ވިޔަފާރި

ގްރީން ޓެކުހަށް ހޭލުންތެރި ކުރުވަން ޓޫރިޒަމް ދާއިރާ އެއްކޮށްފި

އަންނަ މަހުގެ އެއްވަނަ ދުވަހު ނަގަން ފަށާ "ގްރީން ޓެކްސް" އަށް ހޭލުންތެރި ކުރުވަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓޫރިޒަމް ދާއިރާ އެއްވަނަކަށް ގެނެސް، ސެމިނާއެއް ފަށައިފި އެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށްދާ މި ސެމިނާގައި ރާއްޖޭގެ ހުރިހާ ރިސޯޓަކުންނާއި ހޮޓާ އަދި ސަފާރީތަކުގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. މި ސެމިނާގައި ރިސޯޓުތަކުގެ އެކައުންޓް ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުން ބައިވެރިވެފައިވެ އެވެ.

ސެމިނާ ފައްޓަވައި ދެއްވަމުން ދައުލަތުގެ ޓެކްސް އިދާރާ މީރާގެ، ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ މީރާ އުފެދުނުތާ ފަސް އަހަރު ފެށިގެންދާއިރު ޓެކްސްއާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި، އެގޮތުން މީރާގެ ފަސް އަހަރުގެ ތެރޭގައި ޓީޖީއެސްޓީ އާއި ބީޕީޓީ އަދި ޖީއެސްޓީ ނަގަން ފަށާފައިވާ ކަމަށެވެ. އެގޮތުން މި ހުރިހާ ޓެކްސްތަކުން ގިނަ ފިލާވަޅުތަކެއް މީރާއަށް ލިބިފައިވާ ކަމަށް ޔަޒީދު ވިދާޅުވި އެވެ.

"އެނގިގެންދިޔަ ކަންތައްތަކުގެ އަލީގައި ގްރީން ޓެކްސް ނެގުމަށް ކަމާބެހޭ ގިނަ ފަރާތްތަކުގެ
ހިޔާލު ހޯދިފައިވޭ،" ޔަޒީދު ވިދާޅުވި އެވެ.

ގްރީން ޓެކްސް ނަގަނީ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތައް އަދި ޓޫރިސްޓުންނަށް ހިދުމަތްދޭ އުޅަނދު ފަހަރުންނެވެ. ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ކޮންމެ ޓޫރިސްޓަކަށް ހަ ޑޮލަރެވެ.