ކެބިނެޓް

ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތް ކުރަނީ

ޅ. އަތޮޅުގެ ފަސް ސަރަހައްދެއް ހިމާޔަތް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ނިންމުން ނިންމީ މިއަދު ބޭއްވި ކެބިނެޓްގެ ބައްދަލުވުމެއްގައި ކަމަށެވެ. އެގޮތުން ޅ. މާގަނދު ނުވަތަ އެނިމޮނީ ތިލަ އާއި ދިއްފުށި-މާދޫގައި ހިމެނޭ ފަސް ރަށުގެ ތެރެއިން އެންމެ އުތުރުން އޮންނަ ރަށް ކަމަށްވާ ސެއްޅިފުށީގެ ޗަސްބިން ސަރަހައްދާއި ޅ. މާކޯ އާއި ޅ. ވައްވަރު އަދި ދަނޑިފަޅު ކަނޑު އޮޅި އާއި ދަނޑިފަޅު ފިނޮޅު ސަރަހައްދާއި ޅ. ދަށުގިރި ފިނޮޅު ސަރަހައްދު ހިމާޔަތްކުރުމަށް ވަނީ ނިންމާފަ އެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު ހިމާޔަތްކުރަން ނިންމި ފަސް ސަރަހައްދަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދު ތަކެކެވެ. އެ ސަރަހައްދުތައް ކަނޑައެޅީ ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތާއި ލިބެންހުރި ދިރާސާ ރިޕޯޓުތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބަލައިގެނެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރި ކުރުމަކީ މި ސަރުކާރުން ވީ ވައުދެކެވެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ، ހދ. ށ އަދި ނ. އަތޮޅުގެ 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު މިހާރު ވަނީ ހިމާޔަތްކޮށްފަ އެވެ.