ކުޅިވަރު

އިބްރާހިމް އިސްމާއީލް ރިޓަޔާ ކުރައްވައިފި

ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވައި، ކުޅިވަރުގެ މެނޭޖުމެންޓް ދާއިރާއިން އިބްރާހިމް އިސްމާއީލް ރިޓާޔާ ކުރައްވައިފި އެވެ.

ގާތްގަނޑަކަށް 50 އަހަރު ދިވެހި ކުޅިވަރަށް ޙިދުމަތް ކުރެއްވި އިބްރާހިމް އިސްމާއީލް ވަނީ ކުޅުންތެރިޔެއްގެ ގޮތުގަައި، ރެފްރީއެއްގެ ގޮތުގައި އަދި ކުޅިވަރު ހިންގުމުގެ ދާއިރާގައި ހިދުމަތް ކުރައްވާފަ އެވެ. އޭނާ އަކީ ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ ފުރަތަމަ ކެޕްޓަނެވެ. ރީޔޫނިއަންގައި 1978 ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ކުރެއްވީ އޭނާ އެވެ.

ސްޕޯޓްސް ކައުންސިލްގެ ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން އިބްރާހިމް އިސްމާއީލް ވަނީ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްކަން ކުރައްވާފަ އެވެ. އެ އެސޯސިއޭޝަނަށް 2015 ވަނަ އަހަރު ގައުމީ އެސޯސިއޭޝަންގެ ހައިސިއްޔަތު ލިބުނީ އިބްރާހިމް އިސްމާއީލް ރައީސް ކަމުގައި ހުންނަވައި ކުރެއްވި މަސައްކަތުންނެވެ. އޭނާ އަކީ އެ އެސޯސިއޭޝަންގެ ފުރަތަމަ ރައީސް އެވެ.

އެ އެސޯސިއޭޝަންގެ ރައީސް ކަމަށް ވަޑައިގެންނެވުމުގެ ކުރިން، އިބްރާހިމް އިސްމާއީލް އަދާ ކުރެއްވި މަގާމަކީ އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު 2008 ވަނަ އަހަރު ބާއްވަން ފަށައި، އޮލިމްޕިކް ކޮމިޓީއަށް ވޯޓަކުން އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ ރައީސް އަކީ އިބްރާހިމް އިސްމާއީލް އެވެ. އެއް ދައުރު އަދާ ކުރައްވައި މަގާމުން ވަކިވެ ވަޑައިގެންނެވި ނަމަވެސް، އޮލިމްޕިކް ކޮމިޓީން ވަނީ އެ ޖަމްއިއްޔާގެ އޮނަރަރީ ރައީސްކަން އިބްރާހިމް އިސްމާއީލްއަށް އަރުވާފަ އެވެ.

އިބްރާހިމް އިސްމާއީލްގެހާއްސަ ވެވަޑައިގެންނެވީ ތައުލީމީ ދާއިރާއިންނެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް މަގާމުގައި ހުންނެވުމަށް އިބްރާހިމް އިސްމާއިލް ވަނީ އުމުރު ހަމަވެ ރިޓަޔާ ކުރައްވާފަ އެވެ.