އާޒިމާ ޝަކޫރު

ޑޮކްޓަރަށް ދައްކަން ޖެހިގެން އާޒިމާ ޝަރީއަތް ކެންސަލް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތުގެ އާޒިމާ ޝުކޫރުގެ މައްޗަށް ކުރާ ދެ ދައުވާގެ ޝަރީއަތުގައި މިއަދު ބާއްވަން ނިންމި އަޑުއެހުން ކެންސަލް ކޮށްފި އެވެ.

މިއަދުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ މެންދުރު 1:30 އަށެވެ. އެ ޝަރީއަތުގެ މަޖިލީސް ފައްޓަވައި ދެއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އާޒިމާގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ސިޓީއެއްގެ ވާހަކަ ފާހަގަ ކުރައްވާފަ އެވެ. އަދި ދިމާވި ކަމަކާއި ގުޅިގެން ޝަރީއަތް އެހެން ދުވަހަކަށް ފަސް ކުރަން އާޒިމާ އެދިވަޑައިގެންފައިވާ ކަމަށްވެސް ގާޒީ ފާގަހަ ކުރެއްވެވި އެވެ.

ޝަރީއަތުން ފާހަގަކުރި ކަންކަން ސާފު ނުވާ ކަމަށް ދައުލަތުން ބުނުމުން ގާޒީ ވަނީ ސިޓީގައި ފާހަގަ ކޮށްފައިވާ ކަންކަން ސާފު ކޮށް ދިނުމަށް އާޒިމާގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މިކަމަށް ޖަވާބު ދެއްވަމުން އާޒިމާ ވިދާޅުވީ ސިއްހީ ސަބަބުތަކަށްޓަކާ ހޮސްޕިޓަލަށް ވަޑައިގަންނަ ޖެހިވަޑައިގަންނަވާ ކަމަށާއި މިއަދު 2:00 ޖަހާއިރަށް އެޕޮއިންޓްމެންޓް ލިބިފައިވާ ކަމަށެވެ. ކޯޓަށް ހުށަހެޅި ސިޓީގައި ސިއްހީ ސަބަބު ފާހަގަ ކުރައްވާފައި ވާނެ ކަމަށާއި، ނަމަވެސް ޝަރީއަތުގެ މަޖިލީހަށް ނޫސްވެރިން ވެސް ހާޒިރުވެތިބުމުން އޭގެ ތަފްސީލަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

އެއަށްފަހު ދައުލަތުން ވަނީ ޝަރީއަތް ކުރިޔަށް ގެންދަން ބޭނުންފުޅުތޯ ނުވަތަ ހޮސްޕިޓަލަށް ވަޑައިގަންނަވާނީތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި އާޒިމާ ވިދާޅުވީ އޭނާ ބޭނުން ވަނީ ޑޮކްޓަރަށް ދައްކަން ދާން ކަމަށެވެ. މިހެން ވިދާޅުވުމުން ގާޒީ ހަސަން ސައިދު ވިދާޅުވީ މިއަދުގެ އަޑުއެހުން ކެންސަލް ވެފައިވާ ކަމަށާއި ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ އެއްކޮށެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއްނުވެ އެވެ. ނަމަވެސް ދިފާއުން ހުށަހެޅި ހުށަހެޅުންތަކަށް ދައުލަތުން ޖަވާބުދާރީވެފައި ވެއެވެ. އެގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ ލިޔުމުން ރައްދު ހުށަހަޅަން ޖެހޭ ކަމަށް އެއްވެސް ގާނޫނެއްގައިނުވާ ކަމަށާއި އެގޮތަށް އަމަލު ކުރަން އެއްވެސް ގާނޫނީ ހުރަހެއްނެތް ކަމަށެވެ.

ޝަރީއަތުގައި ދިފާއުން މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ އާޒިމާއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިން ބަލައިނުގަތުމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހުށަހެޅި ނުކުތާއަކީ މަނީލޯންޑްރިން މަައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ހެކިބަސް ބަލައިނުގަތުމަށެވެ. ދިފާއީ ވަކީލް ވިދާޅުވީ ރައީސް ޔާމީނަކީ މި މައްސަލާގައި ދައުވާ ލިބޭ ފަރާތް ކަމަށާއި އެހެންކަމުން މި މައްސަލާގައި ދައުވާ އުފުލިފައިވާ ފަރާތެއްގެ ހެކިބަސް ނުނެގޭނެ ކަމަށެވެ. އަދި ދެކޮޅަށް ހެކިވެރިއެއްގެ ގޮތުގައިވެސް ރައީސް ޔާމީން ބޭނުން ނުކުރެވޭނެ ކަމަށެވެ. އެއް ކުށެއްގައި ހިމެނޭ ބައެއް އެއްކޮޅަށް ވެސް ދެ ކޮޅަށް ވެސް ހެކިންގެ ގޮތުގައި ބޭނުން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ކަމަށް ދިފާއީ ވަކީލް ފާހަގަކުރެއްވިއެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ ރައީސް ޔާމީންގެ ހެކިބަސް މި މައްސަލާގައި ބޭނުން ކުރެވޭނެ ކަމަށެވެ. އެއީ ރާއްޖޭގައި ގިނަ ކޯޓްތަކުގައި އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށާއި އެކަން އެގޮތަށް ބަލައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި މައްސަލައަކީ ހަމައެކަނި ރައީސް ޔާމީންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް އެކުލެވިގެންވާ މައްސަލައެއް ނޫން ކަމަށާއި މި މައްސަލާގައި އެހެން މީހުންގެ ހެކިބަސް ނެގުމަށް ހުށަހެޅިފައިވާ ކަމަށެވެ. އެހެންކަމުން އެހެން މީހުންގެ ހެކިބަހަށްވެސް ރިއާޔަތް ކުރެވޭނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ.

އެ ދުވަހުގެ އަޑުއެހުމުގައި އާޒިމާ ވިދާޅުވީ، ދަށު ކޯޓުތަކުން އަމަލު ކުރަންޖެހޭނީ މަތީ ކޯޓުތަކުން ނިންމާފައިވާ ނިންމުމަށް ކަމަށާއި ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ ދައުވާ ލިބޭ ފަރާތެއްގެ ހެކިބަސް އެމައްސަލައާ ގުޅުންހުރި މައްސަލައެއްގައި ނުނެގޭނެކަން ނިންމާފައި ކަމަށެވެ.

ދިފާއުން ދެން ހުށަހަޅާފައިވަނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކިބަސް ނުނެގުމަށެވެ. އެގޮތުން ހުށަހެޅި ނުކުތާތަކުގެ ތެރޭގައި އޭނާއަކީ ގާނޫނީ ގޮތުން ތުހުމަތު ކުރެވޭ ފަރާތެއް ކަމަށާއި އޭނާއަކީ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް އަންގައި ބިރުދެއްކުމަށްފަހު ހެކިބަސް ނަގާފައިވާ ފަރާތެއްކަން އޭނާ ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާއަށް ބިރުދެއްކުމުގެ ސަބަބުން މިވަގުތު ރާއްޖެއިން ބޭރުގައި ހުރި ފަރާތެއްކަންވެސް ދިފާއުން ފާހަގަކުރިއެވެ.

ލުތުފީއަކީ މިނިވަން ހެކިބަސް ދެވޭނެ ބޭފުޅެއް ނޫން ކަމަށާއި އަމިއްލަ އަށް ހެކިބަސް ދެވޭނެ ބޭފުޅެއްކަމަށްވެސް ގަބޫލު ނުކުރެވޭނެ ކަމަށެވެ. އަދި ލުުތފީއަކީ އިސްލާމިކް ބޭންކާއި ސުވާލުކުރި ފަރާތްކަމަށާއި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ފްރީޒް ކުރުމުގެ ބާރުވެސް ލިބި އެކަން ކޮށްފައިނުވާ ފަރާތެއް ކަމަށްވެސް ދިފާއުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އޭނާއަކީ ޖިނާއީ ދައުވާ އުފުލޭ މީހަކަށްވާތީ މި މައްސަލާގައި ހެކިބަސް ނެގިގެން ނުވާނެ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ދައުލަތުން ވިދާޅުވީ މީހެއްގެ މައްޗަށް ތަހުގީގެއް ކުރުމަކީ އެމީހެއްގެ ހެކިބަސް ނުނެގޭނެ ސަބަބެއް ނޫން ކަމަށެވެ. އޭނާގެ ހެކިބަސް ނަގާފައިވަނީ މަޖުބޫރު ކޮށްގެން ނޫން ކަމަށާއި ބަޔާން ދީފައިވަނީ ގަދަބާރުންނޫން ކަމަށެވެ. އަދި އެކަން ކުރިކަން ގާނޫނީ ހަމަތަކުން ސާބިތުނުވާ ކަމަށާއި އެހެންކަމުން ހެކި ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ފުލުހުންނަށް ބަޔާން ދީފައިވަނީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދިފާއުން ވަނީ ބޭންކް އޮފް މޯލްޑިވްސް ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފްގެ ހެކިބަސް ނުނެގުމަށްވެސް އެ ދުވަހު ހުށައަޅާފައެވެ. އެގޮތުން މުހައްމަދު ޝަރީފަކީ މަޖިލީހުގައި ދޮގު މައުލޫމާތު ދީފައިވާ ފަރާތެއް ކަމަށާއި އޭނާގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށެވެ. އެހެންކަމުން އޭނާގެ ހެކިބަސް ނެގިގެންނުވާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ މައްސަލައެއްގައި ތުހުމަތު ކުރެވުމަކީ ކުށް ސާބިތުވީ ކަމަށް ބެލެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އޭނާގެ ހެކިބަސް ނެގޭނެ ކަމަށެވެ. ގާޒީ ވަނީ އެމައްސަލަ މިހާރު އޮތް ހިސާބު އަހާފަ އެވެ. ދައުލަތުން ވިދާޅުވީ އެމައްސަލަ ފުލުހުން ތަހުގީގް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދި ދައުވާ ކުރުމަށް ޕީޖީއަށް ލިބިފައިނުވާ ކަމަށެވެ.

އިތުރަށް ހުށަހަޅާފައިވަނީ އޭސީސީގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަސް ނުނެގުމަށެވެ. އޭގައިވެސް ފާހަގަ ކުރެއްވީ އެއް ނުކުތާތަކެކެވެ. އެގޮތުން އޭނާ ވަނީ ލުތުފީއާއެކު ޔާމީނާއި ސުވާލުކޮށްފައި ކަމަށާއި އޭނާއަށް އެކައުންޓް ފްރީޒް ކުރުމަށް ފުރުސަތުލިބި އެކަން ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން އޭނާގެ ހެކިބަސްވެސް ނެގިގެން ނުވާނެ ކަމަށެވެ. ދިފާއުން ހުށަޙެޅި ފަހު ނުކުތާއަކީ އޭނާގެ މައްޗަށް ތުހުމަތުކުރާ ކަންކަމަކީ ރައީސް ޔާމީންގެ މަނީލޯންޑްރިންގެ ދައުވާ ފުރިހަމަ ވުމަށް ކުރަން ޖެހޭ ކަންކަން ނޫން ކަމަށާއި ޔާމިންގެ މައްޗަށް ކުރާ ދައުވާ ސާބިތުނުވެ އެކަމުގައި އެހީތެރިވުމުގެ ދައުވާ އޭނާގެ މައްޗަށް ނުއުފުލޭނެ ކަމަށެވެ.