ބަޔާން މިއުނިކް

ހޮފެންހައިމް އަތުން ބަލިވެ ބަޔާންގެ ރެކޯޑް ނިމިއްޖެ

ބަލިނުވެ 32 މެޗު ފުރިހަމަ ކުރި ބަޔާން މިޔުނިކް މިއަދު ހޮފެންހައިމްއާ ދެކޮޅަށް ކުޅުނު މެޗުން 4-1 ން ބަލިވެއްޖެ އެވެ.

ބަޔާންގެ ޒުވާން ޓީމުގެ ކުރީގެ ކޯޗް ސަބެސްޓިއަން ހޯނޭސްގެ މިހާރުގެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ހޮފެންހައިމްއަށް ދަތުރު ކުރި މިޔުނިކްގެ ޓީމަށް، އެ ޓީމުގެ ކޯޗް ހެންސީ ފްލިކް ގެނެސްފައިވާ އެންމެ ބޮޑު ބަދަލަކީ، ޓީމުގެ ސްޓާ ފޯވަޑް ރޮބަޓް ލެވެންޑޮސްކީ ބެންޗަށް ބަދަލު ކުރުމެވެ. ބުންޑެސް ލީގްގާގެ މެޗެއްގައި، ޕޮލެންޑްގެ ފޯވަޑް ބެންޗަށް ބަދަލު މި ކުރީ ދެ އަހަރު ފަހުންނެވެ. މީގެ ކުރިން ފުރަތަމަ 11 އިން ލޮވެންޑެސްކީއަށް ފުރުސަތު ދީފައި ނުވަނީ ސެޕެޓެމްބަރު 25، 2018 ގައި އޮގްސްބާގް އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ލެވެންޑޮސްކީގެ ބަދަލުގައި، މިއަދު ފުރަތަމަ 11 އިން ސެންޓްރަލް ސްޓައިކަރެއްގެ ރޯލުން ފުރުސަތު ދިނީ، ހޮލެންޑްގެ ޒުވާން ފޯވަޑް ހޯޝްއާ ޒްކްޒީ އަށެވެ. އަދި އޭނާ އާއެކު އެޓޭކިން ލައިނުން ލިރޮއީ ސަނޭ، ތޯމަސް މުލާ އަދި ސާޖް ގެނެބްރީއަށްވެސް ފުރުސަތު ދީފައި ވެއެވެ.

ހޮފެންހައިމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ އާމިން ބައިކާޗިކް އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ މެޗުގެ 16 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ލަނޑު މޫނާސް ޑާބާ ކާމިޔާބު ކުރީ 24 ވަނަ މިނެޓްގަ އެވެ. ބަޔާންގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ހޯޝްއާ ކިމިކް އެވެ.

ދެ ވަނަ ހާފުގެ ކުރީ ކޮޅު، ޒްކްޒީގެ ބަދަލުގައި ލޮވެންޑެސްކީއަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފުރުސަތު ދިނެވެ. އެހެން ނަމަވެސް ބަޔާން ކޮޅަށް ނަތީޖާ ބަދަލު ކޮށްލުމުގައި ލެވެންޑޮސްކީއަށް ވެސް ކާމިޔާބެއް ނުހޯދުނެވެ.

ދެ ވަނަ ހާފުގައި ވެސް ހޮފެއިންހަމް އިން ދެ ލަނޑު ކާމިޔާބު ކުރި އެވެ. އެ ދެ ލަނޑު ކާމިޔާބު ކުރީ އަންޑްރޭ ކްރަމަރިކް އެވެ. ހޮފެންހައިމްގެ ތިން ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 77 ވަނަ މިނެޓްގަ އެވެ، ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ތެރެއިން ދެ ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ.

ބަޔާން މީގެ ކުރިން މެޗަކުން ބަލިވީ، ޑިސެމްބަރު ހަތް ވަނަ ދުވަހު ބުރޫޝިއާ މޮންޗެންގްގްލެޖްބާކް އަތުން 2-1 ންނެވެ. މިއަދުގެ މެޗަކީ ހެންސީ ފްލިކްގެ ކޯޗް ކަމުގައި ބަޔާން ބަލިވި ތިން ވަނަ މެޗެވެ. ބަޔާންގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހުރެފައި ހެޑް ކޯޗް ކަމަށް އޭނާ ޕްރަމޯޓް ކުރީ ނޮވެމްބަރު ތިނެއް، 2019 ގައި އެވެ.