ކުޅިވަރު

ޕެނަލްޓީން ޗެލްސީ ބަލިކޮށް ޓޮޓެންހަމް ގަދަ އަށަކށް

ޕެނަލްޓީ ޖަހައިގެން 5-4 ން ޗެލްސީ ބަލިކޮށް އިނގިރޭސި ލީގް ކަޕްގެ ގަދަ އަށެއްގެ ބުރަށް ޓޮޓެންހަމް ހޮޓްސްޕާސް ދަތުރުކޮށްފި އެވެ.

ޗެލްސީއަށް ޕެނަލްޓީ ޝޫޓްއައުޓްގައި ނާކާމިޔާބުވީ، އެންމެ ފަހު ޕެނަލްޓީ ފޮނުވާލި މޭސަން މައުންޓް ޖެހި ޕެނަލްޓީގަ އެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީ ޗެލްސީންނެވެ. އެ ޓީމުގެ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޓީމޯ ވާނާ އެވެ. މެޗުގެ 83 ވަނަ މިނެޓާ ހަމައަށް ދިޔައިރުވެސް ޗެލްސީ އޮތީ ލިޑް ގަ އެވެ.

ރެއާލް މެޑްރިޑަށް 30 މިލިއަން ޔޫރޯ ދިނުމަށް ފަހު ސޮއި ކުރުވި ސާޖިއޯ ރެގީލޯންއަށް، ސްޕާސްގެ ކޯޗް ހޯޒެ މޮރީނިއޯ ވަނީ ފުރުސަތު ދީފަ އެވެ. އެ މެޗަކީ ސްޕާސްގެ ޖޯޒީގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ކޮޅު އުނދަގޫ ކޮށް ދިޔަ ނަމަވެސް އޭނާ ވަނީ އެކަމުން އަރައި ގަނެ ސްޕާސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމުގައި އެހީތެރި ވެދީފަ އެވެ. މެޗުގެ 83 ވަނަ މިނެޓްގައި އެރިކް ލަމޭލާ ލަނޑު ކާމިޔާބު ކުރީ ލަމޭލާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މޮރީނިއޯ ބުނީ، ލީގް ކަޕް ކާމިޔާބު ކުރުމަކީ އޭނާ ޝައުގުވެރިވާ ކަމެއް ކަމަށެވެ. "ނަމަވެސް އަހަންނަށް ހީއެއްނުވޭ އަހަންނަށް އެކަން ކުރެވޭނެ ހެނެއް." މޮރީނިއޯ އެހެން ބުނީ ކައިރީގައި ސްޕާސް ކުޅެން ޖެހޭ މެޗުތަކަށް އިޝާރާތް ކޮށެވެ. ރޭގެ މެޗަކީ 12 ދުވަސް ތެރޭ ޓޮޓެންހަމް ކުޅުނު ފަސް ވަނަ ގޭމެވެ. ހަ ވަނަ މެޗު މާދަމާ ރޭ ޔޫރޮޕާ ލީގްގެ ކޮލިފިކޭޝަންގައި ނުކުންނާނީ މެކަބީ ހައިފާ އާ ދެކޮޅަށެވެ.