ދިވެހި ސިނަމާ

ޑާކްރެއިންގެ ވަފާތެރިންނަށް ކުރު ފިލްމުތަކެއް

ޑާކްރެއިން އެންޓަޓެއިންމަންޓުން ޔޫޓިއުބް ޗެނަލް މެދުވެރިކޮށް "ޝޯޓްސް" ގެ ނަމުގައި ކުރު ފިލްމުތަކެއް ގެނެސް ދިނުމަށް ނިންމައިފި އެވެ. އެ ސްޓޫޑިއޯއިން ބުނީ މިއީ ޑާކްރެއިންގެ ވަފާތެރި ސަޕޯޓަރުންނަށް ދޭ ހަދިޔާއެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި މިފަދަ ކަމެއް ފިލްމު އުފައްދާ ކުންފުންޏަކުން ކުރާ ފުރަތަަމަ ފަހަރުވެސްމެއެވެ.

"ޝޯޓްސް" ގެ ދަށުން ފުރަތަމަ ގެނެސްދޭނީ "ދައުވަތު" ނަމުގައި ގެނެސްދޭ ކުރު ފިލްމެކެވެ. ޑާކްރެއިންއިން މިހާރު ވަނީ "ދައުވަތު" ގެ އޮފިޝަލް ޕޯސްޓަރުވެސް ބެލުންތެރިންނަށް ދައްކާލާފައެވެ. ޔޫޓިއުބް މެދުވެރިކޮށް ގެނެސްދެނީ ކުރު ފިލްމުތަކެއް ނަމަވެސް މިއީ ބެލުންތެރިން ވަރަށް ބޮޑަށް ޝައުގުވެރި ވާނެ ކުރު ފިލްމު ތަކަކަށް ވެގެންދާނެ ކަމަށް އެ ސްޓޫޑިއޯއިން ބުންޏެވެ. އެ ފިލްމުތަކަކީ ސަންސްޕެންސްތަކާއި ޓްވިސްޓްތަކުން ފުރިފައިވާ ފިލްމުތަކަކަށް ވާނެ ކަމުގެ ޔަގީންކަން ދެއެވެ.

މި ފަހުން އެންމެ ގިނަ ފިލްމުތައް ސްކްރީން ކޮށްފައިވަނީވެސް ޑާކްރެއިންއިންނެވެ. އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަނީވެސް އެ ސްޓޫޑިއޯގެ އުފެއްދުންތަކަށެވެ. އެހެން ކަމުން މިއީ ބެލުންތެރިންނަށް ލިބިގެންދާނެ އުފާވެރި ހަބަރެކެވެ. ހާއްސަކޮށް ޑާކްރެއިންގެ ވަފާތެރިން ސަޕޯޓަރުންނަށެވެ.

"ޝޯޓްސް" ގެ ފުރަތަމ ފިލްމް "ދައުވަތު" ގައި ކޮމެޑިއަން އަހުމަދު ސުނީ އަދި ޒުވާން ފިލްމީ ތަރި މަރިޔަމް ޝިފާ ހަރަކާތްތެރިވާނެއެވެ. އޮފިޝަލް ޕޯސްޓަރުންވެސް ފެންނަނީ އެ ދެ ފަންނާނުންނެވެ.

ކުރު ފިލްމުތަކެއްގެ މަސައްކަތް ފަށާ އެ ފިލްމުތައް ޔޫޓިއުބް މެދުވެރިކޮށް ގެނެސްދިނުމަށް ނިންމި ނަމަވެސް ޑާކްރެއިން މި ދުވަސްކޮޅު ވަރަށް ބިޒީއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރާ "ނޮވެންބަރު" ގެ މަސައްކަތް މުޅިން ނިމިފައިވާއިރު "ބަޅިނދު" އަދި "ބީވީމާ" ގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި "ރެހެނދި ހަދީޖާ" ގެ ނަމުގައިވެސް ފިލްމެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.