ކުޅިވަރު

ވާޑީގެ ހެޓްރިކް، ސިޓީ ކޮޅަށް ފަސް ލަނޑު

ޖެމީ ވާޑީގެ ހެޓްރިކާއެކު، ލެސްޓާ ސިޓީން މެންޗެސްޓާ ސިޓީ ކޮޅަށް ފަސް ލަނޑު ޖަހައިފި އެވެ. މެޗުން ސިޓީ ބަލިވީ 5-2 ންނެވެ.

މެޗަށް ނުކުތުމުގެ ކުރިން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ، ކައިރި ކައިރީ މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް ކުރިމަތިވާ އުނދަގޫ ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ. އަދި ޝެޑިއުލް އޮތް ގޮތާމެދު ގާޑިއޯލާ ވަނީ ފާޑުކިއުން އަމާޒު ކޮށްފަ އެވެ. އޭނާ ބުނީ ޝެޑިއުލް ހަދަން ތިބި މީހުން ކުޅުންތެރިންނާ މެދު ނުވިސްނާ ކަމަށެވެ. މިހާރު ވެސް ސިޓީގެ އެންމެ މުހިންމު ދެ ފޯވަޑުން، ސާޖިއޯ ކުން އަގުއޭރޯ އާއި ގެބްރިއަލް ޖެސޫސް ތިބީ އަނިޔާގަ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ވެސް އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ މެންޗެސްޓާ ސިޓީ އެވެ. މެޗު ފެށިގެން ހަތަރު ވަނަ މިނެޓްގައި ރިޔާޒް މަހްރޭޒް ވަނީ އޭނާގެ ކުރީގެ ޓީމު ކޮޅަށް ލަނޑު ޖަހައި ސިޓީއަށް މެޗުގެ ލީޑް ނަގައިދިފަ އެވެ. ލީޑްގައި ސިޓީއަށް ހިފަހައްޓާ 30 މިނެޓެވެ. ލެސްޓާއަށް ލިބުނު ޕެނަލްޓީ އަކުން ވާޑީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

މެޗުގައި ލެސްޓާގެ ފަސް ލަނޑުގެ ތެރެއިން ތިން ލަނޑަކީ ޕެނަލްޓީން ކާމިޔާބު ކުރި ލަނޑުތަކެވެ. އޭގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބު ކުރީ ވާޑީ އެވެ. ލެސްޓާގެ ދެ ވަނަ ލަނޑު ވާޑީ ކާމިޔާބު ކުރީ މެޗުގެ 54 ވަނަ މިނެޓްގައި ޓިމޮޓީ ކޭސްޓައިން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭގެ ހަތަރު މިނެޓް ފަހުން އަނެއްކާ ވެސް ލެސްޓާއަށް ޕެނަލްޓީއެއް ލިބުނެވެ. ވާޑީ ހެޓްރިކް ހެދީ އެ ޕެނަލްޓީން ކާމިޔާބު ކުރި ލަނޑުންނެވެ.

މެޗުގެ 77 ވަނަ މިނެޓްގައި ޖޭމްސް މެޑިސަން ވަނީ ލެސްޓާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ސިޓީގެ ދެ ވަނަ ލަނޑު ޑިފެންޑަރު ނަތަން އަކޭ ކާމިޔާބު ކުރީ މަހްރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ލެސްޓާގެ ފަސް ވަނަ ލަނޑު އަނެއްކާ ވެސް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޔޫރީ ޓީލްމަންސް އެވެ.

މިއަދު ނިއުކާސަލް އާ ދެކޮޅަށް މޮޅުވާން ދިޔަ ޓޮޓެންހަމް އަތުން ތިން ޕޮއިންޓް ގެއްލުނީ މެޗުގެ އެންމެ ފަހު ވަގުތުގައި ނިއުކާސަލްގެ ކެލަމް ވިލްސަން ކާމިޔާބު ކުރި ލަނޑުން މެޗު 1-1 ން އެއްވަރު ވުމުންނެވެ. ފުރަތަމަ ހާފުގައި ސްޕާސްގެ ލަނޑު ކާމިޔާބު ކުރީ ލޫކަސް މޯރާ އެވެ. ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ތާވަލުގެ އެއް ވަނައިގައި އޮތީ ލެސްޓާ އެވެ.