މެންޗެސްޓާ ޔުނައިޓެޑް

ފަހުކަށިގަނޑު ފުމުނުފަހުން ޔުނައިޓެޑަށް ޕެނަލްޓީ

މެޗު ނިމުނު ކަމަށް ކަށިގަނޑު ފުމުނު ފަހުން ޔުނައިޓެޑަށް ދިން ޕެނަލްޓީ ގައި ބުރުނޯ ފެނާންޑޭޒް، ކާމިޔާބު ކުރި ލަނޑުން، ބްރައިޓޮން ހޯވް އެލްބިއާންގެ މައްޗަށް 3-2 ން މެންޗެސްޓާ ޔުނައިޓެޑް މޮޅު ވެއްޖެ އެވެ.

އިތުރު ވަގުތުގެ ފަސް ވަނަ މިނެޓްގައި ސޮލީ މާޗް، ބްރައިޓޮންއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެ ލަނޑާއެކު ނަތީޖާ 2-2 ން އެއްވަރުވި އެވެ. ފަހު މިނެޓްގައި ޔުނައިޓެޑަށް ލިބުނު ކޯނަރު ބުރުނޯ ފެނާންޑޭޒް ނެގުމުން ހެރީ މެގްއާ ބޮލުން ފޮނުވާލި ބޯޅަ، ގޯލްލައިން މަތިން މާޗް ދިފާއު ކުރި އެވެ. އެއީ މެޗުގެ އެންމެ ފަހު މިނެޓެވެ. މެޗުގެ ރެފްރީ ކްރިސް ކަވަނާ، ވަގުތު ހަމަވި ކަމަށް ނިންމައި ވިދިވިގެން ތިން ފަހަރަށް އެންމެ ފަހު ކަށިގަނޑު ފުމެންވެސް ފުމުނެވެ. ދެން އައީ ބްރައިޓޮންގެ ހިތްހަލާކުވި ވަގުތު ކޮޅެވެ. މެޗު އެއްވަރު ވެގެން ނިމުމުނު ކަމަށް ކަށިގަނޑު ފުމުނު ފަހުން، މައްސަލަ ޖެހިއްޖެ އެވެ. މެގްއާ ފޮނުވާލި ބޯޅަ މާޗް ދިފާއު ކުރުމުގެ ކުރިން ބްރައިޓޮންގެ ނީލް މޯޕޭ އަތުގައި ޖެހުނު ކަމަށް ވީއޭރު އޮފިޝަލުންގެ ސަމާލުކަމަށް އަ އެވެ.

ފަސް މިނެޓަށް ދެއްކި އިތުރު ވަގުތު ދިހަ މިނެޓަށް ދިގު ދެމިގެން ދިޔަ އެވެ. ވީއޭއާރުން މައްސަލަ ރިވިއު ކުރުމަށް ހޭދަވި ވަގުތާއެކު ހަތަރު މިނެޓް އިތުރަށް ހޭދަވި އެވެ. ވީއޭއާރުން ޕެނަލްޓީއެއް ކަމަށް ކަށަވަރު ވުމުން ބުރުނޯ ފެނާންޑޭޒް ޕެނަލްޓީ ޖެހީ އިތުރު ވަގުތުގެ 10 ވަނަ މިނެޓްގަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީބްރޮއިންޓޮން އިންނެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މޯޕޭ، ބްރޮއިންޓަންގެ ލަނޑު 40 ވަނަ މިނެޓްގައި ކާމިޔާބު ކުރި އެވެ. ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރީ, ބްރޮއިންޓޮންގެ ލެވިސް ޑަންކް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ރަޝްފާޑް ލަނޑު ކާމިޔާބު ކުރި އެވެ. އޭގެ ތިން މިނެޓް ކުރިން ރަޝްފާޑް އިތުރު ބޯޅައެއް ބްރޮއިޓޮންގެ ގޯލްގެ ތެރެއަށް ފޮނުވާލި ނަމަވެސް ވީއޭއާރުން އެ ލަނޑު ގަބޫލެއް ނުކުރި އެވެ.