ޖޭއެސްސީ

8 ދާއިރާ އަކަށް އިސް މެޖިސްޓްރޭޓުން ހޯދަނީ

8 ދާއިރާއެއްގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަަތިލުމުގެ ފުރުސަތު ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން އިސް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ ގދ، ގއ، ވ، ބ، ނ، ށ، ހދ، އަދި ހއ ގެ ޖުޑިޝަލް ދާއިރާއަށެވެ. އިސް މެޖިސްޓްރޭޓަށް މުސާރައާ އިނާޔަތުގެ ގޮތުގައި 27،950 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތް އިންޝްއަރެންސް ލިބިވަޑައިގަންނަވާނެއެވެ. މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް މަހަކަށް 1,500 ރުފިޔާގެ އިތުރު އެލަވަންސްއެއް ލިބިވަޑައިގަންނަވާނެ އެވެ. މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުން ކަމަށް ބަލާނީ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުމަށެވެ.

މި މަގާމުތަކަށް ކުރިމަތި ލެވޭނީ ހުޅުވާލާފައިވާ 8 ދާއިރާގެ ތެރެއިން ދާއިރާއެއްގެ ކޯޓެއްގެ އިސް މެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުން ގެންދާ ބޭފުޅަކަށެވެ. މި މަގާމުތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ އަންނަ މަހުގެ ހަވަނަ ދުވަހުގެ މެންދުރު 1:00 ގެ ނިޔަށެވެ.