ހަބަރު

އެމްޑީޕީއަށް ނިސްބަތްވާ އެންމެން ހައްޔަރު ކުރާނަން: ރިޔާޒު ރަޝީދު

Oct 13, 2015
7

ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލައި އެކަމަށް މަސައްކަތް ކުރަނީ އެމްޑީޕީ އިން ކަމަށާއި އެ ޕާޓީގެ އެންމެން ހައްޔަރު ކުރާނެ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ބޮއިކޮޓްކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން މަސައްކަތް ކުރާ ފަރާތްތަކަށް އަދަބު ދެވޭ ގޮތަށް މަޖިލީހަށް މިއަދު ބިލެއް ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ ރާއްޖެއާ މެދު ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލަން އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރާއިރު އެކަމާ، "ލަދުގަންނަން ޖެހޭނެ" ކަމަށެވެ. ރިޔާޒު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ވެސް ކޮންމެ މަހަކު 80،000ރ. ގެ ބޮޑު މުސާރައެއް ނަންގަވަނީ ޓޫރިޒަމުން ގައުމަށް ލިބޭ އާމްދަނީގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ އެކު، ރިސޯޓްތަކުގައި މުޒާހަރާ ކުރުމުން އޭގެ ސަބަބުން އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް އޭރު ލިބުނު ކަމަށެވެ. އެހެން ނަމަވެސް އެއްވެއުޅުމުގެ ގާނޫނަކުން ރިސޯޓްތަކުގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ނިންމުުމުން އެކަން ހުއްޓުމަކަށް އައި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"އެހެން ވީމާ މި ބިލް މި މުހިންމު ވަނީ. މިއީ ރާއްޖޭގެ ކުރިމަގަށް ޓަކައި ކުރަން ޖެހޭ ކަމެއް. ރާއްޖޭގެ އެންމެ މުހިންމު އިންޑަސްޓްރީގެ ރައްކަލަކަށް މިކަން ކުރަން ޖެހޭ. އެމްޑީޕީގެ މިތިބަ މެންބަރުން ލަދު ގަންނަން ޖެހޭނެ. މިބޭފުޅުން ބޮޔެކޮޓް ކުރަން ގޮވާ އިރު މިބޭފުޅުން ވެސް ކައިގެން މި އުޅެނީ ރާއްޖެއަށް މި ލިބޭ އެއްޗަކުން. މިބޭފުޅުން އެބަ ޖެހޭ ލަދު ގަންނަން ޓޫރިޒަމް ބޮއިކޮޓް ކުރަން ގޮވާ އިރު. މިކަހަލަ އެންމެން ހަމަ ހައްޔަރު ކުރަންވީ. އެކަން ކުރަން އަޅުގަނޑުމެން މި އުޅެނީ. އެކަން ކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫއެންގެ، "މަސައްކަތު" ގްރޫޕަކުން ކަމެއް ނިންމުމުން އެއީ ރާއްޖެއަށް އެކަން މަޖުބޫރު ކުރުވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޔޫއެންގައި ފިޔަވަޅު އެޅޭނެ ގޮތްތަކެއް އޮންނަ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އެމްޑީޕީ އިން ދޮގު ހަދާކަން ފާހަގަ ކުރައްވަމުން ރިޔާޒު ވިދާޅުވީ އދ އިން ވެސް އަދި ދުނިޔޭގެ އެއްވެސް ގައުމަކުން ރާއްޖެއަށް ފިޔަވަޅެއް މިހާތަނަށް އަޅަން މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. އަދި އެމްޑީޕީގެ މަސައްކަތަކީ އދ ގެ ނަމުގައި ދޮގުވާހަކަތައް ފަތުރަމުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"ބަންކީ މޫނެއް ނޫން. އެއްވެސް މޫނެއް ނެތް ރާއްޖެއަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެއް. އެތަނުގައި އުޅޭ ފޮޅާ ސާފުކުރާ ބަޔަކު އަދި ކަމެއް ނިންމިޔަކަށް ނުޖެހޭ އެޔަށް ތަބާވާކަށް،" ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒްގެ ބިލްގައިވާ ގޮތުގައި ޓޫރިޒަމް ބޮއިކޮޓް ކުރުމަށާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވައިލުން ނުވަތަ ހިތްވަރު ދިނުން ނުވަތަ އެފަދަ ކަމެއް ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުމާއި އެފަދަ ކަމަކަށް ތާއީދުކޮށް އެންޑޯޒް ކުރުމަކީ ވެސް އެކަމުގައި ބައިވެރިވުމެވެ. އަދި ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތް ކުރުމާ މެދު، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި، ޓޫރިސްޓުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ފަދަ ވާހަކަ ދެއްކުމާއި އެފަދަ ކަމެއް ކުރުމަކީ ވެސް ޓޫރިޒަމް ބޮއިކޮޓް ކުރުން ކަމުގައި ބިލްގައި ހިމަނާފައިވެ އެވެ.

މިފަދަ ކަންތައްތައް ކުރާ މީހުންނަށް ދޭނެ އަދަބުތަކުގެ ގޮތުގައި ބުނެފައި ވަނީ:

  • 2-10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން
  • ގޭބަންދު ކުރުން
  • ފަސްލައްކަ ރުފިޔާ އާއި ފަސްމިލިއަން ރުފިޔާއަށް ވުރެ ކުޑަކޮށް ޖޫރިމަނާ ކުރުން
  • ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލް ކުރުން
  • ދައުލަތުން ދީފައިވާ ޝަރަފެއް ނޫނީ އިނާޔަތެއް ދިނުން ހުއްޓާލުން

ރިޔާޒުގެ އިތުރަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލަނީ ކޮން ބައެއް ކަމާއި ގައުމުގެ ރައްޔިތުންނަށް ހެޔޮ އެދެނީ ކޮން ބައެއްކަން ރައްޔިތުންނަށް މިހާރު ސާފުވާ ކަމަށް އާމިރު ވިދާޅުވި އެވެ. އަދި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ފަރާތްތައް ހައްޔަރުކޮށްގެން ވެސް އެކަން ހުއްޓުވަން ޖެހޭނެ ކަމަށް އާމިރު ވިދާޅުވި އެވެ.

ދެން އެ މައްސަލައިގައި ވާހަކަ ދެއްކެވި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ރާއްޖެ ބޮއިކޮޓް ކުރުމުގެ ތާރީހެއް އޮތީވެސް އަދި މިހާރު ވެސް އެކަން ކުރަނީ އެމްޑީޕީ އިން ކަމަށެވެ. އަދި އެ ޕާޓީއަކީ އިހުތިރާމް ކުރަން ޖެހޭ ޕާޓީއަކަށް ވާއިރު އެ ޕާޓީ އިން އެފަދަ ކަމެއް ކުރަމުން ދާތީ ހިތާމަ ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕާޓީގެ ލީޑަރު ހައްޔަރު ކުރުމުން މެންބަރުންގެ ހތްތަކުގައި އުދާސްތަކެއް އުފެދުމަކީ ތޮބީއަތެވެ. އެގޮތަށް އެމްޑީޕީގެ މެންބަރުންގެ ހިތުގައި އެފަދަ އިހުސާސްތައް ހުންނާނެ ކަމަށާއި އެހެން ނަމަވެސް ރާއްޖެއިން ބޭރަށް އެފަދަ ކަންކަން ގެންގޮސް ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލުމަކީ އެމްޑީޕީގެ ތެރެއިން ވަކި ބަޔަކު ކުރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެހެން ވީމާ މިފަދަ ބިލަކީ މުހިންމު ބިލެއް. ރިޔާޒު ރަޝީދަކީ މިފަދަ މުހިންމު ބިލްތައް ހުށަހެޅުއްވާތީ އަޅުގަނޑު އެބޭފުޅާއަށް ޝުކުރު ދަންނަވާނަން،" ނިހާން ވިދާޅުވި އެވެ.

ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައި ވަނީ ޓޫރިޒަމް ހަލާކު ކުރުމަށް ފަހަކަށް އައިސް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިންގާ އަމަލުތައް ހުއްޓުވުމަށްޓަކައި، ގާނޫނީ ބާރުވެރިކަން ހޯދުމެވެ. ޓޫރިޒަމަކީ ރާއްޖޭގެ އިގުތިސޯދުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާ ސިނާއަތު ކަމަށް ވާތީ، ޓޫރިޒަމަށް އަންނަ ކޮންމެ ލޮޅުމަކުން ގައުމުގެ މަސްލަހަތަށް ނޭދެވޭ އަސަރު ފޯރާނެތީ އެކަން ހުއްޓުވުމަކީ ވެސް އެ ބިލްގެ މަގުސަދެކެވެ.