ރާއްޖޭގެ 33 ވަނަ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒްގެ މަސައްކަތްތަށް ކުރަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިކޮނޮމިކް މިނިސްޓްރީ އާއެކު ސޮއިކޮށްފި އެވެ.
ޕީއެސްއެމް އިން ސޮއި ކުރީ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގެ އިވެންޓް މެނޭޖު ކުރުމުގެ މަސައްކަތް ކުރުމަށާއި، އިސްތިހާރުކޮށް ސްޕޮންސާ ހޯދަން މަސައްކަތް ކުރާށެވެ. މި އެއްބަސް ވުމުގައި އިކްނޮމިކް މިނިސްޓްރީ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދެވެ. ޕީއެސްއެމް ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުލް ލަތީފް އެވެ.
މިއަދު ޓީވީއެމްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިކްރާމް ވިދާޅުވީ އުފެއްދުން ތެރިކަމުގެ ގައުމީ މައުރަޒަކީ ރާއްޖޭގައި ދިގު ތާރީހެއް އޮތް އިވެންޓެއް ކަމަށާއި ގިނަ ދުވަސް ތަކަކަށް ފަހު މިއަހަރު ބާއްވާ މައުރަޒު ކުލަ ގަދަކޮށް ގިނަ ބަޔަކު ޝައުގުވެރިވާ ގޮތަކަށް ގެންދިޔުމަށް ޕީއެސްއެމްގެ ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ. އަދި މިއަދު އެއްބަސް ވުމެއްގައި ސޮއި ކުރި ނަމަވެސް އެމިނިސްޓްރީއާ ގުޅިގެން މައުރަޒަށް ތައްޔާރުވާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
"މިއަދު އިކޮނޮމިކް މިނިސްޓްރީއާ އެކު ސޮއި ކުރީ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު އިތުރަށް ފުރިހަމަޔަށް ގިނަ ބަޔަކަށް އެނގޭނެ ގޮތަށް އެތަށް ބަޔެއްގެ ޝައުގުވެރިކަން ހޯދުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް ކުރުމަށް. އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ލިބޭނެ،" ލަތީފް ވިދާޅުވި އެވެ.
މިމައުރަޒުގައި ބައިވެރިވާ ފަރާތްތަކަށް ލިބޭ ފައިދާ ތަކަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ މިމައުރަޒުގައި ބައިވެރިވެ ވަނަތަކަށް ހޮވޭ ފަރާތް ތަކަށް ފައިސާގެ އިނާމުގެ އިތުރުން ދުނިޔޭގެ ބާޒާރުތަކަށް ނިކުމެ އަމިއްލަ އުފެއްދުން ތެރިކަމުން އާމްދަނީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދޭނެ ކަމަށެވެ.
އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު ބާއްވަނީ އަންނަ ޑިސެމްބަރު މަހު 22 އިން ފެށިގެން 29 ހަމަޔަށް ދަރުބާރުގޭގަ އެވެ. އަދި މިމައުރަޒުގައި ހިލޭ ބައިވެރިވެއެވެ.