ހަބަރު

އިންޑިއާއިން ރާއްޖެއަށް އެއާކްރާފްޓެއް ދީފި

Sep 29, 2020
8

ދިވެހި ސަރުކާރާއި ގުޅުން ވަރުގަދަ ކޮށްފައިވާ އިންޑިއާއިން ރާއްޖެއަށް ޑޯނިއާ މަރުކާގެ އެއާ ކްރާފްޓެއް ހަދިޔާ ދިޔާކޮށްފި އެވެ. މި އެއާ ކްރާފްޓް ހަދިޔާ ކުރީ އިންޑިއާގެ ހަރަކާްތްތައް ރާއްޖޭގައި ފުޅާކޮށްފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ރާއްޖޭގެ އުތުރަށް ކާގޯ ފެރީއެއްގެ ދަތުރުތައް ވެސް ފަށާފައިވާ އިންޑިއާއިން ރާއްޖޭގައި ގާއިމްކޮށްފައިވާ އެންބަސީން ބުނި ގޮތުގައި މިއީ ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޓް ކުރާނެ، އެއާކްރާފްޓެކެވެ.

ހައި ކޮމިޝަނުން ބުނީ މި އެއާ ކްރާފްޓް އޮޕަރޭޓް ކުރާނީ ދިވެހި ސިފައިން ކަމަށާއި އެކަމަށް ދިވެހި ޕައިލެޓުން ތަމްރީންކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ކޮންޓްރޯލްގެ ދަށުގައި އެއާކްރާފްޓް ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިން ކަމަށެވެ. އަދި މި އެއާކްރާފްޓް ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބަލައްޓާއި ރެސްކިއު އޮޕަޜޭޝަންތަކަށެވެ. އެމްއެންޑީއެފްގެ އެއާ ވިންގުގެ ކުލަތައް ހިމަނާފައިވާ މި އެއާކްރާފްޓްގެ އެހީގައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވޭނެ ކަމަށް ވެސް އެންބަސީން ބުނެ އެވެ.

އިންޑިއާއިން މިފަދަ އެއާ ކްރާފްޓެއް ދިން އިރު މިހާރު ވެސް ރާއްޖެއަށް "ހަދިޔާ" ކޮށްފައި އޮންނަ ދެ ހެލިކޮޕްޓަރު އޮވެ އެވެ. އެ ދެ އުޅަނދު ދުއްވަނީ އިންޑިއާ ސިފައިންނެވެ. އެކަމަށް ގިނަ އަދަދެއްގެ ސިފައިން ރާއްޖެ ފައިބައި ތިބެ އެވެ. އެކަމާ ދިވެހިންގެ ވަރަށް ގިނަ ބަޔަކު ނުރުހޭކަން ފާޅުކޮށް ފާޑު ކިޔުންތައް އަމާޒު ކުރާތާ އެތައް އަހަރެއް ވެފައި ވެއެވެ.

މިހާރުވެސް "އިންޑިއާ އައުޓް" ގެ ނަމުގައި ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި އާންމު ގިނަ ބަޔަކު ގުޅިގެން ކެމްޕޭނެއް ފުޅާކޮށްފައި ވެއެވެ.