އަމީތާބު

އަމީތާބުގެ "ކޭބީސީ" ގައި މިފަހަރު އާ ކަންތައްތަކެއް

"ކޯން ބަނޭގާ ކްރޯޅްޕަތީ" (ކޭބީސީ) އަކީ ހިނދުކޮޅެއްގެ ތެރޭގައި މިލިއަނަރަކަށް ވާން ބޭނުންވާ ގިނަ ބަޔެއްގެ ހުވަފެނީ ޝޯ އެކެވެ. މި ޝޯ ވުޖޫދަށް އައީ މީގެ 20 އަހަރު ކުރިންނެވެ. މި ޝޯގައި ބޮލީވުޑްގެ އެންމެ މަޝްހޫރު ޝަޚްސިއްޔަތުން ބައިވެރިކުރި އެވެ. މިއީ ޓީވީ ސްކްރީނަށް އަމީތާބު އަލަށް ތައާރަފުވީ ފަހަރެވެ. އެހެންކަމުން ޓީވީ ބެލުންތެރިން ޝޯ އަށް ދޭނެ ތަރުހީބަކާއި އަމީތާބުގެ މަޝްހޫރު ކަމަށް ޓީވީ ޝޯއަކުން އަންނާނެ ބަދަލު އޭރު އޮތީ އަޖުމަ ބެލުމަށް ދޫކޮށްލަން ޖެހިފަ އެވެ.

އަމީތާބު ކޭބީސީ ހޯސްޓް ކޮށްދޭން ފެށިއިރު އޭނާގެ ފިލްމީ ކެރިއަރު އޮތީ ވަރަށް ހާލަތު ގޯސްކޮށެވެ. އަދި އަމިއްލަ ގޮތުން ކުރި ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވުމުގެ ސަބަބުން ފައިސާގެ ގޮތުން ވެސް އޭނާ ހުރީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފަ އެވެ.

ނަސީބު ދިމާ ކުރިގޮތުން މި ޝޯ ވެގެން ދިޔައީ އަމީތާބަށާއި ޝޯ ޕްރޮޑިއުސްކުރި ފަރާތަށް ހީވެސް ނުކުރާ ވަރުގެ ބޮޑު ކާމިޔާބެއް ލިބުނު ޝޯ އަކަށެވެ. ދެ ވަނަ ފަހަރަށް އަމީތާބުގެ ނަސީބު އަތުގައި ހިފީ މި ޝޯގެ ސަބަބުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މިރެއަކީ އަނެއްކާވެސް މި ޝޯގެ މުޅިން އާ ސީޒަނެއް ފެށޭ ރެއެވެ. މީގެ 20 އަހަރު ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ހޯސްޓަކީ އަމީތާބެވެ. ކޮވިޑް ޖެހި ވަރަށް ހާލަތު ގޯސްވެފައި ގިނަ ދުވަސްތަކަކު ބަލި އެނދުގައި އޮތުމަށްފަހު އަމީތާބު އެނބުރި އަންނަނީ ކުރިއަށް ވުރެ ވެސް ހިތްވަރާއި ޖޯޝުގައި އަދި އޭނާގެ ކިބައިގައި ހުރި އެހެން މީހުންގެ ހިތްތައް އަތުލައިގަންނަ ޖާދޫއާ އެކުގަ އެވެ.

ނަމަވެސް ކޮރޯނާވައިރަހުގެ ބޮޑު ބަލިމަޑުކަމެއް މުޅި ދުނިޔެއަށް އަދި އިންޑިޔާއަށް ކުރިމަތިވެފައިވާ މި ދުވަސްވަރު ކޭބީސީގެ މިފަހަރުގެ ސީޒަނަށް ވެސް ބޮޑު ބަދަލެއް ވަނީ ގެނެއްސަ އެވެ. ލައިވް އޯޑިއަންސެއް ނެތި މި ޝޯ ހުށަހަޅައިދޭ ފުރަތަމަ ފަހަރަކީ މި ފަހަރެވެ.
ކޭބީސީ ކަހަލަ ކުއިޒް ޝޯއަކަށް ލައިވް އޯޑިއަންސެއް މުހިއްމެވެ. އެމީހުންގެ ތަރުހީބުގެ އަތްތިލަބަޑިއާއި ހިތްވަރުދިނުމުގެ އެކިއެކި ހަރަކާތްތަކުން ޝޯގެ ބައިވެރިންނަށް އިތުރު ހިތްވަރާއި ޖޯޝް ލިބެ އެވެ. ނަމަވެސް ލައިވް އޯޑިއަންސް އަކާއެކު މިފަހަރުގެ ޝޯ ގެނެސްދެވޭނެ ގޮތެއް ނެތެވެ. އެހާ ގިނަ ބަޔަކު އެއްތަނަކަށް އެއްކުރުން ރައްކާތެރި ކަމަކަށް ނުވާތީ އެވެ.

ޝޯގައި އޯޑިއަންސްގެ ހަޅޭއްފަޅޭއްކާއި ތަރުހީބުގެ އަޑު ހިމަނާފައި ވަނީ ފައިނަލް އެޑިޓްގަ އެވެ. އެހެންކަމުން އަމީތާބަށް މިފަހަރުގެ ޝޯގައި ހޯސްޓެއްގެ ހައިސިއްޔަތުން މާ ބޮޑު ރޯލެއް ކުޅެން ޖެހެ އެވެ. ޓީވީން ޝޯ ބަލާ މީހުންގެ ސަމާލުކަން ހުއްޓޭ ވަރަށް ޝޯގެ ބައިވެރިންނާއެކު ގުޅުން ވަރުގަދަ ކުރަން ޖެހެ އެވެ. އަމީތާބު ކަހަލަ ހުނަރުވެރި އެކްޓަރަކަށް މިއީ އެއްގޮތަކަށް ވެސް އުނދަގޫ ކަމަކަށް ނުވާނެ އެވެ.
ޝޯ ޝައުގުވެރިވާނީ ބައިވެރިންގެ ފަރާތުން އެކަށީގެންވާ ޖަޒުބާތުތަކެއް ބަލާ މީހުންނާ ހަމަޔަށް ފޯރުކޮށްދީގެންނެވެ. އެ ޖަޒުބާތުތައް ބޭރުކޮށް ބަންޑުން ކޮށްލެވޭނީ ހަމަ އަމީތާބު ކަހަލަ ހޯސްޓަކަށެވެ.

މިފަހަރުގެ ޝޯގައި އޯޑިއަންސް ޕޯލް ލައިފްލައިނެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި "ވީޑިއޯ އަ ފްރެންޑް" ލައިފްލައިން ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން ކަމާ ގުޅޭ ތަޖުރިބާކާރެއްގެ އެހީތެރިކަން ލިބޭ ލައިފްލައިނަކާއި 50-50 އޮޕްޝަން އަދި ސުވާލު ދޫކޮށްލެވޭ ލައިފް ލައިން ހިމެނޭނެ އެވެ.

މިފަހަރުގެ ޝޯގައި ބައިވެރިންނަށް 11 އޮޕްޝަނެއް ލިބޭނެ އެވެ. އަދި ކުރިން 10 ބައިވެރިން "ފާސްޓަސް ފިންގާ ފަސްޓް"ގައި ބައިވެރި ވެވުނަސް މިފަހަރު ތިބޭނީ އަށް ބައިވެރިންނެވެ. މި އަށް ބައިވެރިން ތިބޭނީ އެކަކު އަނެކަކާ ވަރަށް ދުރުދުރުގަ އެވެ. އަދި އަމީތާބު އާއި ކޮންޓެސްޓެންޓާ ދެމެދު ވެސް ފުދޭ ވަރެއްގެ ދުރުމިނެއް ހުންނާނެ އެވެ. އަދި ޝޯގެ ބައިވެރިންނަށް އުފަލުން ގޮސް އަމީތާބާ ހަމަޔަށް ނުދެވޭނެ ފަދަ ގޮތަކަށް ޝޯގެ ސެޓު ވަނީ ޑިޒައިން ކޮށްފަ އެވެ.

ޝޯއަށް މިފަހަރު ބައިވެރިން ހޮވީ ޑިޖިޓަލް އޮޑިޝަނަކަށް ފަހުގަ އެވެ. އެގޮތުން ހޮވުނު މީހުން މުމްބައިއަށް ގެނެސް ހޮޓަލެއްގައި ކަރަންޓީނު މުއްދަތު ފުރިހަމަ ކޮށްފައި ވެއެވެ. އަދި ޝޯގެ ސެޓަށް ވަނުމުގެ ކުރިން އެމީހުން ކޮރޯނާވައިރަސް ޓެސްޓް ހަދާފައިވެއެވެ. ޝޯގައި ދައްކާ ރިއަލިޓީ ވީޑިއޯތައް ވެސް މިފަހަރު ޝޫޓް ކޮށްފައިވަނީ ޕްރޮޑަކްޝަން ޓީމުގެ އިރުޝާދުގެ ދަށުން އެ ބައިވެރިއަކު އަމިއްލައަށެވެ.
މިފަހަރު ސީޒަންގައި ދައްކަން ހަމަޖެހިފައިވަނީ ކޭބީސީގެ 95 އެޕިސޯޑެވެ. އެއީ 19 ހަފުތާ އަށް ދެމިގެންދާ ގޮތަށެވެ. ނަމަވެސް ޝޯގެ އެޕިސޯޑް އިތުރުކުރުން ނުވަތަ މަދުކުރަން ބިނާ ވެގެން ދާނީ ޝޯ އަށް ލިބޭ ތަރުހީބެއްގެ މައްޗަށެވެ.