ކަންތައް ފަޅާއަރާ ހިސާބުން ދެން ކަންބޮޑުވާންވީ އެވެ. އޭރުން ދެން ސަލާމަތް ނުވާނެތީ އެވެ.

ދާހިއްލުމަށް ފަހު ވެސް ގައިން ނުބައި ވަސް ދުވަން ފަށަނީ ބެކްޓީރިއާތައް އެތަނަށް ގޮސް ކައްކާ ގޭސްގަނޑެއްގެ ސަބަބުންނެވެ. މި ބެކްޓީރިއާތަކަށް ކާން ބޯން ލިބެނީ އަހަރެމެންގެ ގައިން އޮހޮރުވާ ދަލުންނާއި ހަލާކުވެ ނުވަތަ ފޮޅިގެން ފައިބާ ސްކިންސް ސެލްތަކުންނާއި ހަންގަނޑުން ބޭރުކުރާ ތެލުންނެވެ.

މި ހުރިހައި ދަލަކާއި ތެލެއްގައި ހުންނަ ޕްރޮޓީންތަކަށް ބެކްޓީރިއާ ގޮސް ވެރިވެގަތީމަ ދެން އުފެދިގެން މި ނުކުންނަ ވަހަކަށް އޮންނަނީ ނޯއްވެސް ދަމާނުލެވިފަ އެވެ.

ގައިން ހިއްލާ ދަލަށް ބަލާއިރު އެންމެ ނުބައި ވަސްގަނޑެއް އުފައްދަނީ އެޕޮކްރައިން ސްވެޓް ގްލޭންޑްސް އިން އުފައްދާ ދަލުންނެވެ. މި ސްވެޓް ގްލޭންޑްސްތައް ހުންނަނީ ކިއްޕައްޗާއި އުކުޅުވަޅައި އުރަމައްޗާއި އައިލިޑްސްގަ އެވެ.

އެހެންވީމަ ލައިގެން ހުންނަ ހެދުންތަކަށް ބަލާއިރު އެންމެ އަވަހަށް ބަދަލުކޮށް ދޮންނަން ޖެހޭ ހެދުންތަކަކީ ކޮބައި ހެއްޔެވެ؟ ޔަގީނަށް ވެސް ލައިގެން ހުންނަ ޖަންގިއާ އާއި އެ ބާވަތުގެ އެހެނިހެން އަންޑަވެއާތައް ވީހާ ވެސް އަވަހަށް ބަދަލުކޮށް ދޮންނަން ޖެހޭނެ އެވެ. ސަބަބަކީ ބެކްޓީރިއާ އަށް އެންމެ ފައްކާ ދާ ހަށިގަނޑުން ހިއްލާ ހިސާބުތަކުގެ ރަސްމީ ހެދުންތަކަށް މިބާވަތުގެ ހެދުންތައްވީމަ އެވެ.

ލައިގެން ހުންނަ ޓީޝާޓާއި ބޮކްސާ އާއި އަޅައިގެން ހުންނަ ބްރާ އަކީ ސިއްހީ ތަޖުރިބާކަރުންގެ ހިޔާލުގައި މާ ގިނަ ދުވަސް ވަންދެން ނުދޮވެ ބޭނުންކުރުން ބުއްދިވެރި އެއްޗެހިތަކެއް ނޫނެވެ.

މީގެ އިތުރުން ފެންވަރައިގެން ހަށިގަނޑު ހިއްކަން ބޭނުންކުރާ ތުވާލިއަކީ ވެސް ނިކަން ގަވާއިދުން ދޮންނަން ޖެހޭ އެއްޗެއްކަން އެނގޭ ހެއްޔެވެ؟ އެކަމަކު އާންމުކޮށް ގިނަ މީހުންނަކީ ނުދޮވެ އެއް ތުވާލިއަކުން މަހެއް ވަންދެން ވެސް ފުއްދާލާ މީހުންނެވެ.

ތަޖުރިބާކާރުން ބުނަނީ ފެންވަރައިގެން ގައި ހިއްކަން ބޭނުންކުރާ ތުވާލި ކޮންމެ ތިން ދުވަހަކުން އެއް ފަހަރު ދޮންނަން ޖެހޭނެ ކަމަށެވެ. އެންމެ ސާފުތާހިރު ގޮތަކީ އެއީ ކަމަށެވެ.

އެހެންވީމަ ލައިގެން ހުންނަ ޖީންސް ކިހާ އާންމުކޮށް ދޮންނަން ޖެހޭ ހެއްޔެވެ؟ މީގެ ޖަވާބަކީ ތިޔަ ހީކުރާ ކަހަލަ ޖަވާބެއް ނޫނެވެ.

ޖީންސް އުފައްދާ ކުންފުނިތަކާއި ފެޝަން ތަޖުރިބާކާރުން ބުނަނީ ޖީންސް ދޮންނަން ޖެހޭނީ ކޮންމެ ހަ މަހަކުން އެއް ފަހަރު ކަމަށެވެ. އެއީ ކީއްވެ ހެއްޔެވެ؟

އެއީ ޖީންސްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށެވެ. މިސާލަކަށް އަލަށް ގަނެގެން ގެންދާ ޖީންސެއް ދޮވެލީމަ އޭތި ވަރަށް ފަސޭހައިން ޝްރިންކްވާނެ އެވެ. ނުވަތަ އާންމުކޮށް ގަވާއިދުން ހަފުތާއަކު އެއް ފަހަރު ދޮންނަ ޖީންސަކުން ވަރަށް އަވަހަށް ކުލަ ވެއްޓިގެން ހިނގައިދާނެ އެވެ.

މި ސަބަބާ ހެދި ޖީންސް ވީހާ ވެސް ގިނަ ދުވަހު ނުދޮވެ ލައިގެން އުޅުން ޕްރޮމޯޓްކުރުމަށް އެއް ފަހަރަކު މަޝްހޫރު ލިވައިސް ކުންފުނީގެ ސީއީއޯ އެއް އަހަރު ވަންދެން އެއް ޖީންސެއް ނުދޮވެ ލައިގެން އުޅުނެވެ.

އެކަމަކު މިއީ ހަމައެކަނި ފެޝަނަކަށް ކޮށް އުޅޭ ކަމަކަށްވީއިރު ސިއްހަތަށް ރަނގަޅު ގޮތަކީ ލައިގެން ހުންނަ ޖީންސް ވެސް ގަވާއިދުން ދޮވުމެވެ. ވަކިން ހާއްސަކޮށް ސްކިނީ ޖީންސް ނުވަތަ ޓައިޓް ފަދަ ފަޓުލޫނާއި ހަރުވާޅު ލާ މީހުން އެމީހުންގެ މި އެއްޗެހިތައް ގަވާއިދުން ދޮވެ ސާފުކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭނެ އެވެ.