އުމްރާ ދަތުރު

އުމްރާ ކުންފުނިތަކަށް ފުރުސަތު ހުޅުވާލައިފި

Sep 27, 2020

ދިވެހިން އުމްރާއަށް ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކަޡށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ ޝަރުތު ހަމަވާ ކުންފުނިތަކަށް ކަމަށެވެ. ޕްރޮޕޯޒަލް ފޮތް މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ގަންނަން ލިބެން ހުންނާނެ އެވެ. އެގޮތުން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ނުވަޔަކުން 12 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯޒަލް ފޮތް ވިއްކާނެ އެވެ. ޕްރޮޕޯސަލް ފޮތުގެ އަގަކީ 5،000 ރުފިޔާއެވެ.

އެ މިނިސްޓްރީން ބުނީ ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހަޅަން ވާނީ ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ނުވަޔަކުން 12 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ. ޕްރޮޕޯސަލް ގަނެފައިނުވާ ކުންފުނިތަކުގެ ޕްރޮޕޯސަލް ބަލައި ނުގަންނާނެ ކަމަށްވެސް ބުންޏެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު އުމްރާވެރިންނަށް މައްކާގެ ހަރަމްފުޅު ހުޅުވާލަން ނިންމާލާފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު އުމުރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަން ސައުދީން ނިންމި ނަމަވެސް އުމްރާގެ އަޅުކަމަށް ފުރަތަމަ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ މަދު އަދަދެއްގެ ބަޔަކަށެވެ. އެގޮތުން ފުރަތަަމަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 6،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.

އަދި ދެވަނަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 15،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. ތިންވަނަ ފޭސްގައި އުމްރާގެ އަޅު ކަމަށް ދުވާލަކު 20،000 މީހުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މިއީ އާންމު ހާލަތުގައިވެސް ހުއްދަދޭ އަދަދެވެ. މީގެ އިތުރުން ނަމާދު ވަގުތުތަކުގައި 60،000 މީހުންނަށް ހަރަމްފުޅަށް ވަނުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.