ޗެލްސީ

ފަހު ވަގުތު ޗެލްސީ ބަލިނުވެ ސަލާމަތް ވެއްޖެ

ޓަމީ އަބްރަހަމް އިތުރު ވަގުތުގައި ކާމިޔާބު ކުރި ލަނޑުން، ވެސްޓް ބްރޯމް އާ ދެކޮޅަށް 3-3 ން ޗެލްސީ އެއްވަރު ވެއްޖެ އެވެ.

މިދިޔަ ހަފުތާގައި، ޕްރިމިއާ ލީގްގެ ޗެމްޕިއަން ލިވަޕޫލް އަތުން ބަލިވި ޗެލްސީން، މެދުކެނޑުމަކަށް ފަހު ޕްރިމިއާ ލީގަށް އަލުން ޕްރަމޯޓްވި ވެސްޓްބްރޯމް އަތުން ބަލިވާން ދަނިކޮށް އަބްރަހަމް ޗެލްސީ ސަލާމަތް ކޮށްދިނީ އިތުރު ވަގުތުގެ ތިން ވަަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ. އެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރުމުގެ ތެރެއިން ހަމަލާގެ ބިލްޑްއަޕްގެ ތެރެއިން ކައި ހަވަޓްޒް އަތުގައި ބޯޅައިން ޖެހުނެވެ. އެހެންވެ އެ ލަނޑާ މެދު ސުވާލު އުފެދުނެވެ. އެހެން ނަމަވެސް އެ ގޯލް ރެފްރީ ގަބޫލު ކުރި އެވެ.

ވެސްޓްބްރޯމްގެ ކޯޗް ސްލޭވަން ބިލިޗް ވަނީ އެ ގޯލް ދިން ގޮތާމެދު ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އޭނާ ބުނީ އެއީ ހެންޑްބޯލެއް ކަމަށާއި ހެންޑްބޯލެއް ނޫން ކަމަށް ނިންމި ގޮތް އޭނާއަށް ނޭނގޭ ކަމަށެވެ.

ވެސްޓްބްރޯމްގެ ތިން ލަނޑު ވެސް އެ ޓީމުން ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ކެލަމް ރޮބިންސަން ކާމިޔާބު ކުރީ މެޗުގެ ތިން ވަނަ މިނެޓްގަ އެވެ. އެ ލަނޑަކީ އެ ޓީމުން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާ އެވެ. ޗެލްސީގެ ޑިފެންޑަރު މާކޯސް އޮލޮންސޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މަތެއަސް ޕެރޭރާ ދިން ބޯޅަ ހިފައިގެން ރޮބިންސަން އޭރިއާގެ ކާނާދިމާލުން ވަދެ ލަނޑު ކާމިޔާބު ޗެލްސީގެ ކީޕަރު ވިލީ ކަބެޔޭރޯއަށް ވެސް ފުރުސަތު ނުދީ އެވެ.

ލީގްގައި ކުރިން ކުޅުނު ދެ މެޗުގައި، ފީކަޅާ ގޯލްތަކެއް ވަން، ޗެލްސީގެ ނަންބަރު އެކެއް ކެޕާ އަރީޒަބަލާގާ، ބެންޗަށް ލުމަށް ފަހު ކޯޗް ފްރޭންކް ލަމްޕާޑް ފުރުސަތު ދިނީ އާޖެންޓީނާގެ ކީޕަރު ކަބެޔޭރޯ އަށެވެ. ބުދަ ދުވަހުގެ ރޭ އިނގިރޭސި ލީގް ކަޕްގައި ބާންސްލޭ އަތުން މޮޅުވި މެޗުން ވެސް ފުރުސަތު ދިނީ ކަބެޔޭރޯ އަށެވެ. ބުރާސްފަތި ދުވަހު ޗެލްސީން ވަނީ، ފްރާންސްގެ ރެންގެ ސެނެގާލް ކީޕަރު އެޑްއާޑް މެންޑީ ލައްވައި ސޮއި ކޮށްފަ އެވެ. ރޭގެ މެޗުން އޭނާއަށް ފުރުސަތު ދީފައި ނުވަނީ، ޓީމާއެކު އެކަށީގެންވާ ވަރަކަށް ފަރިތަކުރުންތައް ކުރިިއަށް ގެންދިއުމަށް ވަގތު ނުލިބުމުން ކަމަށް މެޗާ ގުޅިގެން ބޭއްވި ޕްރީ މެޗް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ލަމްޕާޑް ބުނެފައި ވެއެވެ.

ޗެލްސީގެ ޑިފެންސުން ހެދި ގޯސްތަކާއެކު، މެޗުގެ ފުރަތަމަ 30 މިނެޓް ތެރޭ ވެސްޓްބްރޯމްގެ ތިން ލަނޑުވެސް ކާމިޔާބު ކުރި އެވެ. ވެސްޓްބްރޯމްގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ، ރޮބިންސަން އެވެ. އޭގެ ދެ މިނެޓް ފަހުން ކައިލް ބާޓްލީ ވެސްޓްބްރޯމްގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.

ޗެލްސީގެ ޑިފެންސުން ހެދުނު މިސްޓޭކްތަކަށް އިޝާރާތް ކޮށް ލަމްޕާޑް ބުނީ، އެކަހަލަ ގޯސް ހަދާނަމަ އިތުރަށް މެޗު އުނދަގޫ ވާނެ ކަމަށެވެ. ލަމްޕާޑް ސިފަ ކުރި ފަރުބަދައަކަށް އެރުން ފަދަ ކަމެއްގެ ގޮތުގަ އެވެ. ލަމްޕާޑް ބުނީ، ޓީމަށް އިތުރުވި އާ ކުޅުންތެރިންނާއެކު ޕްރީ ސީޒަން ޓްރޭނިންތަކެއް ހެދޭ ގޮތް ނުވުމުން އުނދަގޫތަކެއް ހުރި ކަމަށެވެ.

"މިއަދު މިލުބުނީ ވަރަށް ރަނގަޅު ފިލާވަޅެއް،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ލަމްޕާޑް ބުންޏެވެ. "މީގެ ސަބަބުން އަހަރެމެންނަށް ކުރިއެރުން ލިބެނޭ، އަލަށް ގުޅުނު ކުޅުންތެރިންނާއެކު އަހަރެމެންގެ އަސްލު ގޭމަށް ކުޅެވޭތޯ މަސައްކަތް މިކުރަނީ އަދި ރަނގަޅު ޕްރީ ސީޒަނެއް ނުހެދުނު، މި މެޗަކީ ކުޅުން ރަނގަޅު ކުރުމުގެ މަރުހަލާއެއް."

ދެ ވަނަ ހާފުގައި ޗެލްސީގެ ލަނޑުތައް ކާމިޔާބު ކުރީ އެ ޓީމުގެ އެކެޑެމީން އުފެއްދި ކުޅުންތެރިންނެވެ. ފުރަތަމަ ލަނޑު 55 ވަނަ މިނެޓްގައި ސެޒާ އަޒްޕްލިކްއޭޓާ ދިން ފުރުސަތަކުން ކާމިޔާބު ކުރީ މޭސަން މައުންޓް އެވެ. ދެ ވަނަ ލަނޑު ކެލަމް ހޮޑްސަން އޮޑާއީ ކާމިޔާބު ކުރީ ހަވަޓްޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.