މާލެ ހިމެނޭ ސަރަހައްދުގައި ގޯތިދޭން ހުރި ހުރިހާ ބިމެއް ވިޔަފާރި ވެރިންނަށް ވިއްކަމުން ދާ ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ޒިންމާތަކުން ސަސްޕެންޑްކޮށްފައި ހުންނެވީ އެ ޕާޓީގެ މެންބަރު އަދި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ވިދާޅު ތުހުމުތައް ކުރައްވައިފި އެވެ.
މާލެ ރައްޔިތުންނަށް ގޯތި ދިނުމުގައި މިހާތަނަށް ކަންކަން ހިނގާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް އިއްޔެ މާލޭގައި ބަޔަކު އިހުތިޖާޖެއްކޮށްފައި ވެއެވެ.
އުސްފަސްގަނޑާއި މާލޭގެ އެހެން ބައެއް ދިމަދިމާގައި ކުރި އެ އިހްތިޖާޖަށް އިޝާރާތް ކުރައްވާ ޝުއައިބު ވިދާޅުވީ މާލޭ ރައްޔިތުން ގޯތި ހޯދަން މަގުމައްޗަށް ނުކުންނަށް ޖެހުނީ ސަރުކާރާއި މަޖިލީހުގެ މެންބަރުން މާލޭ ރައްޔިތުންނަށް ގޯތި ދޭން ވި ވައުދު އުވާލައި ގުޅިފަޅު ވިއްކާލުމުން ކަމަށެވެ. އަދި މާލެ ސަރަހައްދުގައި ގޯތިދެވެން ހުރި ހުރިހާ ބިމެއް ވިޔަފާރި ވެރިންނަށް ވިއްކަން ނިންމާފައިވާކަން ރައްޔިތުންނަށް ޔަގީންވުމުން ކަމަށެވެ.
"މާލެ ރައްޔިތުންގެ ގޯތިތައް އެއްވެސްބަޔަކު ފޭރިގެން ނުވާނެ. މާލޭ ރައްޔިތުންނަކީވެސް ގޯތި ލިބުމުގެ ހައްޤު ލިބެންޖެހޭ ބައެއް" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އިސްވެރިންނަށް ނިސްބަތްވާތް ގޮތަށް ކާޓޫނުތަކެއް ކުރަހައިގެން ސަސްޕެންޑް ކޮށްފައިވާ ޝުއައިބު ގެންދަވަނީ ފަހަކަށް އައިސް ސަރުކާރާއި ޕާޓީގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ތުހުމަތުތައް ވެސް ކުރައްވަމުންނެވެ.