ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެންމެ އިސްކަންދޭނެ ކަންކަން ކަނޑައަޅައިފި

ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އެންމެ އިސްކަން ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުން ތައްޔާރު ކޮށްފައިވާ "ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް" އާ ގުޅޭގޮތުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި އެވެ.

ސަރުކާރުން ވަނީ ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019 - 2023 (އެސްއޭޕީ) އެއް އެކުލަވާލާފަ އެވެ. އެ އެސްއޭޕީގައި ކުރިއަށް އޮތް ދެ އަހަރު ސަރުކާރުން އިސްކަން ދީގެން ކުރަން ހުރި ކަންކަން ހިމަނާ ލިސްޓްކޮށްފައި ވެއެވެ. ނަމަވެސް ކުރިއަށް ގެންދަންރާއްވަވާފައިވާ އެކި ކަންކަން ކުރިއަށް ގެންދަން ކޮވިޑާ ގުޅިގެން ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ އެ ގޮންޖެހުންތައް ހުރުމުން ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަން ހުރި ކަންކަން އަލުން ތަރުތީބު ކުރުމަށްޓަކައި "ޕޮލިސީ ޕްރަޔޮރިޓީ ލިސްޓް" އާ ގުޅޭގޮތުން މިއަދު ވަޒީރުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި މަޝްވަރާތަކުގައި ހުރިހާ ސެކްޓަރުތަކުން ވެސް ކުރިއަށް އޮތް ދެ އަހަރަށް އިސްކަން ދީގެން ކުރާނެ ކަންތައްތައް ވަނީ ކަނޑައަޅާފަ އެވެ. އަދި ސަރުކާރުގެ އޮފީސްތަކުން މި ކަންތައްތަކަށް އަމަލު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެން ދިއުމަށް ވެސް މިއަދުގެ ޖަލްސާގައި ނިންމި އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގެ ތަފްސީލެއް ނުދެ އެވެ.

ކޮވިޑްގެ ބަލާއަފާތުގެ ސަބަބުން ދައުލަތުގެ އިގްތިސޯދީ ހާލަތު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ. އަދި ދައުލަތަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ ބަޖެޓް ސަޕޯޓަށް ގައުމުތަކުގެ އެހީތެރިކަން ވެސް ވަނީ ހޯދާފަ އެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތަރައްގީގެ މުހިންމު މަޝްރޫއެއް ފެށިފައި ނުވާއިރު މި ސަރުކާރުން އަންނަ އަހަރަށް ގިނަ މަޝްރޫއުތަކެއް ފަށަން ދަނީ ތައްޔާރުވަމުންނެވެ.