ދުނިޔެ

ނަގޯނަކަރަބާގެ ހަމަ ނުޖަހުން: އިތުރަށް ހުޅު ރޯ ނުކޮށް ތިބެން ރަޝިއާ ތުރުކީއަށް ގޮވާލައިފި

ނަގޯނަކަރަބާގެ މައްސަލައިގައި އާމީނިއާ އާއި އާޒަބައިޖާންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުމުގެ ތެރެއަށް ވަދެ އިތުރަށް ހޫނު ކުރުމުގެ ބަދަލުގައި ހައްލެއް ހޯދުމުގައި މެދުވެރިއެއްގެ ރޯލް އަދާކޮށް ދިނުމަށް ރަޝިއާއިން ތުރުކީ ކިބައިން އެދިއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވުނު ވަރުގަދަ ހަމަލަ ތަކުގައި އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ. އާމީނިއާ އާއި އާޒަބައިޖާނާ ދެމެދު މިފަހަރު މި އުފެދުނު ހަމަނުޖެހުމަކީ 1990 އިގެ އަހަރު ތަކުގެ ފަހުން މި ސަރަހައްދުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުމެވެ.

ރަޝިއާގެ މި ގޮވާލުން އައިސްފައި މިވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރްދޮގާން މިދިޔަ ހޯމަ ދުވަހު އާމީނިއާގެ ސަރުކާރަށް އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން ނަގޯނަކަރަބާ އިން ފައިބަން ގޮވާލުމާއި ގުޅިގެންނެވެ. މި ސަރަހައްދަކީ ބައިނަލް އަގުވާމީ ގޮތުން އާޒަބައިޖާންގެ ސަރަހައްދެއް ކަމަށް ގަބޫލުކުރާ ސަރަހައްދެކެވެ.

"ހުރިހާ ފަރާތަކަށް ވެސް ހާއްސަކޮށް ތުރުކީއަށް ގޮވާލަން ދެ ގައުމު ސުލްހަ ކުރުވުމަށް މަސައްކަތް ކުރުމަށް ސިޔާސީ ގޮތުންނާއި ޑިޕްލޮމެޓިކް ގޮތުން މަސައްކަތް ކުރުމަށް" ރަޝިޔާގެ ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯފް ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. "އެއްވެސް ފަރާތަކަށް ތާއީދުކޮށް ބަޔާން ދިނުމާއި އަދި އަސްކަރީ ހަރަކާތެއް ހިންގުމަކީ އަލިފާނަށް ތެޔޮ އެޅުން ފަދަ ކަމެއް. މިކަމާއި އަޅުގަނޑުމެން ދެކޮޅު ހަދަން"

އާމީނިޔާއިން ވަނީ ތުރުކީން ކުލީ ސިފައިން އާޒަބައިޖާނަށް ފޮނުވާކަމަށް ތުހުމަތު ކޮށްފަ އެވެ. މި ތުހުމަތުތަކަށް ތުރުކީން ވަނީ އިންކާރު ކޮށްފަ އެވެ. މީގެ އިތުރަށް ތުރުކީ އާއި އާމީނިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެކަމަކު ރަޝިއާ އާއި އާމީނިއާގެ ގުޅުން ވަރަށް ރަނގަޅުވުމުގެ އިތުރަށް ރަޝިއާގެ އަސްކަރީ މަރުކަޒެއް އާމީނިއާ ގައި ހުރެ އެވެ. ރަޝިއާއިން އާމީނިއާ އާއި އާޒަބައިޖާނަށް ވެސް ހަތިޔާރު ފޯރުކޮށް ދެ އެވެ.

އެމެރިކާ އާއި ރަޝިއާ އަދި ފްރާންސުން މި ދެ ގައުމު ސުލްހަ ކުރުވުމަށް މީގެ ކުރިން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން 2010 ވަނަ އަހަރު ކުރެވުނު މަސައްކަތް ނިންމުނީ އޮއްޓަރެއް ފައިދާ ނުވެ އެވެ.