ޗައިނާ އިން އެއްފަހަރާ އަސްކަރީ ފަސް ތަމްރީނެއް ކުރިޔަށް ގެންގޮސް އިތުރު ތަމްރީނުތަކާއެކު ދުނިޔޭގެ ސަމާލުކަން އަނބުރާލައިފި އެވެ. މި ތަމްރީންތައް ބާއްވައިފައި ވަނީ ޗައިނާ ކަނޑުގެ އައްސޭރިފަށުގެ ހަތަރު ސަރަހައްދެއްގަ އެވެ. މިގޮތަށް އެއްފަހަރާ މިހާ ގިނަ އަސްކަރީ ތަމްރީންތައް ބޭއްވުމަކީ އާންމުކޮށް ޗައިނާއިން ކުރާ ކަމެއް ނޫނެވެ. އަދި މިއީ ވޭތުވެދިޔަ ދެ މަސްތެރޭ އެއްފަހަރާ މިހާ ގިނަ ތަމްރީންތައް ބާއްވާ ދެވަނަ ފަހަރެވެ.
ހޯމަ ދުވަހު ރޮއިޓާސް އިން ބުނީ އަސްކަރީ ދެ ތަމްރީނެއް ބާއްވާފައި ވަނީ ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ޖެހިފައިވާ ޕެރިސަލް ރަށްތަކުގެ ކައިރީގައި ކަމަށެވެ. އަނެއް ތަމްރީން އޮތީ އިރުމަތީ ޗައިނާ ކަނޑުގައި ކަމަށެވެ. މީގެ އިތުރުން އުތުރުގެ ބޮހައި ކަނޑު ގައި ވެސް ތަމްރީންތައް ބާއްވާފައިވާ ކަމަށް އެ އެޖެންސީން ބުނެ އެވެ.
ޗައިނާއިން ޔެލޯ ސީ ގެ ދެކުނުގައި ބޭއްވި ތަމްރީން ތަކުގައި އަސްލު ވަޒަން ވެސް ބޭނުން ކޮށްފައި ވެއެވެ. މި ތަމްރީންތައް ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާނެ އެވެ. އަދި އެ ސަރަހައްދަށް ބޯޓުފަހަރު ވަނުން ވެސް މިހާރު ވަނީ މަނާ ކޮށްފަ އެވެ.
ޗައިނާގެ އަސްކަރީ ތަޖުރިބާ ކާރުން ބުނާ ގޮތުގައި މި ގޮތަށް އެއްފަހަރާ ގިނަ ތަމްރީތަކެއް ބޭއްވުމަކީ ޗައިނާ އިން އާންމު ކޮށް ކުރާ ކަމެއް ނޫނެވެ. މި ތަމްރީންތަކަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާއިން ވަނީ އެ ސަރަހައްދުގެ ނޯ ފްލައި ޒޯން ކައިރިއަށް ޖާސޫސީ މަތިންދާ ބޯޓްތައް ފޮނުވާފަ އެވެ. އަދި އެމެރިކާ އިން ބުނެފަ އިވަނީ ޗައިނާގެ ތަމްރީތަކުގެ ސަބަބުން މައްސަލަ ހޫނުވެ ސަރަހައްދަށް ނުރައްކާވެފައިވާ ކަމަށެވެ. އޭގެ ރައްދުގައި ޗައިނާ އިން ބުނެފައި ވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ ކަމަށެވެ.