ފިނިޕޭޖް

ޑާކްރެއިންގެ ފުރަތަމަ ކުރު ފިލްމު އަންނަ މަހު

ޑާކްރެއިން އެންޓަޓެއިންމަންޓުން ބެލުންތެރިންނަށް ގެނެސްދޭން ނިމި ކުރު ފިލްމުތަކުގެ ތެރެއިން ފުރަތަމަ ފިލްމު އަންނަ މަހުގެ ފުރަތަމަ ދުވަހު ގެނެސް ދޭން އިއުލާނު ކޮށްފި އެވެ.

ޑާކްރެއިންއިން ވަނީ އެ ސްޓޫޑިއޯގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް "ޝޯޓްސް" ގެ ނަމުގައި ކުރު ފިލްމުތަކެއް ގެނެސް ދޭން ނިންމާފަަ އެވެ. އެ ސްޓޫޑިއޯއިން ބުނީ މިއީ ޑާކްރެއިންގެ ވަފާތެރި ސަޕޯޓަރުންނަށް ދޭ ހަދިޔާއެއް ކަމަށެވެ.

މިއީ ރާއްޖޭގައި މިފަދަ ކަމެއް ފިލްމު އުފައްދާ ކުންފުންޏަކުން ކުރާ ފުރަތަަމަ ފަހަރެވެ.

"ޝޯޓްސް" ގެ ދަށުން ފުރަތަމަ ގެނެސްދޭނީ "ދައުވަތު" ނަމުގައި ގެނެސްދޭ ކުރު ފިލްމެކެވެ. އޮފިޝަލް ޕޯސްޓަރު ވެސް އާންމު ކޮށްފައިވާ މި ފިލްމް އަންނަ މަހުގެ ފުރަތަމަ ދުވަހު ދޫކޮށްލާނެ އެވެ. ޑާކްރެއިންއިން ބުނީ ޔޫޓިއުބް ޗެނަލްގައި ގެނެސްދެނީ ކުރު ފިލްމުތަކެއް ނަމަވެސް އެ ފިލްމުތަކަކީ ސަންސްޕެންސްތަކާއި ޓްވިސްޓްތަކުން ފުރިފައިވާ ފިލްމުތަކަކަށް ވާނެ ކަމަށެވެ. "ދައުވަތު" ގައި ކޮމެޑިއަން އަހުމަދު ސުނީ އަދި ޒުވާން ފިލްމީ ތަރި މަރިޔަމް ޝިފާ ހަރަކާތްތެރިވެ އެވެ.

ޑާކްރެއިންއިން މިހާރުވެސް ގެންދަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެ މީހުންގެ ފިލްމް "ނޮވެންބަރު" ގެ މަސައްކަތް މުޅިން ނިމިފައިވާއިރު "ބަޅިނދު" އަދި "ބީވީމާ" ގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި "ރެހެނދި ހަދީޖާ" ގެ ނަމުގައި ވެސް ފިލްމެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.