ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި މެޗުގެ އެންމެ ފަހު 20 މިނެޓްގައި ކުޅެން ނުކުމެ، އެތުލެޓިކޯ މެޑްރިޑްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ލުއިސް ސުއަރޭޒްގެ ދެ ލަނޑާއެކު 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން އެތުލެޓިކޯ މޮޅުވެއްޖެ އެވެ.
ފިޒިކަލީ ވަރުގަދަ ގޭމެއް ކުޅޭ ގްރަނާޑާ އާ ދެކޮޅަށް ކުޅެން އަބަދުވެސް އިދިކޮޅު ޓީމުތަކަށް އުނދަގުލެވެ. އެހެން ނަމަވެސް އެތުލެޓިކޯގެ އެޓޭކިންލައިނުން ވަނީ ގްރަނާޑާ އާ ދެކޮޅަށް ވަރަށް ރަނގަޅަށް މަސައްކަތް ކޮށްފަ އެވެ. ބާސެލޯނާގައި ހަ އަހަރު ހޭދަ ކުރުމަށް ފަހު ހިލޭ ޓްރާންސްފާގައި އެތުލެޓިކޯއަށް ބަދަލުވެ، ސުއަރޭޒް ކުޅެން ނުކުތީ ޑިއޭގޯ ކޮސްޓާގެ ބަދަލުގައި މެޗުގެ 70 ވަނަ މިނެޓްގަ އެވެ. ކުޅެން ނުކުތްތާ ދެވަނަ މިނެޓްގައި ސުއަރޭޒްގެ ހިއްސާއާއެކު އެތުލެޓިކޯއިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު 72 ވަނަ މިނެޓްގައި މާކޯސް ޔޮރެންޓޭ ކާމިޔާބު ކުރީ ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ކުޅެން ނުކުތްތާ 15 މިނެޓް ތެރޭ ސުއަރޭޒް ވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ޔޮރެންޓޭ ނަގައިދިން ބޯޅަ ސުއަރޭޒް ގޯލްތެރެއަށް ވައްދާލީ ބޮލުން ފޮނުވާލައިގެންނެވެ. އެތުލެޓިކޯގެ ހަ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓްގަ އެވެ. އޭނާ ފުރަތަމަ ފޮނުވާލި ބޯޅަ ގްރަނާޑާގެ ކީޕަރު ރުއީ ސިލްވާ ދިފާއު ކުރުމުން، ގޯލް ދަނޑިގައި ޖެހިފައި ރީބައުންސް ވެގެން ނުކުތް ބޯޅަ ސުއަރޭޒް ވަނީ ގޯލްގެ އަނެއް ކަނަށް ވައްދާލާފަ އެވެ.
މެޗުގައި އެތުލެޓިކޯގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ކޮސްޓާ އެވެ. މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ އޭންހަލް ކޮރެއާ ހުރަސް ކޮށްދިން ބޯޅަ ބޮލުން ފޮނުވާލައިގެންނެވެ. އޭގެ ނުވަ މިނެޓް ފަހުން ނަތީޖާ ފުޅާ ކުރަން އެތުލެޓިކޯއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. މިޑްފީލްޑާ ސައުލް ނިގޭޒް ފޮނުވާލި ޕެނަލްޓީ ކީޕަރު ރުއީ ސިލްވާ ދިފާއު ކުރި އެވެ. ރީބައުންސަށް ބޯޅަ ނުކުތުމުން ސައުލް ދެ ވަނަ ފަހަރަށް ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މިދިޔަ ސީޒަންގައި، އެތުލެޓިކޯއަށް ބަދަލުވެ، އޭނާގެ އަސްލު ކުޅުން ނުދެއްކުނު ޔޯއާ ފެލިކްސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މިއީ އެތުލެޓިކޯގެ ޖޮޒީގައި އޭނާގެ އެންމެ މޮޅު މެޗެވެ. ގޯލް ޖަހައި އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި އެތުލެޓީގެ ދެ ވަނަ ލަނޑު ކޮރެއާ ކާމިޔާބު ކުރީ އޭރިއާގެ ބޭރުގައި ހުރެފައި ފެލިކްސް ނަގައިންދިން ބޯޅައިންނެވެ. މެޗުގެ 65 ވަނަ މިނެޓްގައި ފެލިކްސްގެ ލަނޑު އޭނާ ކާމިޔާބު ކުރީ ކޮރެއާ ދިން ބޯޅައިން އެވެ. ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ އޭނާ ގޯލްގެ ތެރެއަް ބޯޅަ ފޮނުވާލީ ގްރަނާޑާގެ ޑިފެންޑަރު ކަޓުވާލައި ކީޕަރު ރުއީ ހުރި ފަޅި އަށެވެ.
ގްރަނާޑާގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ޖޯޖް މޮލީނާ އެވެ. އޭނާ ލަނޑު ކާމިޔާބު ކުރީ 87 ވަނަ މިނެޓްގަ އެވެ.